މުޅި ދުނިޔެ މިވަގުތު ހުއްޓުމަކަށް އައިސްފައިމިވަނީ، ކޮވިޑް-19 ގެ ސަބަބުން، އެބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅިފައިވާ އެކިއެކި ފިޔަވަޅުތަކުގެ މައްޗަށެވެ. ވައިގެ ދަތުރާއި އެއްގަމު ދަތުރުތައް ހުއްޓި މީހުންވަނީ ގެތަކުގައި ތާށިވެފައެވެ. ވިޔަފާރިތަކާއި އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. މައިދާންތަކާއި މަގުތައް ވަނީ ހުސްވެފައެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރު މަސް ނިމެނިކޮށް ޗައިނާއިން ފެނުނު މި ނުރައްކާތެރި ބަލި، މިހާރު މުޅި ދުނިޔެ އަށް ފެތުރި މިއަދާއި ހަމައަށް 15،300 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އެންމެ ފުރާނައަކީ ވެސް ވަރަށް އަގުބޮޑު އެއްޗެކެވެ. އެހެންވިއްޔާ 15،300 މީހުންގެ ފުރާނަ އަގު ކުރާނީ ކޮން މިންގަނޑަކުން ހެއްޔެވެ؟
ނަމަވެސް މި 15 ހާސް މީހުންގެ އާއިލާތަކުގެ އިތުރުން ބަލިޖެހިފައިވާ 334،000 މީހުންނާއި ދެން ތިބި އެންމެންގެ ސަލާމަތަށް މުޅި ދުނިޔޭގައި އެޅިފައިވާ ފިޔަވަޅުތަކަށް އައްސަރިބަހާއި ސާބަހެވެ. މިކަމުން އަރައިގަތުމާއި، ގެއްލުން ލިބެމުންދާ ފަރާތްތަކަށް އެހީތެރިވުމަށް، މިލިއަން ޑޮލަރުން ހަދިޔާ ކުރަމުންދާ ފަރާތްތަކަށް ނިމުމެއް ނެތް ޝުކުރެވެ. 4 ވަރަކަށް މަސް ތެރޭގައި އެއްބައްޔެއްގައި 15 ހާސް މީހުންގެ ފުރާނަ ދިއުމުން މުޅި ދުނިޔެ މިއޮތީ އެއް ކަމަކަށް ނަޒަރު ހުއްޓިފައެވެ. ދުވަސް ފެށެނީ އަދި ދުވަސް ނިމެނީ ކޮވިޑް-19 ގެ ޚަބަރުތަކުންނެވެ. ރަގަޅު ކަމެކެވެ. ވަރަށް ރަގަޅު ކަމެކެވެ.
ކޮންމެ ދުވަހަކު 25 ހާސް މީހުން މަރުވަމުންދާ ބައްޔެއްގެ ވާހަކަ އެހިން ހެއްޔެވެ؟ އެބަލީގެ ވެކްސިނާއި ދޭންވާ ފަރުވާ ވެސް އެނގިތިބެ ކޮންމެ ދުވަހަކު 25 ހާސް މީހުން މަރުވާން ދޫކޮށްގެން އަޅުގަނޑުމެން އެންމެން އާންމު ދިރިއުޅުމުގައި އަވަދިނެތި އެބަ އުޅެމުއެވެ. އެވާހަކަ ދައްކާލާނޭ މީހަކު ނުވެއެވެ. ޚަބަރެއްގެ ސުރުޚީ އަކުންވެސް ފެންނަނީ މަދު ފަހަރަކު އެވެ. އެއީ ކީއްވެކަން އެނގޭ ހެއްޔެވެ. އެއީ މި ބުނާ ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. އަދި މިބަލި ޖެހެނީ ހަމައެކަނި ފަގީރުންނަށެވެ.
