ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި މަޝްހޫރު، މައިކްރޯ ސޮފްޓު ކުންފުނީގެ އެއް ބާނީ ބިލް ގޭޓްސް ބުނެފައިވެއެވެ. " ފަގީރު ޙާލުގައި ތިބާ އުފަންވުން އެއި ތިބާގެ ކުށެއް ނޫނެވެ. ނަމަވެސް ފަގީރު ޙާލުގައި ތިބާ މަރުވެއްޖެނަމަ އެއީ ތިބާގެ ކުށެވެ". މާނައަކީ ކޮންމެ މީހަކީވެސް އެމީހެއްގެ ދިރިއުޅުން ކާމިޔާބުކުރަން ގަދައަޅާ މަސައްކަތްކުރަން ކުރަން ޖެހޭނެ މީހެކެވެ. ތިމާއާއި ތިމާގެ އާއިލާގެ އުފާ ފާގަތި ކަމަށް މަސައްކަތް ކުރުމަކީ އިސްލާމްދީން ވެސް އެކަމަށް ބާރު އަޅާ ކަމެކެވެ. މިއަދު މި ބަލާލަނީ ވަރަށް ފަގީރު ޙާލުގައި އުޅެބޮޑުވި ނަމަވެސް އަމިއްލަ އަށް ގަދައަޅާ ކުރި މަސައްކަތުން ތަނަވަސް ކަމާއި މަޝްހޫރު ނަން ހޯދި ބައެއް ފަންނާނުންނަށެވެ. އަޅުގަނޑުމެންގެ އަވަށްޓެރި ބޮލީވުޑުންނެވެ.

1. ޝާހުރުކް ޚާން

މީގެ 25 އަހަރުކުރިން ޝާހްރުކް ޚާނަކީ، ދިރިއުޅުގައި އެތައް ދަތިތަކެއް ތަޙައްމަލު ކުރަމުން އަންނަ ވަރަށް ފަގީރު ކުއްޖެކެވެ. ކޮލެޖަށް ދައްކާނެ ފީ ނުލިބިގެން ގްރޭޑް 12 އާއި ހަމައިން ކިޔެވުމާއި ދުރަށް ދާންޖެހުނެވެ. މަތީ ތަޢުލީމް ޙާޞިލް ކުރުމަށް ސަރުކާރުގެ ކޮލެޖަކުން ޖާގައެއް ލީބޭތޯ މަސައްކަތް ކުރަނިކޮށް، ޝާހުރުކް ގެ ނަސީބު އަތުގައި ހިފީ، ފިލްމު ކުޅެން އޭނާއަށް ލިބުނު ފުރުސަތަކުންނެވެ. އޭގެފަހުން އޭނާއަށް ލިބުން ކާމިޔާބީއަކީ ސީދާ ޝާހުރުކްގެ އަމިއްލަ މަސައްކަތުން ލިބުނު ކާމިޔާބީކަން އެންމެންވެސް ދަނެއެވެ. އޭނާގެ ފުރަގަހުގައި އޭނާއަށް ސަޕޯޓް ދޭނެ އިތުރު މީހަކު ނެތެވެ.

2. ނަވާޒުއްދީން ޞިއްދީޤީ

ނަވާޒުއްދީނަކީ ދަނޑުވެރި އާއިލާއަކަށް އުފަން ކުއްޖެއްކަމުން، ބަނޑުފުރާނަ މުއްތި ކުރުމަށްޓަކައި އޭނާވެސް އެންމެ ފުރަތަމަ ކުރަން ޖެހުނީ ދަނޑުވެރިކަމެވެ. ނަވާޒުއްދީންގެ ޅަ ދުވަސް ހޭދަވެގެން ދިޔައީ ވަރަށް ނިކަމެތި ކަމުގައެވެ. މިކަމުން އަރައިގަތުމަށް، ފަހުން ނަވާޒުއްދީން ވަނީ ސެކިއުރިޓީ ގާޑެއްގެ ވަޒީފާވެސް އަދާކޮށްފައެވެ. ނަވާޒުއްދީން އަށް ބޮލީވުޑުން ލިބުނު ފުރުސަތުގައި، ފިލްމުތަކުގައި ވިދާ ލުމުން އޭނާގެ އާއިލާގެ ހާލަތު އުޑާއި ބިމާހާ ތަފާތުވެގެން ދިޔައެވެ. ނަވާޒުއްދީނަކީ ވެސް އޭނާގެ ކުޅަދާނަ ހުނަރުގެ ސަބަބުން ބޮލީވުޑްގައި ފައިތިލަ ސާބިތު ކުރަމުން އަންނަ ފަންނާނެކެވެ.

3. ރަޖްނީކާންތު

ތަމަޅަ ފިލްމުތަކުގެ ރަސްގެފާނުކަމަށްވާ ރަޖްނީ ކާންތަކީ ދެކުނު އިންޑިޔާގައި ކަލާންގެއެއްގެ ދަރަޖަދީގެން މީހުން އިޙްތިރާމްކުރާ މީހެކެވެ. ނަމަވެސް ރަޖްނީކާންތުގެ އެންމެ ޒުވާން ދުވަސްވަރު އޭނާ ހޭދަ ކުރީ ސްޓޭޝަން ތަކުގައި މީހުންގެ ދަބަސް އުފުލައިދޭ މީހެއްގެ ގޮތުގައި އަދި ބަހުގެ ކޮންޑަކްޓަރެއްގެ ވަޒީފާގައެވެ. ރަޖްނީކާންތުގެ މުޅި ދުނިޔެ ބަދަލުވެގެން ދިޔައީ ފިލްމުތަކުން އޭނާއަށް ލިބުނު ފުރުސަތުގެ ސަބަބުންނެވެ. އަދި މިއަދު އެންމެ މި ދާއިރާގެ އެންމެ އުހުގައި ހުރީ ކުރި ބުރަ މަސައްކަތުގެ ސަބަބުންނެވެ.

4. އަކްޝޭ ކުމާރު

އަކްޝޭ ކުމާރަކީ އޭނާގެ ފުރާވަރުގެ ދުވަސްވަރު އާމްދަނީ ހޯދުމަށް ވެއިޓަރެއް އަދި ތަށިދޮންނަމީހެއްގެ ވަޒީފާވެސް އަދާކުރި މީހެކެވެ. މި ވަޒީފާތަކުން ދެކޮޅު ނުޖެހޭތީ ފަހުން ކައްކާއެއްގެ ވަޒީފާވެސް އަދާކުރިއެވެ. ނަމަވެސް އެވަރުންވެސް ދިރުއުޅުގެ ކަންކަން ހަމަޖެއްސުމުގައި އަކްޝޭ ދިޔައީ ބޮޑެތި ދަތިތަކާ ދިޔައީ ކުރިމަތިލަމުންނެވެ. އަކްޝޭއަކީ އޭނާގެ ނަސީބުން ބޮލީވުޑަށް ވަދެ، އަމިއްލަ ހުނަރު ކުރިއަރުވަން އެތައް މަސައްކަތެއްކޮށްގެން ސުޕަރސްޓާރުގެ ލަގަބު ހޯދާފައިވާ ފަންނާނެކެވެ.

5. އަމީތާބް ބައްޗަން

އަމީތާބަކީ ލިޔުންތެރިންގެ އާއިލާއަކުން އައި މީހެކެވެ. ލިޔުންތެރިންނަކީ އޭރު މާބޮޑު އާމްދަނީއެއް ލިބޭ ބައެއްނޫނެވެ. އަލާހްއާބާދަށް އުފަން އަމީތާބު، އެކްޓިންގގައި އޭނާގެ ނަސީބު ވަޒަންކޮށްލުމަށް ބޮމްބޭއަށް އައީ އަތުގައި އެއްވެސް ފައިސާއެއް ހުރެގެން ނޫނެވެ. ބޮމްބޭގެ މެރިން ޑްރައިވްގައި ހުންނަ ބެންޗުތަކުގައި އެތައް ރެއަކު އަމީތާތު ނިދިއެވެ. މިއަދު ބޮލީވުޑް މެގަސްޓަރ ކަމަށް ބެލެވުނަސް މި ކާމިޔާބީ ހޯދުމަށް ވަރަށް ގިނަ ކަންކަން ތަހައްމަލު ކުރީ މީހަކަށް އަމީތާބު ވާނެއެވެ.

6. ބަމަން އިރާނީ

ބަމަން އިރާނީ އަކީ ވެއިޓަރެއް އަދި ރޫމް އެޓެންޑެއްޓެއްގެ ވަޒީފާއަދާ ކުރި މީހެކެވެ. މިހާރު ބަމަން ހުރި މަޤާމަށް އައުމަށް ގިނަ މަސައްކަތްތަކެއް ކުރަން ބަމަން އަށް ޖެހުނެވެ. ފިލްމު އިންޑަސްޓްރީއިން ބަމަން އަށް ފުރުސަތުލިބުނީ ކެތްތެރިކަމާއި އެކު ކުރި ބުރަ މަސައްކަތްތަކަކަށް ފަހުއެވެ. މިހާރު ބަމަންއަށް ލިބެމުންދާ ފުރުސަތު ތަކަކީ އޭނާގެ ހުނަރު ދައްކާފައިވާތީ ލިބެމުންދާ ފުރުސަތުތަކެވެ.

7. ސްމިރްތީ އިރާނީ

ސްމިރްތީ އިރާނީއަކީ މެކްނޮނަލްޑްގެ ތަޅުންގަނޑު ސާފުކުރުމުގެ މަސައްކަތްކުރި މީހެކެވެ. ޓީވީ ސީރިއަލްތަކުން ފުރުސަތު ލިބުމުގެ ކުރިން އުނދަގޫ ހަޔާތެއް ވެއަތު ކުރަމުންދިޔަ ސްމިރްތީއަކީ މިހާރު ކެބިނެޓް މިނިސްޓަރެކެވެ. ސްމިރްތީ ވަނީ މިސް އިންޑިޔާ ކޮންޓެސްޓްގައި ވެސް ބައިވެރިވެފައެވެ. ނަމަވެސް ގަދަ 9 އަކަށް ނުހޮވި އޭނާވަނީ މުބާރާތުން ކަޓާފައެވެ. މިއަދު އެކްޓްކުރުމުގެ އިތުރުން ފިލްމު އުފެއްދުމާއި ސިޔާސީ ކަންކަމުގައި އުޅެނީ އަމިއްލައަށް ކުރި ބުރަ މަސައްކަތުން ކާމިޔާބީ ލިބިފައިވުމުންނެވެ.

8. މެހްމޫދު ޢަލީ

މެހްމޫދު ސާހާބްގެ ނަމުން މަޝްހޫރުވެފައިވާ މި ފަންނާނަކީ ހެއްވާ ރޯލުތަކުން ބެލުންތެރިންގެ ހިތްތައް ފަތަހަ ކުރި ކުޅަދާނަ ކޮމެޑިއަންއެކެވެ. ފިލްމުކުޅުމުގެ ފުރުސަތު ލިބުމުގެ ކުރިން ޑްރިވަރުކަން ފަދަ ވަރަށް އާދައިގެ މަސައްކަތްތައްވެސް ކުރި މީހެކެވެ. 8 ކުދިން ހިމެނޭ ވަރަށް އާދައިގެ އާއިލާއަކަށް ނިސްބަތްވުމުން ޅަދުވަސް ހޭދަވީ ވަރަށް ނިކަމެތި ކަމުގައެވެ. ނަމަވެސް މިހާރު ދުނިޔޭގައި ނެތް ނަމަވެސް މެހްމޫދު ދެކެ ލޯބިވާ އަދި އިޙްތިރާމް މީހުންވަރަށް ގިނަވާނެއެވެ.

9. ދޭވް އާނަންދު

ދޭވް އާނަންދަކީ ކްލާކެއްގެ ވަޒީފާގައި އުޅެމުން ފިލްމު އިންޑަސްޓްރީ އާ ގުޅުނު މީހެކެވެ. ދޭވް އާނަންދަކީ މިހާތަނަށް ބޮލީވުޑް ދުށް އެންމެ ކުޅަދާނަ ފަންނާނުންގެ ވަރަށް ކުރީގައި ގުނާލެވޭނެ ފަންނާނެކެވެ. ދޭވް އާނަންދަކީ މިހާރުގެ ފަންނާނުންވެސް އޭނާގެ ފިޔަވަޅުމަތިން ހިނގާ، ރޯލްމޮޑެލް އެއްގެ ގޮތުގައި ބަލައި ގަންނަ މީހެކެވެ. ބޮލީވުޑްގައި އޭނާއަށް ލިބުނު ކާމިޔާބީގެ ޙައްޤުވެރިއަކީ ހަމަ ޚުދު އޭނާއެވެ.

10. ދިލިޕް ކުމާރު

ދިލިޕް ކުމާރަކީ ދަނޑުވެރި އާއިލާ އެއްގެ 11 މެމްބަރުންގެ ތެރެއިން އެކެކެވެ. ދިލިޕްގެ ބައްޕަގެ މޭވާ ދަނޑުތަކެއް އޮތެވެ. އެހެންކަމުން އެ މަސައްކަތުގައި އެހީތެރިވުމަށް އޭނާ ވެސް ކުރި މަސައްކަތަކަކީ މޭވާ ވިއްކުމެވެ. ނަމަވެސް ދިރިއުޅުން އާރާސްތުކޮށް އާމްދަނީ އިތުރުކުރުމަށް، އާއިލާއަށް ފިލައިގެން ދިލިޕް ޕޫނާއަށް ދިޔައެވެ. އަދި އޭނާގެ އަމިއްލަ އިލްމާއި ހުނަރުގެ އެހީގައި ވަޒީފާއެއް ހޯދާ، އަސްކަރީ މަރުކަޒެއްގެ ކުރިމަތީގައި ސޭންޑްވިޗް ކަޑައެއް ހުޅުވިއެވެ. އެތަނުގެ ކޮންޓްރެކްޓް ހަމަވުމުން ބޮމްބޭއަށް ދިޔައީ އެންމެ 5000 ރުޕީސް ހިފައިގެންނެވެ. ދިލިޕްގެ ނަސީބު ބަދަލުކޮށްލީ އެހިސާބުންނެވެ. ފިލްމުތަކުގައި އެކްޓްކުރަން ފެށުމުގެ ކުރިން ދިލިޕްވަނީ ސްކްރިޕްޓް ލިޔުމުގައިވެސް އެހީތެރިވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.