އިސްލާމްދީނަކީ ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ސާފުތާޙިރުކަމަށް ހިތްވަރުދޭ އަދި އެކަމަށް ލޯބިކުރާ ދީނެވެ. ޚާއްސަކޮށް އަޅުކަންކުރުމަށް ވަކި މިންގަނޑަކުން ތާހިރުވާން ޖެހެއެވެ. ވަކިވަކި ޙާލަތްތަކަކުން އަރައިގަތުމަށްފަހު ތާހިރުވާން ޖެހެއެވެ. މިސާލަކަށް އަންހެނާގެ ހައިޟުގެ ދުވަސްވަރު ނިމުމުން ނުވަތަ ޖިމާޢުވުމަށްފަހު، ދީނުގައި އެކަމަށް ކަނޑައެޅިފައިވާ ފަދައަކުން ހިނައިގަންނަން ޖެހެއެވެ. އެގޮތުން މިއަދު މި ބަލާލަނީ ޖިމާޢުވުމަށްފަހު، ހިނައިގަތުމަށް އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށެވެ.

ޖުނުބުވެރި ޙާލަތުގައި (ޖިމާޢުވުމަށްފަހު ހިނައިގަތުމާއި ދެމެދު) ވުން، އިސްލާމީ ނަޒަރަކުން ބެލެވެނީ ނުތާހިރުކަމެއް ކަމުގައެވެ. އެހެންކަމުން ފަރުޟު ނަމާދު ކުރުމާއި ޤުރުއާންގައި ބީހުން ފަދަ އަޅުކަން ކުރެވޭނީ ހިނައިގަތުމަށްފަހުއެވެ. ކީރިތި ޤުރުއާންގެ 5 ވަނަ ސޫރަތުގެ 6 ވަނަ އާޔަތުގެ ބައެއްގެ މާނާއިގައިވެއެވެ. " އޭ އީމާންވީ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން މީހަކު ޖުނުބުވެރިވެއްޖެނަމަ، ޠާހިރުވެގަންނާށެވެ". އެހެންކަމުން ރަގަޅުގޮތުގައި ހިނައި ގަންނަން އެނގުމަކީ އަޅުގަނޑުމެން ކޮންމެ މުސްލިމަކަށްވެސް ވަރަށް މުހިންމު ކަމެކެވެ.

ހިނެއުން ޞައްޙަވާ 3 ކަމެއްވެއެވެ. އެއީ 1. އަނގައަށް ފެންލުން، 2. ނޭފަތަށް ފެންލުން، 3 މުޅިހަށިގަނޑު ދޮވެލުން، މިއެވެ. މުޅިހަށިގަނޑު ދޮވެލުމުގައި ސަމާލުކަންދޭންވީ ބައެއް ކަންތައްވެއެވެ.

  • ޚިތާނުކޮށްފައިވާ ހިސާބު ހިމެނޭގޮތަށް ލަދުވެތިގުނަންތައް ދޮވުމާއި އެކު މުޅިހަށިގަނޑުގައިވާ ކުނިމިލަތައް ފެނުން ދޮވެލުން
  • ފޫޅުގެ އެތެރެ ދޮވުން
  • ބަންދުކުރެވިފައިވާ ނުވާ ހުރިހާ ދޮރެއް ދޮވުން
  • ފިރިހެނާގެ އިސްތަށިގަނޑު ރީތިކޮށް ނިއުޅާލުން. އަންހެނާގެ އިސްތަށިގަނޑުގެ ބުޑުގައި ފެންޖެހޭނަމަ ނިއުޅާލުމެއްނެތެވެ. ނަމަވެސް އިސްތަށިގަނޑު ބޯވުމުގެ ސަބަބުން އިސްތަށިގަނޑުގެ ބުޑުގައި ފެންޖެހޭކަން ޔަގީން ނުވާނަމަ އަންހެނުންނަށްވެސް އޮތީ އިސްތަށިގަނޑު ނިއުޅާލުމެވެ.
  • ތުނބުޅި މަތިމަހާއި ބުމައިގެ ދަށުގައިވާ ހަމުގައި ފެން ޖެއްސުން
  • އަންހެނާގެ ލަދުވެތި ގުނަވަނުގެ ބޭރުގައި ފެންޖެހުން ކަން ޔަގީންކުރުން. މިއެވެ

ޢަލީ (ރއ) ގެ ފަރާތުން ސުނާން އަބޫ ދާޢޫދު ރިވާ ކުރެއްވި ހަދީޘެއްގެމާނާގައި ވެއެވެ. "ތިބައިމީހުންގެ ތެރެއިން، ހިނައިގަތުމުގައި އިސްތައްޓެއްގެ މިންވަރު ނަޖިސްވެސް ސާފުނުކޮށް ދޫކޮށްލައިފި މީހަކަށް، ނަރަކައިގެ ގަދަފަދަ ޢަޒާބު ހުއްޓެވެ"

އިބްނު ޢައްބާސް (ރއ) ގެ ފަރާތުން އަލް-ދަރަގުތުނީ ރިވާ ކުރެއްވި ހަދީޘެއްގެ މާނައިގައިވެއެވެ. "މީހަކު ހިނައިގަތުމުގައި އަނގައާއި ނޭފަތަށް ފެންލާން ހަނދާންނެތިއްޖެނަމަ އަލުން ނޭފަތާއި އަނގައަށް ފެންލާންޖެހޭނެއެވެ"

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.