ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ކްރައިސިސް އެންޑް މޭޖަރ އިންސިޑެންޓްސް ކޮމިއުނިކޭޝަންސްއާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވައިފިއެވެ.

މިއީ، ރައީސް އޮފީހާއި، ބްރިޓިޝް ހައިކޮމިޝަނާއި، އިނގިރޭސިވިލާތުގެ މެޓްރޯޕޮލިޓަން ޕޮލިސްގެ އިތުރުން އިނގިރޭސިވިލާތުގެ ކައުންޓަރ ޓެރަރިޒަމް ޕޮލިސިންގ ގުޅިގެން ބޭއްވެވި މަސައްކަތު ބައްދަލުވުމެކެވެ.

މެޓްރޮޕޮލިޓަން ޕޮލިސްގެ ޑައިރެކްޓޮރޭޓް އޮފް މީޑިއާ ކޮމިއުނިކޭޝަންސްގެ ފަރާތުން ކުރިއަށް ގެންދިޔަ މި ބައްދަލުވުން ފައްޓަވައި ދެއްވީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑވައިޒަރ، ކާނަލް ޑޭވިޑް އޭޝްމަން އެވެ. މި ބައްދަލުވުމުގައި ބޮޑެތި ހާދިސާތައް އަދި ކާރިސާތައް ދިމާވާ ހިނދު މުޢާމަލާތްތައް ބައްޓަންކުރުމުގައި ގެންގުޅެންވީ މުހިންމު އުޞޫލުތައް ދެނެގަނެ، ޙާލަތުގެ ނާޒުކުކަމަށް ރިޔާއަތްކޮށް އެންމެ އެދެވޭ ގޮތަށް މުޢާމަލާތްތައް ބައްޓަންކުރަންވީ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.

މީގެއިތުރުންވެސް، މެޓްރޮޕޮލިޓަން ޕޮލިސްގެ ފަރާތުން ފާއިތުވި 10 އަހަރު ތެރޭގައި އެޤައުމަށް ކުރިމަތިވި ބޮޑެތި ކާރިސާތަކާއި ހާދިސާތަކުގައި އެ ޤައުމުގެ ކަމާގުޅޭ މާހިރުން އަމަލުކުރެއްވި ގޮތްތަކާއި ގެންގުޅުއްވި އުޞޫލުތަކަށް އަލިއަޅުވާލާފައިވެއެވެ. އަދި ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުގައި ސޯޝަލް މީޑިއާގެ ދައުރުވެސް ފާހަގަކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ  ޗީފް ކޮމިއުނކޭޝަން ސްޓްރެޓަޖިސްޓް އިބްރާހީމް ހޫދު ވިދާޅުވީ،  ބްރިޓިޝް ހައިކޮމިޝަނާއި، އިނގިރޭސިވިލާތުގެ މެޓްރޯޕޮލިޓަން ޕޮލިސްގެ އިތުރުން އިނގިރޭސިވިލާތުގެ ކައުންޓަރ ޓެރަރިޒަމް ޕޮލިސިންގ ގެ ފަރާތުން ރާއްޖޭގެ ބޮޑެތި ހާދިސާތައް އަދި ކާރިސާތައް ދިމާވާ ހިނދު މުޢާމަލާތްތައް ބައްޓަންކުރާނެ ގޮތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރައްވަމުންދާ މަސައްކަތާއި ދެއްވަމުންދާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވާ ކަމަށެވެ. އަދި އެކަމަށްޓަކައި އިނގިރޭސި ސަރުކާރަށް ހޫދު ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ވަރޗުއަލްކޮށެވެ. މި ބައްދަލުވުމުގައި ކަމާގުޅޭ އިދާރާތަކުގެ ފަރާތުން ވަނީ މަންދޫބުން ބައިވެރިވެވަޑައިގެންފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *