ކޮރޯނާ ވައިރަސްގެ ސަބަބުން ދިވެހި އިގުތިސާދަށް ނޭދެވޭ އަސަަރުކޮށް އެކަމުގެ އަސަރު އާންމުންގެ އާމްދަނީއަށް ކޮށްފާނެތީ މާލޭގެ ބައެއް ގެތަކުގެ ވެރިން ވަނީ ކުލި ކުޑަކޮށްދޭން ފަށައިފައެވެ.

ނަމަވެސް މިކަމާއި މެދު ގިނަބައެއްގެ ހިޔާލުތައް ވަނީ ތަފާތުވެފައެވެ. އެއްބަޔަކު ކުލި ކުޑަކޮށް އިންސާނިއްޔަތުކަން އިސްކުރަންް ބުނަމުންދާއިރު އަނެއްބަޔަކު ބުނަމުންދަނީ ބޭންކަށް ދައްކަންޖެހޭ އިންޓްރަސްޓް ރޭޓު ކުޑަކުރާނަމަ ކުލި ކުޑަކޮށްދެވޭނެ ކަމަށެވެ.

މާލޭގައި ތަންތަން ކުއްޔަށްދީފައިވާ ފަރާތްތަކުގެ ތެރޭގައި ބޭންކުން ބޮޑެތި އަދަދުތަކުގެ ލޯނު ނަގައިގެން ގެދޮރު އިމާރާތް ކޮށް ބޭންކަށް މަހުން މަހަށް ލޯނު ދައްކަން ޖެހިފައިވާ ފަރާތްތައް މަދެއްނޫނެވެ. އަދި ކުއްޔަށްދީފައި ހުންނަ ތަންތަނުން ލިބޭ އާމްދަނީއިން އެކަނި ޒަރޫރީ ބޭނުންތައް ފުއްދާ ފަރާތްތައް ވެސް މަދެއްނޫނެވެ.

ސޯޝަލް މީޑިއާގައި މިކަމާ ގުޅިގެން ހިޔާލް ފާޅުކުރަމުންދާ ގިނަ އާންމުން ބުނަމުން އަންނަނީ ބޭންކް ތަކުން ނަގާފައިވާ ލޯނުގެ އިންޓްރެސްޓު ކަނޑާލަދީފިނަމަ ކުލި ކުޑަކުރެވިދާނެކަމަށެވެ. އަދި ސަރުކާރުން ދޫކޮސްފައިވާ ފްލެޓް ތަކުގެ ކުލިވެސް ކުޑަކޮށްދިނުން މުހިންމުކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ހިޔާލް ފާޅުކޮށްފައެވެ.

ބޭންކުގެ ލޯނަކީ ބޮޑު އިންޓްރެސްޓަކާއިއެކު މަހުންމަހަށް ދައްކަންޖެހޭ އެއްޗަކަށްވެފައި، ކުލިން ލިބޭ އެއްޗަކަށް ބަރޯސާވެ ލޯނުގެ ފައިސާ ނުދެއްކޭނަމަ، ދައްކަންޖެހޭ ފައިސާގެ އަދަދު އިތުރުވެ ނުދައްކާ ގިނަދުވަސް ވުމުން މައްސަލަ ކޯޓު މަރުހަލާއަކަށްގޮސް ބޭންކަށް ގެ ނެގުމަކީ ވެސް ވެދާނެކަމެއްކަމަށް ގެދޮރު ކުއްޔަށް ދީފައިވާ ބައެއްފަރާތް ތަކުން ބުނެއެވެ. އެހެންކަމުން މިހާލަތުގައި ތިބި ގެދޮރު ކުއްޔަށްދޭ ފަރާތްތަކަށް ރާއްޖޭގެ ބޭންކްތަކުން މިދަނޑިވަޅު ލުޔެއް ލިބިއްޖެނަމަ، ކުލި ދައްކައިގެން އުޅޭ ފަރާތްތަަކަށް ގޭގެ ވެރިފަރާތުން ކުލި ކުޑަކޮށްދޭން ފުރުސަތު ލިބިގެންދާނެއެވެ. އަދި ކުއްޔަށް ތަންތަން ހިފައިގެން އުޅޭ ފަރާތްތަކަށްވެސް ކުލިދެއްކުމަށް ލުޔެއް ލިބިގެން ދާނެއެވެ.