ދައްކަން މިއުޅެނީ ދުނިޔޭގައި ބަނޑުހައި ހޫނުކަމުގައި ކޮންމެ ދުވަހަކު މަރުވަމުންދާ މީހުންގެ ވާހަކައެވެ. ދުވާލަކަށް ފަންސަވީސް ހާހަކީ ވަރަށް ގިނަ ޢަދަދެކެވެ. ކޮވިޑް-19 ފަދަ ބަލިތަކަށް ދޭ ސަމާލުކަން ހައިހޫނުކަމުގައި މަރުވަމުންދާ މީހުންގެ މައްސަލަތަކަށް ދެވޭ ނަމަ މިއަދު އަޅުގަނޑުމެންގެ ދުނިޔެ އޮންނާނީ މިއަށް ވުރެ، އަމާން އަދި އުފާވެރި ތަނެއްގެ ގޮތުގައެވެ. ވިސްނާލާށެވެ. ބަނޑުހައި ކަމުގައި މަރުވާ މީހުންގެ ބޮޑު ބަޔަކީ ކުޑަކުދިންނެވެ. ތިބާގެ ދަރިފުޅު ބަނޑުހައި ވުމުން ތިބާއަށް ކެތްކުރެވޭ ހެއްޔެވެ؟ ނުވަތަ އެހެން މީހެއްގެ ތުއްތު ކުއްޖަކު ކާ އެއްޗަކަށް އާދޭސްކޮށްކޮށް ހުއްޓާ އެކުއްޖާ އަށް އެއްޗެއް ދިއްކޮށްލުމެއް ނެތި، ތިބާގެ އަރުން ކާ އެއްޗެހި ދިރޭނެ ހެއްޔެވެ؟ ދެން ފަހަރަކުން ސުފުރާ މައްޗަށް އެރުމަށްފަހު މިކަމާ ވިސްނާލާށެވެ.
ބަނޑުގައި ހޫނުކަމުގައި އުޅޭ މީހުންގެ ދުނިޔޭގެ ތަފާސް ހިސާބު
ޔޫ.އެން ގެ ފުޑް އެންޑް އެގްރިކަލްޗަރަލް އޮރގަނައިޒޭޝަނުން އަންދާޒާ ކުރާ ގޮތުގައި ދުޅަހެޔޮ ޞިއްޙަތަކަށް ބޭނުންވާ ކާނާ ނުލިބޭ 795 މިލިއަން މީހުން ދުނިޔޭގައި އުޅެއެވެ. އެއީ ދުނިޔޭގެ އާބާދީގެ 10 ބައި ކުޅަ އެއްބައެވެ. އަދި ބަނޑުހައި ހޫނުކަމާއި ގުޅުން ހުރި އެކިއެކި ކަންކަމުގައި ކޮންމެ ދުވަހަކު 25،000 މީހުންމަރުވެއެވެ. މިއީ އަހަރަކު 9.1 މިލިއަން މީހުނެވެ. ބަނޑުހައިހޫނުކަމުގައި އުޅޭ މީހުންގެ ބޮޑު ބައެއް ނިސްބަތްވަނީ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް ކަމުގައި ވިޔަސް، މީގެ 13.5 އިންސައްތަ އަކީ 3 ވަނަ ދުނިޔޭގެ ގައުމުތަކަށް ނިސްބަތްވާ މީހުނެވެ. ބަނޑުހައިހޫނުކަމުގައި އުޅޭމީހުންގެ ބޮޑު ބައެއް އޭޝިޔާ ބައްރަށް ނިސްބަތްވާއިރު، 4.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އޭޝިޔާގެ 3 ބައިކުޅަ 2 ބަޔަކީ ރަގަޅު ކާނާއާއި ޒަރޫރީ ބޭނުންތައް ނުފުއްދޭ މީހުނެވެ. ބަނޑުހައިހޫނުކަމުގައި އުޅޭ މީހުންގެ ބޮޑު އާބާދީ އެއް އޭޝިޔާގައި އޮތް ކަމަށް ވިޔަސް ނިސްބަތުން، ފަގީރުން އެންމެ ގިނައީ އެފްރިކާ ބައްރުގައެވެ. އެ ސަރަހައްދުން ކޮންމެ 4 މީހަކުން އެކަކީ ރަގަޅު ކާނާ ނުލިބޭމީހެކެވެ. ފުޑް އެންޑް އެގްރިކަލްޗަރަލް އޮރގަނައިޒޭޝަންގެ ހިސާބުތައް ދައްކާގޮތުން މިދިޔަ 10 އަހަރުގެ ތެރޭގައި ފަގީރުންގެ ނިސްބަތްވަނީ 176 މިލިއަނުން ދަށްވެފައެވެ.
