މާލޭ ވިޔަފާރި ބަނދަރަކީ ރާއްޖޭގެ އިގްތިޞާދުގެ މައި އެއް ތަނބޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބެލުމުގެ ދަށުން އެ ބަނދަރު ހިންގަމުން އަންނައިރު އެތަނުގައި ހިނގާ ހިތާމަވެރި ހާދިސާތަކަކީ ނޫސްތަކުގެ ހެޑްލައިންތަކުން މަދުން ނަމަވެސް ޖާގަ ހޯދާ ކަންތައްތަކެވެ. މިފަހުން ވެސް ދެ ޒުވާނަކު ދުނިޔޭ ދޫކޮށް ދިޔައީ އެތަނުގައި ހިނގި ނުރައްކާތެރި ހާދިސާތަކުގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުންނެވެ. މިކަމާއި ގުޅިގެން އެމްޕީއެލް، ޓްރާންސްޕޯޓް އޮތޯރިޓީ އަދި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއިން ތަހުގީގުތަކެއް ކުރިޔަށް ގެންދިޔައެވެ. އަދި އެ ހާދިސާތައް ހިނގަން މެދުވެރިވި ސަބަބުތައް ތިލަކުރަން މަސައްކަތްކޮށްފައިވެއެވެ.

އެ ތަހުގީގުތަކުގެ މައްޗަށް ބިނާކޮށް ވިޔަފާރި ބަނދަރުގައި މިފަދަ ހާދިސާތައް ހިނގަން މެދުވެރި ސަބަބުތަކާއި ގުޅޭގޮތުން "ޖަޒީރާ" ގެ ނޫސްވެރިޔާ އުމްނާ އިސްމާއިލް، "ޕޯޓްގެ ނުރައްކާތެރިކަމުގެ ފަހަތުގައި ރެގިއުލޭޓް ނުކުރެވުން" މި ސުރުހީގައި ރިޕޯޓެއް ލިޔެފައިވެއެވެ.