ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިވަގުތު ދަނީ ބޯކޮށް ވާރޭވެހެމުން -- ފޮޓޯ: މިހާރު

މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލަރޓް ނެރެފި އެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން ޔެލޯ އެލަރޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށެވެ.

މެޓް އޮފީހުން ބުނީ، މިއަދު މެންދުރުފަހު 14:00 އިން 18:00 ގެ ނިޔަލަށް ބ. އަތޮޅާއި އައްޑޫ ސިޓީ އާދެމެދުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑާއި ގުޅިގެން ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ވިއްސާރަ ކުރަމުންދާއިރު، ބައެއް ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ވާރޭ ވެހިފައިވާ ކަމަށް ރިކޯޑް ކުރެވިފައިވަނީ އައްޑޫ އަތޮޅަށް ކަމަށާއި، އެގޮތުން ސ. ގަމަށް 166 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. މީގެ އިތުރުން، ގަޑިއަކު 55 މޭލު ބާރުމިނުގައި ވައި ޖެހިފައިވާ ކަމަށް ގަމުގައި ހުންނަ މެޓް އޮފީހަށް ރެކޯޑް ކުރެވިފައިވާ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދެއެވެ.

އަދި ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ކޮޅުގަނޑި ރާއްޖެއާއި ދުރަށް (ހުޅަނގު އުތުރަށް) ޖެހެމުންދާއިރު، މޫސުން ރަނގަޅުވާން ފަށާނީ މާދަމާ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މިއަދާއި މިރޭ، ދެކުނާއި މެދުރާއްޖެތެރޭގެ ބޮޑު ބަޔަކަށް އަދި އުތުރުގެ އެކި ހިސާބަށް ވިއްސާރަވެ ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ ކަމަށާއި، އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މެޓް އޮފީހުން ވަނީ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ބުނެފައެވެ.

އަދި ކަނޑުދަތުރު ކުރާ ފަރާތްތަކުން ކުރިއަށް އޮތް 48 ގަޑިއިރުތެރޭގައި މޫސުމަށް ސަމާލުވުމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކުރެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.