ރ. މަޑުއްވަރީ ދެކުނު ބަނދަރު ހެދުމުގެ މަޝްރޫއު -- ފޮޓޯ: އެމްޓީސީސީ

ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

މިމަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަކުރަމުން އެމްޓީސީސީ އިން ބުނީ، ބަނދަރު ތަރައްޤީ ކުރުމުގެ 60 އިންސައްތަ ނިމިފައިވާ ކަމަށާއި، އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ 65 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.

މަޑުއްވަރީގެ އައު ބަނދަރު ހެދުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އެމްޓީސީސީ އާ ދެމެދު ސޮއި ކޮށްފައިވަނީ 26 އޯގަސްޓް 2019 ގައެވެ. އެއްބަސްވުމުގައި ސޮއި ކުރާތާ 590 ދުވަހުގެ ތެރޭގައި ނިންމަން ކަނޑައަޅާފައިވާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 68،665،360.81 ރުފިޔާ (ފަސްދޮޅަސް އަށް މިލިއަން ހަލައްކަ ފަސްދޮޅަސް ފަސްހާސް، ތިންސަތޭކަ ފަސްދޮޅަސް ރުފިޔާ، 81 ލާރި) އެވެ.

މިމަޝްރޫޢުގެ ދަށުން އެމްޓީސީސީ އާއި ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރޭގައި 7،280 ކިއުބިކް މީޓަރުގެ ސަރަހައްދެގެ ނެރު ފުންކުރުމާއި، 65،520 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރ ބޭސިން ފުންކުރުން ހިމެނެއެވެ. މީގެ އިތުރުން 566 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 411 މީޓަރުގެ ބޭރުތޮށި ލުމުގެ އިތުރުން 135 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 2،825 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި ބަނދަރުގައި ބައްތި ހަރުކުރުން އަދި ދެ ނެރު ބައްތި ޖެހުން ހިމެނެއެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.