ރިޕޯޓް

ޕޯޓްގެ ނުރައްކާތެރިކަމުގެ ފަހަތުގައި ރެގިއުލޭޓް ނުކުރެވުން

މިފަހުން މުޅި ގައުމަށް ސިހުން ގެނުވި ދެ ހާދިސާއަކަށް ވެގެންދިޔައީ މާލެ ވިޔަފާރި ބަނދަރުގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގާ، ދިވެހި ޒުވާނުންތަކެއްގެ ފުރާނަ ގެއްލިގެންދިއުމެވެ. މި ހާދިސާތަކާއި އެކު އެނގިގެންދިޔައީ އެތަނުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅިފައި ނުވާމެވެ. އަދި އެތައް އަހަރުތަކެއް ވީ ކަންބޮޑުވުންތަކަށް މިއަދާ ހަމަޔަށްވެސް ހައްލެއް އައިސްފައިނުވާކަމެވެ.

މި މައްސަލަ ދިރާސާކުރި މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ހޯދުންތަކުން ހާމަވެގެންއައީ ފިއްކަނޑައިގެންދާ ވަރުގެ ކަންކަމެވެ.

މި ކަންބޮޑުވުންތައް މަޖިލީހުގެ ސަމާލުކަމަށް އައީ މިއަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ބިއްލޫރި ޕެލެޓެއް ދަށުވެ، ދެ މީހަކަށް އަނިޔާވެ، އެކަކު މަރުވި ހާދިސާއާއި ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ޓަރފް ރޯލެއް ދަށުވި މަޖޫރީއެއް މަރުވި ހާދިސާ އާއި ގުޅިގެންނެވެ.

ބިއްލޫރި ޕެލެޓް ދަށުވެ މަރުވީ އުމުރުން 27 އަހަރުގެ ނ. ލަންދޫގެ ޒުވާނެއް ކަމަށްވާ އަބްދުﷲ އާސިމް އެވެ. ކޮމިޓީއަށް ޖަވާބުދާރީވެވަޑައިގަންނަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އާސިމް މަރުވީ މަޖޫރީ ކަމުގެ ލައިސަންސް ލިބުނުތާ 14 ވަނަ ދުވަހުއެވެ. އަދި އެފަދަ ޕެލެޓެއް ކްލިއަރ ކުރަން އުޅުނު ފުރަތަމަ ދުވަހުއެވެ. ޓަރފް ރޯލު ދަށުވެ މަރުވި ޒުވާނާއަކީ އުމުރުން 28 އަހަރުގެ އިމްރާން އަލީއެވެ. އިމްރާން މަރުވީ އެމްޕީއެލްގެ ކާޑު ލިބުނުތާ ދެވަނަ އަށް ވީ ދުވަހުއެވެ.

ކަންހިނގާދިޔަ ގޮތަށް ވިސްނާލުމުން އުފެދޭ ސުވާލަކީ އެ މުވައްޒަފުންގެ ރައްކާތެރިކަމަށް ވިޔަފާރި ބަނދަރުގައި ފިޔަވަޅުތަކެއް އަޅާފައި ނެތީތޯއެވެ؟ އެ މަޖޫރީންނަށް ދޭންޖެހޭ ތަމްރީނު ނުދެވެނީތޯއެވެ؟

ޕޯޓުގައި މަސައްކަތް ކުރާ ބައެއް މަޖޫރީން -- ފޮޓޯ: ޖަޒީރާ

ކޮމިޓީގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ ޕޯޓުގައި އަމިއްލަ ގޮތުން މަސައްކަތް ކުރާ ގްރޫޕްތަކުގެ ސުޕަވައިޒަރުންނަކީ ތަޖުރިބާ ހުރި، ތަމްރީން ލިބިފައިވާ ބަޔަކަށްވީނަމަވެސް އަލަށް ނުކުންނަ މަޖޫރިންނަށް އެކަށީގެންވާ މިންވަރަށް ތަމްރީނު ނުދެވޭ ކަމަށް ވިދާޅުވެފައެވެ. އަދި އަލަށް މަސައްތަށް ނުކުންނަ މަޖޫރީން 'ބޭސިކް ޕްރިކޯޝަނަރީ މެޝަރޒް' ނަގާފައިނުވާ ކަމަށެވެ.

މި މައްސަލައިގެ އެންމެ އަޑިއަށް ފީނާލާއިރު އެމްޕީއެލްއިން ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާއި ރިސްކް މެނޭޖްމެންޓް ވަރކްޝީޓްތައް އެކުލަވާލާފައިވީނަމަވެސް އޭގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކޮށްފައިނުވާކަން އެ ކުންފުނީގެ އިންވެސްޓިގޭޝަން ކޮމިޓީގެ ރިޕޯޓުން ހާމަވެއެވެ.

