މިނިސްޓަރ އޮފް ފޮރިން އެފެއާރޒް އަބްދުﷲ ޝާހިދު -- ފޮޓޯ: ފޮރިން މިނިސްޓްރީ

ކޮވިޑް-19ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި ބައިނަލްއަޤްވާމީ ފަރާތްތަކާއި ޕްރައިވެޓް ސެކްޓަރ އިންވެސްޓަރުން ގުޅިގެން ކުދި ޖަޒީރާ ޤައުމުތަކުން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް މަގުފަހިކޮށްދީ، ހަކަތަ އިޤްތިޞާދުކޮށް ހަކަތަ އިމްޕޯޓްކުރުން މަދުކުރުމަށް އެހީތެރިވާން ޖެހޭކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވެފައިވަނީ ޖެނީވާގައި ހުންނަ އދގެ އޮފީހަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންއާއި ބާބެޑޯސްގެ ދާއިމީ މިޝަން ގުޅިގެން ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގައި ވިޔަފާރިއާއި ތިމާވެއްޓާއި ގުޅޭ ގޮތުން ބޭއްވި ހައި-ލެވެލް ވަރޗުއަލް ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ، ދުނިޔެ ހޫނުވުމާ، ޤުދުރަތީ ކާރިސާތަކާ، ކަނޑުގެ ދިރުންތައް މަރުވުމާ، ކަނޑުގެ ލޮނުގަނޑު އުސްވުންފަދަ ކަންކަމުގެ ސަބަބުން ޖަޒީރާ އާބާދިތަކާއި އައްސޭރިފަށުގައި ދިރިއުޅޭ އާބާދީތަކުން އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކަށް ކުރާ ނޭދެވޭ އަސަރު ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ކުރިމަގަށް ހުރަސް އެޅޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުންވެސް މިނިސްޓަރ ވަނީ މިހާރު ދިމާވާ ގުދުރަތީ ކާރިސާތައް ގިނަކަން ފާހަގަކުރައްވަމުން، އެކަންކަމަށް ކުދި ގައުމްތައް ފުރިހަމައަށް ތައްޔާރުވެފައި ނުވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުދި ޖަޒީރާ ޤައުމުތަކުން އާމްދަނީ އާއި ވަޒީފާ އަށް ބަރޯސާވަނީ ސާފު، ދެމެހެއްޓެނެވި ތިމާވެއްޓާއި ގުޅިފައިވާ ކަންކަމަށެވެ.

ކޮވިޑްގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތަކެއް ގެންގުޅުމަށް ކުރެވޭ މަސައްކަތުގައި، ތިމާވެއްޓާއި ރައްޓެހި ވިޔަފާރީގެ ޕްރެކްޓިސްތައް ޕްރޮމޯޓްކުރަން ޖެހޭކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. މިފަދަ މިސާލެއްގެ ގޮތުގައި ރާއްޖޭގެ މަސްވެރިކަން ނަންގަވައި، ޒަމާންތަކެއް ވަންދެން ރާއްޖޭގައި މަސްވެރިކަން ކުރަމުން އަންނަނީ ދެމެހެއްޓެނިވި ގޮތެއްގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މަސްވެރިކަމުގެ ބާނާ އެއްވެސް އެއްޗެއް އުކާ ނުލައި، ކޮންމެ އެއްޗަކީ ކޮންމެވެސް ބޭނުމެއް ހިފޭ އެއްޗެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ތިމާވެއްޓާއި މިފަދަ ރައްޓެހި ގޮތެއްގައި ކުރެވޭ މަސްވެރިކަމުން ބާނާ މަހުގެ ބާވަތްތަކަށް ބައިނަލްއަޤްވާމީ ބާޒާރުގައި ފުރުސަތު ހޯދައިދިނުމަށް ވިޔަފާރީގެ ސިޔާސަތުތައް ކަނޑައެޅުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.