ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން މާލޭ ސަރަހައްދާއި ރިސޯޓްތަކުގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތުގައި ނަމާދު ނުކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަންގަވައިފި އެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ މިއަދުގެ މެންދުރު ނަމާދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ އަސަރު ނަމާދާ ހަމައަށް މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިކަމުގެ މަގުސަދަކީ ރާއްޖޭގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ނުދެއްވުން ކަމަށާއި މި ފިޔަވަޅަކީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތުމުން، ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ގެ ލަފާގެ މަތިން އެޅުއްވި ފިޔަވަޅެއް ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ބައެއް އެހެން ގައުމުތަކުގައި ވެސް މިސްކިތްތައް ބަންދުކޮށް އަދި ބައެއް ގައުމުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ ހުއްޓާލާފައެވެ. އޭގެތެރޭގައި ސައުދީ އަރަބިއްޔާގެ މިސްކިތްތައް ހިމެނެއެވެ.

މިއީ ރާއްޖޭގައި މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެ ހުކުރު ދުވަހު، ހުކުރު ނަމާދު ވެސް ޖަމާއަތުގައި މާލޭ ސަރަހައްދުގައި ނޯންނާނެ އެވެ. އެހެންވެ، އެ ނަމާދާ ގުޅޭ ގޮތުން ރައްޔިތުން އަމަލު ކުރާނެ ގޮތެއް ފަހުން އިލްމްވެރިން ކިޔައިދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. 

މިނިސްޓަރ ވިދާޅުވީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރިޔަސް ކޮންމެ ނަމާދަކަށް ވެސް އިމާމުން މިސްކިތްތަކަށް ގޮސް ބަންގި ގޮވައި، ނަމާދު ކުރާނެ ކަމަށެވެ. މީގެއިތުރުން މިސްކިތުގައި ވަކިން ނަމާދު ކުރަން ބޭނުންވާ މީހަކަށް އެ ފުރުސަތު އޮންނާނެ ކަމަށާއި މިސްކިތްތައް މީހުން ނުވަދެވޭނެ ގޮތަށް ބަންދުކޮށްފައި ނުބަހައްޓާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ރާއްޖޭގައި 30 ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ސަރުކާރުން ގެންދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރު ކުރިއަށް އޮތް ދެ ހަފުތާ ބަންދު ކުރުމާއި އަދި ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަ ކުރަން ނިންމުން ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.