އަދި މަސައްކަތް ފެށުމުގެ ކުރިން ސޭފްޓީ ޑިޕާޓްމެންޓުން އެ މަސައްކަތުގެ ރިސްކް އެނަލައިޒް ކުރުމަށްފަހު ހުއްދަ ދީ، ބިއްލޫރި ފަދަ ތަކެތި އުފުލާއިރު ލަކުޑި ޕެލެޓެއް ވިއްދުމުގެ އިތުރުން މަސައްކަތުގެ ތަޖުރިބާ ހުރި މަސައްކަތްތެރިން ބޭނުންކޮށްފައިނުވާކަން ފާހަގަކުރެވެއެވެ. މީގެއިތުރުން މަސައްކަތުގެ މާހައުލު ސުޕަވައިޒްކޮށް މޮނީޓަރ ކޮށްފައިނުވާކަން ވެސް އެ ރިޕޯޓުން ވަނީ ހާމަވެފައެވެ.

އާސިމްގެ މަރުގެ މައްސަލަ އެމްޕީއެލްގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ވެސް ވަނީ ބަލާފައެވެ. އެ އޮތޯރިޓިއަށް މި މައްސަލައާއި ގުޅިގެން ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު ބަނދަރުގައި މަސައްކަތްކުރާ މަޖޫރީން މަސައްކަތްކުރުމުގައި އަމަލުކުރާނެ ގައިޑްލައިނެއް ހެދިފައެއް ނެތެވެ. އަދި އެ މަޖޫރިންނަށް ދޫކުރެވޭ ހެވީ ވެހިކަލް ތައް ދޫކުރުމުގައި އަމަލުކުރާނެ އުސޫލެއް ނެތް އިރު، ނުރައްކާތެރި މުދާ އުފުލާ އެއްތަނުން އަނެއް ތަނަށް ގެންދާއިރު ސުޕަވައިޒްކުރާނެ ބަޔަކު ނުހުރެއެވެ.

އަދި އެ ހާދިސާ ހިނގި ކްރޭން އޮޕަރޭޓްކުރަން ހުރި މުވައްޒަފަކީ އެ ދުވަހު ޑިއުޓީއަށް ނުކުންނަން ޖެހޭ މުވައްޒަފެއް ވެސް ނޫނެވެ. އެހެންނަމަވެސް އޭނާ އެ މަސައްކަތަށް ނުކުވެ އެ ދުވަހު 16 ގަޑިއިރު މަސައްކަތުގައި ހޭދަކުރިއިރު އެކަން މޮނީޓަރ ކުރާނެ މީހަކުވެސް ނެތެވެ.

އެމްޕީއެލް ގެ ސީއީއޯ ޝާހިދު ޢަލީ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި -- ފޮޓޯ: މަޖްލިސް

މި މައްސަލަ ތަހުގީގު ކުރުމަށްފަހު އެމްޕީއެލް އިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާ ކުރަމުންދާ ކަމަށް ކޮމިޓީގައި ބުންޏެވެ. އެގޮތުން ބިއްލުރި ޝީޓާއި ދަނގަޑު ފަދަ ތަކެތި ހޭންޑްކުރުމުގައި މަސައްކަތަށް ބޭނުން ކުރަނީ ތަޖުރިބާ ލިބިފައިވާ މީހުންކަން ކަށަވަރުކުރުމާއި ބަނދަރުތަކުގައި މަސައްކަތްކުރާ ކްލިއަރިންގ ގްރޫޕްތައް ކުންފުނީގެ މުވައްޒަފުންނަށް ތަމްރީނުދޭން ޖެހޭނެ ކަމަށެވެ.

އަދި ޕޯޓުގައި އަމިއްލަ ގްރޫޕްތަކުގެ ފަރާތުން މަސައްކަތް ކުރާ މަޖޫރިންނަކީ އެއްވެސް ގާނޫނަކުން އަދި ގަވާއިދަކުން ރެގިއުލޭޓް ކުރެވޭ ބަޔަކަށް ނުވާތީ ކޮމިޓީން ވަނީ ޓްރާންސްޕޯޓް އޮތޯރިޓީއަށް ބަނދަރުތަކުގެ ގާނޫނެއް އެކުލަވާލުމަށް އަންގަން ނިންމާފައެވެ. އަދި ކްލިއަރެންސް އޭޖެންޓް ރެޖިސްޓްރޭޝަން ގަވާއިދަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް މަޖިލީހަށް ހުށައެޅުމަށް އަންގާފައެވެ.

މީގެކުރިންވެސް މިފަދަ އެތައް ހާދިސާއެއް ހިނގާފައިވެއެވެ. އެހެންނަމަވެސް މިއަދާހަމަޔަށް ވެސް މިކަންކަމަށް ހައްލެއް އައިސްފައިނުވުމަކީ ކަންބޮޑުވާކަމެކެވެ. މިހާރު އުފެދޭ ސުވާލަކީ އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅާ، އެ މަޖޫރީންގެ އާއިލާތަކަށް އިންސާފު ލިބޭނީ ކޮން ދުވަހަކުންތޯއެވެ؟ އަދި މިފަދަ ހާދިސާއެއް ތަކުރާރުނުވާނެ ކަމުގެ ޔަގީންކަން، ކަމާ ބެހޭ އިދާރާތަކަށް ދިވެހި ރައްޔިތުންނަށް ދެވިދާނެތޯއެވެ؟

0
0
0
0
0

ކޮމެންޓް

Your email address will not be published.

0 %