ކުލީގެ ގޮތުގައި ލިބޭ ފައިސާއިން އެކަނި ފުއްދައިގެން އުޅެން މަޖުބޫރުވެފައިވާ ބައެއް އާއިލާތައްވެސް ރާއްޖޭގައި އުޅެއެވެ. އޭގެތެރޭގައި މަޖުބޫރީ ހާލަތެއްގައި ވަޒީފާއަށް ދެވެން ނެތް ފަރާތްތަކާއި، އެކަނިވެރިން މައިން ނުވަތަ ބަފައިންނާއި، ހާއްސައެހީ އަށް ބޭނުންވާފަރާތްތައްވެސް ހިމެނެއެވެ. ކުއްޔަށްދީފައިވާ ކޮޓަރިއަކުން ނުވަތަ އެޕަރޓްމަންޓުން ލިބޭ އެއްޗަކުން ޒަރޫރީ ބޭނުންތައް ފުއްދަމުންދާއިރު މިފަދަ ފަރާތްތަކުން ކުލިކުޑަކުރުމަށް އުޒުރުވެރިވާނެކަން އެއީ ޤަބޫލްކުރަންޖެހޭ ހަގީގަތެކެވެ.

މިހެން މިކަންކަން ހުރިއިރު، މިފަދަ ނާޒުކު ދަނޑިވަޅެއްގައި އެއްބަޔަކު އަނެއްބަޔަކަށް އެހީ ތެރި ވުމުގެ މަޤްސަދުގައި މަޖުބޫރީ ހާލަތެއްނެތި ކުލި ކުޑަކޮށްދެވެން ހުރި ފަރާތްތަކުން ކުލި ކުޑަކޮށްދިނުމަކީ އިންސާނިއްޔަތަށް ވެދެވޭ ވަރަށްބޮޑު އެހީތެރިކަމެކެވެ. މީގެއިތުރުން ގެދޮރުން ލިބޭ ކުލިން ބޭންކަށް ލޯނުދައްކާފަރާތް ތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދެވިއްޖެނަމަ އެކަމުގެ ފައިދާ ކުލިދައްކާ ފަރާތައް އަދި ކުއްޔަށް ދޭފަރާތަށް ކޮށް އިތުރުބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދޮރު ހުޅުވިގެންދާނެއެވެ.

މާލޭގައި ގެދޮރު ކުއްޔަށް ދީފައިވާ މީހުންގެ ތެރެއިން ކުލި ކުޑަކޮށްފައިވާކަމަށް ހާމަކޮށްފައިވާ އެއްފަރާތަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު ސައީދެވެ. އޭނާގެ އިތުރުން މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓާ (އެމްއެމްއޭސީ)ގެ ޗެއާމަން އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ އަބްދުލްކަރީމް (ރުކުމާ އަލީ)ވެސް ވަނީ އޭނާ ކުއްޔަށް ދޫކޮށްފައި ހުރި ތަންތަނުގެ ކުލި ކުޑަކޮށްފައިވާކަން ހާމަކޮށްފައެވެ.

މީގެއިތުރުން ސްރީލަންކާގެ ރައްޔިތުން އެގައުމުގެ ބޭންކްތަކުންނާއި، މޯގޭޖް ކުންފުނިތަކުން އާއްމު ރައްޔިތުން ނަގާފައިވާ ވިޔަފާރި ލޯނުތައް ދެއްކުން ހަމަސް ދުވަހަށް ފަސްކުރިކަން ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ވެސް ވަނި އިއުލާންކުރައްވާފައެވެ.


0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.