މުސްލިމުންނޭ ބުނީމާ އެހެން ދީންތަކުގެ މީހުން އަޅުގަނޑުމެން ތަފާތު ކުރާ މުހިންމު ދެކަމެއް ވެއެވެ. އެއީ މުސްލިމުން އޫރުމަސް ނުކާނެ ކަމާއި ބަނގުރާ (އަލްކޮހޯލް) ނުބޯނެކަމެވެ. ޚުދު އަޅުގަނޑުމެން މުސްލިމުންނަކީ ވެސް މިތަކެއްޗާއި ވަރަށް ދުރުން އުޅެން ބޭނުންވާ ބައެކެވެ. ސެންޓެއް ވިޔަސް ބޮޑީސްޕްރޭ އެއްވިޔަސް އަލްކޮހޯލް ފްރީ އެއްޗެހި ހޯދެނީ މިހެންވެއެވެ. މިހާވަރުން ބަލައިގެން އުޅެނިކޮށް ކޮރޯނޯވައިރަސް އާއި އެކު އަޅުގަނޑުމެންނަށް މިއޮތީ ވަރަށް ބޮޑު ސުވާލެއް ކުރިމަތި ކޮށްފައެވެ. އެއީ އަލްކޮހޯލް ހުންނަ ހޭންޑް ސެނެޓައިޒަރ ބޭނުންކުރުން އެއީ މުސްލިމުންނަށް ހުއްދަކަމެއްތޯ ކުރެވޭ ސުވާލެވެ.

ކޮވިޑް-19 ގެ ނުރައްކަލުން ރައްކާތެރިވެތިބުމަށް ގިނަގިނައިން އަތްދޮންނަން ޞިއްޙީ މާހިރުން ދަނީ ގޮވާލަމުންނެވެ. އަތްދޮވެވެން ނެތް ހިސާބެއްގައި ނުވަތަ ވަގުތެއްގައި ނަމަ ސެނެޓައިޒަރ އަކުން އަތް ސާފުކުރުމަށް އަންނަނީ ކޮންމެ ދުވަހަކު ހަނދާންކޮށްދެމުންނެވެ. އަދި މި ސެނެޓައިޒަރ ވާންޖެހެނީ 60 އިންސައްތަ އަށްވުރެ މަތީ އަދަދަކަށް އަލްކޮހޯލް ހުންނަ އެއްޗައްކަމަށް ވެސް އަންނަނީ ބުނަމުންނެވެ.

މިދަނޑިވަޅުގައި ބައެއް މުސްލިމް ގައުމުތަކުން އަންނަނީ "ހަލާލް ސެނެޓައިޒަރ" ނުވަތަ "މުސްލިމް ފްރެންޑްލީ" ސެނެޓައިޒަރ ވިއްކަން ފަށާފައެވެ. މެލޭޝިޔާފަދަ ގައުމުތަކުގައި އަލްކޮހޯލް ބޭސްޑް ސެނެޓައިޒަރ އަށް ވުރެ ބޮޑު އަގުގައި މިތަކެތި ދަނީ ވިއްކަމުންނެވެ. އަދި ގިނަ ބަޔަކު ގަންނަން ވެސް ގަނެއެވެ. ނަމަވެސް މީގައިވެސް ހިމެނީ ހަމަ އައިސޮޕްރޮޕިލް އާއި އެތަނޯލް އެވެ. މިދެ ބާވަތަކީވެސް އަލްކޮހޯލްއެވެ. ހުރިހާ ސެނެޓައިޒަރ އެއްވެސް ހެދިފައި ހުންނަނީ 7 ވައްތަރެއްގެ އަލްކޮހޯލް ބޭނުންކޮށްގެންނެވެ. ނަމަވެސް މިއީ އަތްސާފު ކުރުމަށް ބޭނުންކުރާ އެއްޗެއްކަމުން މި، ހަށިގަނޑުގެ އެތެރެއަކަށް ނުދާނެއެވެ. އެހެންކަމުން ޙަރާމް ޙަލާލްގެ ސުވާލުވެސް މިކަމާއި ގުޅިގެން އައިސްގެން ނުވާނެއެވެ. ސެނެޓައިޒަރގައި ބޭނުން ކުރާ އަލްކޮހޯލް އަކީ ސިނާއީ މަސައްކަތްތަކަށް ބޭނުންކުރާ އެއްޗެކެވެ. މިއީ ބުއިމަށް ބޭނުންކުރެވޭ އެއްޗެއް ނޫނެވެ. އެހެންކަމުން ސެނެޓައިޒަރގައި ޙަލާލް އަދި ޙަރާމް ސެނެޓައިޒަރ އެއް ނުހުރެއެވެ.