ބަނޑުގައި ހޫނުކަމާއި ކުޑަކުދިން
ރަގަޅު ކާނާ ނުލިބުމުގެ ސަބަބުން ޞިއްޙީ އެކިއެކި މައްސަލަތަކުގެ ޝިކާރައަކަށް ވެފައިވާ އެތައް މިލިއަން ކުޑަކުދިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެއެވެ. ޔުނިސެފުން އަންދާޒާ ކުރާ ގޮތުގައި ރަގަޅު ކާނާ ނުލިބުމުގެ ސަބަބުން ހެދިބޮޑުވުމަށް ހުރަސްއެޅިފައިވާ، 5 އަހަރުން ދަށުގެ 165 މިލިއަން ކުދިން އުޅެއެވެ. މީގެ ތެރެއިން ކޮންމެ 4 ކުއްޖަކުން އެއް ކުއްޖަކީ ގްރޭޑް އެކަކަށް ދިއުމުގެ ކުރިން، ރަގަޅުކާނާ ނުލިބުމުގެ ސަބަބުން ދިގު މުއްދަތަށް ތަޙައްމަލު ކުރަންޖެހޭ ސިއްޙީ މައްސަލައެއް ހުންނަ ކުއްޖެކެވެ. ދުނިޔޭގެ ނިސްބަތަށް ބަލާއިރު ބަނޑުހައިހޫނުކަމުގައި އުޅޭ ކުދިންގެ 80 އިންސައްތައަކީ 14 ގައުމަކަށް ނިޞްބަތްވާ ކުދިންނެވެ. ބަނޑުހައިހޫނުކަމުގައި އުޅޭ ކުދިންގެ 4 ބައިކުޅަ 3 ބަޔަކީ ތަރައްގީ ނުވާ ހިސާބުތަކުގައި، ދަނޑުވެރިކަން ކުރަން އުޅޭ އާއިލާތަކަށް ނިސްބަތްވާ ކުދިންނެވެ. ޑަބްލިއު.އެޗް.އޯގެ ހިސާބުން ދައްކާގޮތުން ތަރައްގީވަމުން އަންނަ ގައުމުތަކުގެ ކޮންމެ 6 ކުއްޖަކުން 1 ކުއްޖަކީ ނުވަތަ 101 މިލިއަން ކުދިންނަކީ އެކުދިންގެ އުމުރަށްވުރެ ބަރުދަން ލުއި ކުދިންނެވެ. މީގެ ތެރެއިން 53 މިލިއަން ކުދިންނަކީ ދެކުނު އޭޝިޔާގެ ކުދިންނެވެ. ތުއްތުކުދިން ވިހެއުމުން ފެށިގެން 2 އަހަރާއި ހަމައަށް ރަގަޅު ކާނާ ނުލިބޭނަމަ އެކުދިންގެ ބަރުދަން ލުއިވެފައި، ހެދިބުޑުވުމަށް ހުރަސް އެޅެއެވެ. ރަގަޅު ކާނާ ނުލިބުމުގެ ސަބަބުން ކޮންމެ އަހަރަކު، 5 އަހަރުން ދަށުގެ 3.1 މިލިއަން ކުދިން މަރުވެއެވެ. އެއީ ދުވާލަކަށް 8500 ކުދިންނެވެ. ކޮންމެ ދުވަހަކު 66 މިލިއަން ކުދިން ސްކޫލަށް ދަނީ ބަނޑުހައިހޫނުކަމުގައި ތިބެގެންނެވެ. އޭގެ ތެރެއިން 3 ބައިކުޅަ 2 ބައި ކުދިން އުޅެނީ އެފްރިކާގައެވެ. ގާތަގަނޑަކަށް 67 މިލިއަން ކުދިން އެއްގޮތަކަށް ސްކޫލަށް ނުވެސް ދެއެވެ. މީގެ ތެރެއިން ބައެއް ކުދިންނަކީ ސްކޫލަށް ފޮނުވޭނެ ތަނަވަސްކަން ނެތިގެން ސްކޫލަށް ނުފޮނުވާ ކުދިންނެވެ. އަނެއްބައި ކުދިންނަކީ އާއިލާއާއި އެކު އާމްދަނީ ހޯދުމަށް މަސައްކަތްކުރަން ޖެހުމުގެ ސަބަބުން ސްކޫލަށް ނުދެވޭ ކުދިންނެވެ. 2013 ވަނަ އަހަރުގެ ހިސާބުތައް ދައްކާގޮތުން އެމެރިކާގައި ރަގަޅު ކާނާ ނުލިބޭ 15 މިލިއަން ކުދިންގެ ތެރެއިން ބޮޑުބައެއް ނިސްބަތްވަނީ ކޮލަމްބިއާ އަދި މިސިސިޕީއަށެވެ.
ބަނޑުހައިހޫނު ކަމާއި އަންހެނުން
3 ވަނަ ދުނިޔޭގެ ގައުމުތަކުގައި އަންހެނުންނަކީ ގޭތެރޭގެ މަސައްކަތްކޮށް ދަރިން ބެލުމުގެ އިތުރަށް އާއިލާއަށް މާލީގޮތުން އެހީތެރިވުމަށްވެސް މަސައްކަތްކުރާ މީހުނެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ދަނޑުވެރިކަން ކޮށްގެން އާމްދަނީ ހޯދާ އަންހެނުންނެވެ. އެމެރިކާގެ ހިސާބުތައް ދައްކާ ގޮތުން ތަރައްގީވަމުން އަންނަ ގައުމުތަކުގައި، ދަނޑުވެރިކަމުގައި މަސައްކަތްކުރާ މީހުންގެ 43 އިންސައްތައަކީ އަންހެނުންނެވެ. އަދި މިގައުމުތަކުގެ އަންހެނުން 79 އިންސައްތަ އަންހެނުން އާމްދަނީ ހޯދަނީ ދަނޑުވެރިކަމުން ކަމަށް އެމީހުން ބުނެއެވެ. ފުޑް އެންޑް އެގްރިކަލްޗަރަލް އޮރގަނައިޒޭޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދަނޑުވެރިކަން ކުރާން ފިރިހެނުންނަށްވުރެ އަންހެނުންގެ އުފެއްދުންތެރިކަން 20 ނުވަތަ 30 އިންސައްތަ ދަށެވެ. ނަމަވެސް އަންހެނުންނަށް ދަނޑުވެރިކަން ކުރާނެ ސާމާނާއި އޮށް ލިބޭނަމަ، ކާނާ ނުލިބިފައި ދުނިޔޭގައި ތިބިމީހުންގެ އަދަދު 150 މިލިއަނަށް ދަށްކުރެވޭނެއެވެ. ރަގަޅު ކާނާ ނުލިބޭ މައިން ވިހާ ކުދިން ބަރުދަން ލުއިވެފައި، އުމުރުން 5 އަހަރު ފުރުމުގެ ކުރިން އެކުދިން މަރުވުމުގެ ފުރުސަތު 20 އިންސައްތައަށް ބޮޑުވެއެވެ. ތަރައްގީވަމުން އަންނަ ގައުމުތަކުގެ ގިނަ އަންހެނުން ލޭ މަދުވުމުން، އެފަދަ އަންހެނުން ވިހެއުމުގެ ތެރޭގައި މަރުވާ ޢަދަދު އަހަރު 110،000 އަށް އަރައެވެ.
ދުނިޔޭ ބަނޑުހައިހޫނުކަމުގެ ފަރުވާ
ދިރިއުޅުމުގެ ހުރިހާ ދަތިކަމަކާ އެއްގޮތަށް ބަނޑުގައި ހޫނު ކަމަކީވެސް މާލީ ދަތިތަކާއި ގުޅިގެން އަންނަކަމެކެވެ. އަދި މިކަމަކީ އިސްރާފުކުޑަކޮށްގެން ހައްލު ކުރެވިދާނޭ މައްސަލައެކެވެ. ޔޫ.އެންގެ ހިސާބުތައް ދައްކާގޮތުން ކޮންމެ އަހަރަކު 1.3 ބިލިއަން ޓަނުގެ ކާތަކެތި، ކެއުމަށް ބޭނުންކުރެވޭ ހާލަތުގައި އުކާލެވެއެވެ. މުޅި ދުނިޔޭގައި ދަނޑުވެރިކަން ކުރުމަށް ބޭނުންކުރާ ބިމުގެ 4 ބައި ކުޅަ އެއްބައި ވަރުގެ ސަރަހައްދެއް ފުރޭވަރަށް ކާތަކެތި އުކާލެވެއެވެ. ފައިސާގެ އަދަދުން ބުނާނަމަ 750 މިލިއަން ޑޮލަރުގެ ކާތަކެތި އުކާލެވެއެވެ. އުކާލެވޭ ކާބޯތަކެއްޗާއި އަޅާކިޔާ އިރު ދުނިޔޭގެ ބަނޑުހައިހޫނު ކަމުގައި އުޅޭ 66 މިލިއަން ކުދިންނަށް ކާންދިނުމަށް ހޭދާކުރަންޖެހޭ ވަރު ވަރަށް ކުޑައެވެ. ވޯރލްޑް ފުޑް ޕްރޮގްރާމުން ހާމަކުރާ ގޮތުގައި 3.2 ބިލިއަން ޑޮލަރުން މިހުރިހާ ކުދިންނަށް ރަގަޅު ކާނާ ފޯރުކޮށްދެވޭނެއެވެ. މުޅި ދުނިޔޭގެ ހައިހޫނުކަން ނައްތާލުމަށް ބޭނުންވަނީ އަހަރަކު 30 ބިލިއަން ޑޮލަރެވެ. ވިސްނާލާށެވެ! ފަގީރުންގެ ފުރާނާއިގެ އަގުދަށީ ތޯއެވެ؟ އެންމެން އެކުވެގެން ކުރަން އުޅެފިއްޔާ މިއީ ބޮޑުކަމެއްތޯއެވެ؟ ކޮވިޑް-19 އާ ދެކޮޅަށް މިކުރާ މަސައްކަތް މިކަމަށް ނުކުރެވެންވީ ސަބަބަކީ ފަހެ ކޮބައިތޯއެވެ؟