ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި އިޓަލީ އަށްދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވް އިޓަލީ ފަތުރުވެރިޔާގެ ގައިން ބަލީގެ އަލާމާތްތައް ފެނުނު ނަމަވެސް އެކަން ކުރެއްދޫ ރިސޯޓުން އެޗްޕީއޭއަށް ރިޕޯޓުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން މީޑިއާއަށް މައުލޫމާތު ދިނުމަށް ބާއްވާ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ރިޔާޒް ވިދާޅުވީ މިހާތަނަށް ކުރެވުނު މަސައްކަތުން އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ދެނެގަތުމަށް ގުޅުންހުރި ހުރިހާ ފަރާތަކުން މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ.

އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވިދާޅުވި ގޮތުގައި، އެ ފަތުރުވެރިޔާ ރާއްޖެ އައިސްފައިވަނީ ފެބްރުއަރީ 23 ވަނަ ދުވަހު ކަމަށާއި، އޭނާ ހުން އައިސްގެން، އެންމެ ފުރަތަމަ ރިސޯޓުގެ ޑޮކްޓަރަށް ދައްކާފައިވަނީ ފެބްރުއަރީ 26 ވަނަ ދުވަހުގެ ހެނދުނު ކަމަށެވެ. އެ މީހާގެ މެޑިކަލް ހިސްޓަރީއެއް ހުންނާތީ، އޭނާ އާއްމުކޮށް ބޭނުންކުރާ ބޭސް ބޭނުންކުރަން އިރުޝާދުދެވުނުކަމަށް ފުލުހުން ތަހުގީގަށް މިހާތަނަށް ހާމަވެފައިވާކަމަށް ރިޔާޒް ވިދާޅުވި އެވެ.

އެދުވަހުގެ މެންދުރުގެ ވަގުތެއްގައި ފަތުރުވެރިޔާ ރިސޯޓުގެ ރެސްޓޯރަންޓަށް އަނބުރައިގަނެގެން ވެއްޓުމުން، އެދުވަހު ހަވީރު ވަންދެން އޭނާ ކްލިނިކުގައި ބާއްވައިގެން ފަރުވާ ދީފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ފަތުރުވެރިޔާ ވެއްޓިގެން ގެންދިޔަ އިރު ހުމުގެ އަސަރު މާބޮޑަށް ނެތް ކަމަށާއި، އެދުވަހު ފަރުވާ ދިނުމަށް ފަހު އޭނާ ކޮޓަރިއަށް ބަދަލުކޮށް، ކެއުމުގެ އިންތިޒާމު ވެސް ކޮޓަރީގައި ހަމަޖެއްސިކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު ކަރު ތެރެއަށް އުނދަގޫވުމާއި، ދޭ ތެރެ ދޭތެރެއިން ހުން އަންނާތީ އެ މީހާ އަލުން ޑޮކްޓަރަށް ދެއްކިކަމަށް ތަހުގީގަށް އެނގެ އެވެ. ރިޔާޒް ވިދާޅުވީ، އެ ފަހަރު ކޮވިޑް-19ގެ އަލާމާތްތަކާ އެއްގޮތް ސިފަތަކެއް ހުންނަ އަލާމާތްތަކެއް އޭނާގެ ކިބައިން ފެންނާން ހުރުމުން، އިތުރު ޓެސްޓްތަކެއް ހަދަންޖެހޭކަމަށް ޑޮކްޓަރު ލަފާދިންނަމަވެސް، އެކަމަށް އެ މީހާ އިންކާރުކުރި ކަމަށެވެ.

އޭނާ ކޮޓަރިއަށް އަނބުރާ ފޮނުވާލުމަށްފަހު، ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރިކަމުގެ މަޝްވަރާތަކެއް ރިސޯޓުގެ މެނޭޖްމަންޓާއި އިސް މުވައްޒަފުންނާއެކު ޑޮކްޓަރު ކުރެއްވިކަމަށާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހޮޓްލައިން ނަންބަރަށް ގުޅުމާމެދުވެސް މަޝްވަރާ ކުރެވުނުކަމަށް ރިޔާޒް ވިދާޅުވި އެވެ.

ރާއްޖެއިން ފުރުމަށް، ފަތުރުވެރިޔާ އެއާޕޯޓަށް ދިޔައީ މާޗު މަހުގެ އެއްވަނަ ދުވަހުއެވެ. ފުރަސް ގޮސް ޗެކް-އިން ކައުންޓަރުގައި ހުއްޓާ އޭނާ އަނބުރައިގަނެގެން ވެއްޓުނު ކަމަށް ތަހުގީގަށް އެނގިފައިވާކަމަށް ރިޔާޒް ވިދާޅުވިއެވެ.  އަދި އެފަހަރު ވެއްޓުމުން އެތަނުގައި ތިބި މީހުން އޭނާ ކޮޅަށް ނެގުމުން އަނެއްކާވެސް ވެއްޓުނު ކަމަށާއި، އޭނާ ފްލައިޓަށް އެރުވީ ފުރޮޅުލީ ގޮނޑިއަކަށް ލައިގެން ގެންގޮސް ކަމަށެވެ. ރިޔާޒް ވިދާޅުވީ ފަތުރުވެރިޔާ އެއާޕޯޓަށް ދިޔައީ މާސްކް އަޅައި، މޫނާއި ނޭފަތާ އެއްކޮށް ނިވާކޮށްގެން ކަމަށެވެ. އަދި އެއާޕޯޓުގައި ކިޔޫގައި ތިބޭ އިރު ގިނައިރުވެގެން ނުވަތަ ހޫނުގަދަވެގެން މީހުން ވެއްޓުމަކީ މަދުން ނަމަވެސް ދިމާވާ ކަމެއް ކަމަށް ވާތީ އާއި، ފަތުރުވެރިޔާގެ ގައިން ކޮވިޑް19 ގެ އަލާމާތްތަކެއް ފެންނަން ނެތް ކަމަށް އެވަގުތު އޭނާއަށް އެޓެންޑުވި މުވައްޒަފުން ތަހުގީގުގައި ބުނެފައިވާ ކަމަށެވެ.

ރިޔާޒު ވިދާޅުވީ ފަތުރުވެރިޔާއަށް ކޮވިޑް-19 ހުރިކަން އެންގީ އޭނާ ނޫން ކަމާއި ރިސޯޓުން އޭނާއަށް ގުޅައިގެން އެ މައުލޫމާތުތައް ހޯދީ ކަމަށެވެ. އެކަމުގައި ޝާމިލުވި ގިނަ ފަރާތްތަކެއް ކަރަންޓީނުކޮށްފައިވާތީ، ބަޔާންތައް ނަގައި ތަހުގީގު ކުރުމަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަވި ނަމަވެސް ރިޔާޒު ވިދާޅުވީ ސިއްރުކުރުމުގެ ނިޔަތުގައި ރިސޯޓުން ކަންތައްތަކެއް ކުރިކަން މުޅިން އެނގޭނީ ތަހުގީގު ނިމުނީމާ ކަމަށެވެ.

"އެކަމުގައި އިހުމާލެއް އޮތްތޯ ނުވަތަ އެކަން ގަސްދުގައި ފޮރުވަން މަސައްކަތްކުރިކަން ނުވަތަ ނޫންކަން އަޅުގަނޑުމެންގެ ތަހުގީގު ނިމުމުން ސާފުވާނެ،" ރިޔާޒް ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.