ދެން އޮތީ ޢިލްމުވެރިން މިކަމުގައި ބުނަނީ ކީކޭތޯ ބަލާލުމެވެ. ޝައްކެތްނެތް ގޮތުގައި އަލްކޮހޯލް އަކީ މުސްލިމުން ބުއިން ޙަރާމް ކުރައްވާފައިވާ އެއްޗެކެވެ. ނަމަވެސް އަޅުގަނޑުމެން ބޭނުންކުރާ ބައެއް ބޭސްތަކުގައި ވެސް އަލްކޮހޯލް ހުރެއެވެ. އެއީ މަނާ އެއްޗެއްސެއް ނޫނެވެ. މެލޭޝިޔާގެ ރިލިޖަސް އެފެއާޒް މިނިސްޓަރ ޑރ. ޒުލްފިކާރު މުޙައްމަދު ވަނީ، އަލްކޮހޯލް ހުންނަ ހޭންޑް ސެނެޓައިޒަރ ބޭނުން ކުރުމަކީ އެއްވެސް މައްސަލައެއް ނޫންކަމާއި، އެ އުނގުޅައިގެން ނަމާދުކުރުމަށްވެސް އެއްވެސް ހުރަހެއް ނެތްކަމަށް ފަތުވާ ދެއްވާފައެވެ.

ސަޙީޙް މުސްލިމުގެ ފަރާތުން ރިވާ ކުރެއްވި، ކީރިތި ރަސޫލާ ﷺ ގެ ހަދީޘެއްގެ މާނާގައި ވެއެވެ. "ޠާހިރު ކަމަކީ އިމާންކަމުގެ ދެބައިކުޅަ އެއްބައެވެ." މިއިން ދޭހަ ވަނީ އިސްލާމްދީން ސާފުތާހިރުކަމަށް ބާރު އަޅާ މިންވަރެވެ. ދެން އޮތީ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމެވެ. ކޮރޯނާވައިރަސް ފަދަ ވައިރަސް ތަކުގައި ހިމެނޭ ޕްރޮޓިން ފަށަލަ ނައްތާލެވެލެނީ ސައިބޯނި ލައިގެން ރީތިކޮށް އަތް ދޮވެގެން ނޫނީ އަލްކޮހޯލް ހުންނަ ސެނެޓައިޒަރއެއް ބޭނުންކޮށްގެންނެވެ. މިއީ ތިމާގެ އަމިއްލަ ނަފްސާއި އެހެންމީހުން މިނުރައްކާތެރިބަލިން ސަލާމަތްކުރުމަށް ވަރަށް މުހިންމުކަމެކެވެ. އިބްނު މާޖާ ރިވާ ކުރެއްވި، ކީރިތި ރަސޫލާ ﷺ ގެ ހަދީޘެއްގެ މާނާގައި ވެއެވެ. "ގެއްލުން ދިނުމެއް ގެއްލުން ލިބިގަތުމެއްވެސް ނެތެވެ". މި ހަދީޘުން ދޭހަވަނީ އަމިއްލައަށް ނުރައްކަލަށް ހުށަހެޅިގަތުމާއި އެހެންމީހުނަށް ނުރައްކާވެދާނެ ކަންކަން މަނާކުރެވިފައިވާ ކަމެވެ. މިއިން އެއްވެސް ޙާލަތެއްގައި އިސްލާމުންނަށް، ހޭންޑް ސެނެޓައިޒަރ ޙަރާމްކަމަށް ނުވަތަ މަނާ ކަމަށް ބާރުލިބޭނެ ހެއްކެއް ނެތެވެ.

ސެނެޓައިޒަރ އާއި ބެހޭގޮތުން ބައެއްމީހުންގެ ހިތުގައި އުފެދޭ އެހެން ސުވާލެއް ވެއެވެ. 60 އިންސައްތަ ހުންނަ ސެނެޓައިޒަރ ރަގަޅު ނަމަ 100 އިންސައްތަ އަލްކޮހޯލް ހުރުން އިތުރަށް ރަގަޅު ނުވާނެތޯއެވެ.؟ ޖަވާބަކީ ފެން ނުވަތަ އެހެން އެއްޗަކަށް އެއް ނުކުރާ އަލްކޮހޯލް އިން ހަންގަނޑު ހަލާކު ކޮށްލާނެއެވެ. އެހެންކަމުން އެއީ އަތްސާފު ކުރުމަށް ބޭނުން ކުރެވޭނެ ގޮތެއްނޫނެވެ. ގިނަ ސެނެޓައިޒަރގައި އިމޮލިއެންޓްސް ކިޔާ އެއްޗަކާ އަލްކޮހޯލް އެއް ކުރެވެނީ އަތުގަ ހަންގަނޑު މަޑުކޮށް ބެހެއްޓުމަށް ޓަކައެވެ.

އަލްކޮހޯލް ބޭސްޑް ސެނެޓައިޒަރއަކީ މިވަގުތު މުޅި ދުނިޔޭގެ އެންމެން ބޭނުންކުރަމުން އަންނަ އެއްޗެވެ. މިހާތަނަށް އެއްވެސް ގައުމަކުން ނުވަތަ ދީނީ ޢިލްމުވެރިއެއްގެ ފަރާތުން މިއީ ހުއްދަ ނޫން އެއްޗެއްކަމަށް ބުނެފައެއްނުވެއެވެ. އެހެންކަމުން އަޅުގަނޑުމެންވެސް މިބޭނުން ކުރުމަށް އެއްވެސް ހުރަހެއް ނެތެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *