ރައީސް މުހައްމަދު ނަޝީދާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލާ ދެބޭފުޅުން ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރައްވައިފި އެވެ.

ބަހުގެ މި ހަމަލާތައް އަމާޒުކުރައްވާފައިވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވައްޓަސްއަޕް ގުރޫޕްގައެވެ.

ޤުރޫޕްގެ ބައެއް ސްކްރީންޝޮޓްތަކެއް ވަނީ "ޖަޒީރާ" އަށްވެސް ލިބިފަ އެވެ. އެގޮތުން މިރޭގެ 7:07 ގައި މިނިސްޓަރ ފައްޔާޒް ވިދާޅުވެފައިވަނީ އެމަނިކުފާނު ފޮރުވަން ނުޖެހޭނެ ކަމަށެވެ. އަދި މިއީ ނޯތު ކޮރެއާ ނޫންކަމަށް ވިދާޅުވެ މިނިސްޓަރ ފައްޔާޒް ވިދާޅުވެފައިވަނީ ހުދުމުހުތާރު އުސޫލުން ކަންކަން ނުކުރެއްވޭނެކަމަށެވެ.

މިނިސްޓަރ ފައްޔާޒް އެފަދައިން ވިދާޅުވެފައިވަނީ އޭގެކުރިން ރައީސް ނަޝީދު ލިިޔުއްވާފައިވާ މެސެޖަކާއި ގުޅުވައެވެ. އެގޮތުން އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ މިނިސްޓަރ ފައްޔާޒް ފޮރުވުމަށް ކުރައްވާ މަސައްކަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަލާކުވާނެ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު އިޝަރަތްކުރައްވާފައިވާ އިޝާރަތްކުރެއްވުމަކީ ކޮބައިކަމެއް، ލިބިފައިވާ ސްކްރީންޝޮޓްތަކުން ސާފެއް ނުވެ އެވެ.

އެއަށްފަހު، އިތުރު ބަޔެއް ވާހަކަތައް ގުރޫޕްގައި ތިއްބެވި އެހެން މެމްބަރުން ދައްކަވާފައިވެއެވެ. ނަމަވެސް ދެތިން މެސެޖަށްފަހު އަނެއްކާވެސް މިނިސްޓަރު ފައްޔާޒު ވަނީ ގުރޫޕްގައި ލިޔުއްވާފަ އެވެ. އެ މެސެޖުގައި ފައްޔާޒް ވިދާޅުވެފައިވަނީ މީހަކު އެއްޗެއް ބުނާއިރަށް އެކަމުގައި ރައީސް ނަޝީދު ތެދުވެވަޑައިގަންނަވަން ނުޖެހޭކަމަށެވެ. އަދި "އަޅުގަނޑުމެން ލައިގެން ތިބެވޭނީ ވަކިވަރަކަށް" ކަމަށް ވިދާޅުވެ މިނިސްޓަރ ފައްޔާޒް ވިދާޅުވެފައިވަނީ މި ސުކުންތައްވުރެ ދުރަށް އަމިއްލަ ސަލާމަތަށް ނުބައްލަވާކަމަށެވެ.

ފައްޔާޒްގެ އެ މެސެޖާއި ގުޅުވައި ރައީސް ނަޝީދު ދެން ވިދާޅުވެފައިވަނީ ނިކުމެ ހުންނެވީ އެމްޑީޕީ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމަށްކަމަށެވެ. އަދި ފައްޔާޒާއި ދެކޮޅަށް ތެދުވުމަށް ލެދުގަންނަކަމަށް ނަޝީދު ވިދާޅުވި އެވެ.

އެޔާއެކު ގުރޫޕްގައި މިނިސްޓަރ ފައްޔާޒް ވިދާޅުވެފައިވަނީ މިއީ އެނާގެވެސް ޤައުމުކަމަށެވެ. ޤައުމުގެ ކަންކަމާއި ބަސް ވިދާޅުވާނެކަމަށާއި، ހުއްޓުވޭނެ އެހެން ބޭފުޅެއް ނުހުންނާނެކަމަށް ވިދާޅުވެފައިވެއެވެ.

އެ ވާހަކައަށް ރައްދުދެއްވައި ރައީސް ނަޝީދު ގުރޫޕްގައި ލިޔުއްވަފައިވަނީ ޤައުމަކީ ކާކު ޤައުމެއްކަން އޮޅިވަޑައިގެން ނޫޅުއްވާކަމަށެވެ. އަދި ވާހަކަދެއްކެވީ ފައްޔާޒް އަމިއްލައަށްކަމަށް އެމަނިކުފާނު ލިޔުއްވާފައިވެއެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވުމުން، މިނިސްޓަރ ފައްޔާޒް ގުރޫޕްގައި ލިޔުއްވާފައިވަނީ އާންމުންނަށް ފެންނަގޮތަށް އެ ވާހަކަ ދެއްކެވުމަށް ވަޑައިގެންނެވުމަށެވެ. ނުވަތަ ބަހުސްއަކަށް ވަޑައިގަތުމަށެވެ.

ފައްޔާޒުގެ އެ ދުއުވަތު ވަގުތުން ގަބޫލުކުރައްވާ، އެކަމުގައި ކުރިއަށް ވަޑައިގެންނެވުމަށް ގުރޫޕްގައި ރައީސް ނަޝީދު ލިޔުއްވަ އެވެ. އެއާއެކު މާދަންވެސް ރަނގަޅުކަމަށް ވިދާޅުވުމުން، ރައީސް ނަޝީދު ވިދާޅުވީ ޕީއެސްއެމް ރަނގަޅުކަމަށެވެ. ނަމަވެސް ޕީއެސްއެމް އެކަނި ކަމުނުދާކަމަށް ވިދާޅުވެ، ހުރިހާ މީޑިއާއަކަށް ދައުވަތު ދެއްވުމަށް ފައްޔާޒް ހުށަހަޅުއްވަ އެވެ.

މިނިސްޓަރ ފައްޔާޒް އެގޮތަށް ވިދާޅުވުމުން، ރައީސް ނަޝީދު ލިޔުއްވާފައިވަނީ ޕީއެސްއެމް ހަމަޖެއްސުމަށް ހަސަން ލަތީފަށް ދަންނަވާފައިވާނެކަމަށެވެ.

ހަމަ އެ މިނެޓުގައި މިނިސްޓަރ ފައްޔާޒް އަނެއްކާވެސް ގުރޫޕްގައި ލިޔުއްވާ ޝަރުތެއް އޮތްކަމަށް ވިދަޅުވެ އެވެ. އެ ޝަރުތަކީ ހަޖަމްކުރައްވަން އެނގިވަޑައިގެންނެވުންކަމަށާއި، މަޖިލީހުގައި އަމަލުުކުރައްވާގޮތަށް އަމަލުނުކުރެއްވުމަށް ފައްޔާޒް އެދިވަޑައިގަންނަވަ އެވެ. ދައްކަވަން ހުރި ވާހަކަތަކަށް ފުރުސަތު ދެއްވަންވާނެކަމަށް އެދިވަޑައިގަތުމުން، ރައީސް ނަޝީދު އެކަމުގައި މައްސަލައެއް ނެތްކަމަށް ވިދާޅުވެ އެވެ.

ރައީސް މުހައްމަދު ނަޝީދާއި، މިނިސްޓަރ ފައްޔާޒް އިސްމާއިލްއާ ދެ ބޭފުޅުންގެ ދެމެދުގައިވާ މައްސަލަތައް ގޯސްވެ، ރައީސް ނަޝީދު ވަނީ މިނިސްޓަރުގެ އިތުބާރު ނެތްކަމަށްވެސް ވެއްދުމަށް މަސައްކަތްކޮށްފަ އެވެ. ސީދާ މައްސަލައަކީ ކޮބައިކަން މިހާތަަނަށް ސާފުނުވިނަމަވެސް، ރައީސް ނަޝީދު ވިދާޅުވަމުންގެންދަވާ ވާހަކަތަކުގައި ކޮރަޕްޝަންގެ ތުހުމަތުތަކެއް މިނިސްޓަރ ފައްޔާޒަށް ކުރައްވަ އެވެ. ނަމަވެސް އެ ތުހުމަތުތައް މިނިސްޓަރ ފައްޔާޒް އިސްމާއިލް ދޮގުކުރައްވަ އެވެ.

2
0
0
0
1

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. ކަނޑެއެޅިގެން މޑޕ ގެމިވެރިކަން ހަރާބުކުރަން ނަޝީދު ކުރާބަގާވާތެއް ނުބައިކަމެއް ހުރިމީހެއްމީ

    3
    2

ކޮމެންޓް

Your email address will not be published.