ހުންގަދަވެ ނޭވާލާން އުނދަގޫވެ ކޮވިޑް-19 އަށް ޝައްކުކުރެވޭފަދަ އަލާމާތެއް ބަލިމީހާގެ ކިބައިން ޑޮކްޓަރުންނަށް ފާހަގަ ވާނަމަ ކޮރޯނާވައިރަސް އަށް ޓެސްޓުކުރެވޭނެއެވެ.

ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ހަމަ އެހެން ރޯގާތަކަށް ޓެސްޓުކުރުމެކޭ އެއްފަދައިން ސާމްޕަލްއެއް ބޭނުންވެއެވެ. ސިއްހީ ތަޖުރިބާ ކާރުން ހާމަކޮށްފައިވާގޮތުން ކޮރޯނާވައިރަސް އާލާވަނީ ނޭވާލާ ނިޒާމުގައެވެ. އެހެންކަމުން ނޭވާލުމުގެ ދަތިތަކާ ބަލިމީހާއާއި ކުރިމަތި ލާންޖެހެއެވެ. އެހެންކަމުން އެމެރިކާގެ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން ސެންޓަރުން ލަފާދެއްވަނީ ބަލިމީހާގެ ކަރުތެރެއިން އަދި ނޭފަތުން ސާމްޕަލް ނެގުމަށެވެ. މިކަމަސް ހާއްސަ ވަސީލަތަކުން ސާމްޕަލް ނެގުމަށް "ސްވެބް ޓެސްޓް" އޭ ކިޔައެވެ. ކެއްސާއިރު ދަވައަންނަ ނަމަ ޓެސްޓުކުރުމަށް ދަވަ ނުވަތަ ކުޅު ވެސް ބޭނުންކުރެވެއެވެ.

މެސަޝޫސެސްގެ ޖެނެރަލް ހޮސްޕިޓަލުގެ އިންފެކްޝަން ކޮންޓްރޯލް ޔުނިޓުގެ ޗީފް ޑރ.ޑޭވިޑް ހޫޕަރ ބުނެފައިވަނީ ލޭ، ބޮޑުކަމުދާ ތަކެތި އަދި ކުޑަކަމުދާތަކެތިން ކޮވިޑް-19 އަށް ޓެސްޓު ކުރުމަކީ ނާދިރު ކަމެއް ކަމުގައެެވެ. ނަމަވެސް މުސަތަގުބަލުގައި އެކަން ބަދަލުވުން ވެސް އެކަށީގެން ވާކަމަށެވެ.

ކަރުތެރެއިން ސާމްޕަލް ނެގުމަށްފަހު "ސްޓެރެލައިޒް"  ކޮށްފައިވާ ޓިއުބެއްގައި ރައްކާތެރިކަމާއިއެކު "ސާމްޕަލް" އެކަމަށް ޚާއްސަ ލެބޯޓްރީއަކަށް ގެންދެވެއެވެ. "ކުއެސްޓް ޑައެގްނޯސްޓިކް" އަދި "ލެބްކޯރޕް" ފަދަ ލެބޯޓްރީ ތަކުންވަނީ އެމީހުންގެ އަމިއްލަ ޓެސްޓުތަކެއްވެސް އީޖާދުކޮށްފައެވެ.

އެމެރިކާގައި އާންމުގޮތެއްގައި ސާމްޕަލް ފިނިކޮށް ބެހެއްޓުމަށްފަހު އެފްޑީއޭ އިން ހުއްދަދީފައިވާ ލެބަކަށް ގެންގޮސް ޓެސްޓުކުރެއެވެ. އެމެރިކާގެ މެސަޝޫސެސް ގެ ސްޕޯކްސްޕަރސަން އޭން ސްކޭލްސް ހާމަކޮށްފައިވާގޮތުން އެދުވަހެއްގެ ސާމްޕަލް އެދުވަހެއްގައި ލެބްއަށް ފޮނުވައިގެން ޓެސްޓު ކުރެވެއެވެ.

މިގޮތަށް ލެބްތަކަށް ފޮނުވާ ސާމްޕަލް ފިނިކޮށްގެން 72 ގަޑިއިރާއި ހަމައަށް ރައްކާކުރެވިދާނެއެވެ. އަދި އެއަށްވުރެން ގިނައިރު ވާނެނަމަ ޑްރައި އައިސް ބޭނުންކޮށްގެން ސާމްޕަލް ރައްކާކުރެވިދާނެކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ. މާގިނައިރު ސާމްޕަލް ބަހައްޓަން ޖެހިއްޖެނަމަ ވައިރަސް އަދި އޭގެ "ޖެނެޓިކް މެޓީރިއަލް" އަށް ބަދަލު އައިސް، ޓެސްޓުގެ ނަތީޖާ ނުބައިވެ ނެގެޓިވްކަމަށް ދެއްކުމުގެ ފުރުސަތު އޮވެއެވެ.

ސާމްޕަލް ލެބްއަށް ގެންދިއުމަށްފަހު ކޮރޯނާ ވައިރަސްއަށް ޓެސްޓުކުރާކުރުމަށް ކިއަނީ"އާރްޓީ-ޕީއާރްސީ" ނުވަތަ " ރިވަރސް ޓްރާންސްކްރިޕްޓޭސް ޕޮލިމާރޭސް ޗެއިން ރިއެކްޝަން" އެވެ.

ކޮންމެ އެއްޗެއް ވެސް އުފެދިފަވަނީ ނުވަތަ އުފައްދާފަވަނީ ވަކި ގޮތަކަށެވެ. ކޮންމެ އެއްޗެއްގައި "ޑީއެންއޭ" އެކުލެވިގެންވާ ގޮތަށް ވައިރަސްގަވެސް "ޖެނެޓިކް ކޯޑެއް" އެކުލެވިގެންވެއެވެ. މިކޯޑަށް ކިއަނީ "ވައިރަލް ޖެނޯމް"އެވެ. ކޮރޯނާވައިރަސްް އަށް ޓެސްޓު ކުރެވޭއިރު ބަލަނީ މިކޯޑާއި، ސާމްޕަލްގައި ވާ ކޯޑު ދިމާވޭތޯއެވެ.

ސާމްޕަލް އަދި ވައިރަސް ދިމާވޭތޯ ބެލުމަށް ޓެކްނީޝަނުން ފުރަތަމަ ސާމްޕަލްގެ ޖެނެޓިކް މައުލޫމާތު ހޯދައެވެ. ސާފުކޮށްފައިވާ ޖެނެޓިކް މެޓީރިއަލް ޓެސްޓު ހެދުމަށްބޭނުންކުރާ ބައެއް ތަކެއްޗާއި އެއްކުރުމަށްފަހު އަދި ކޮރޯނާވައިރަސްގެ ޖެނެޓިކް މެޓީރިއަލް ވެސް ހިމެނުމަށްފަހު ޓެސްޓުކުރާ މެޝިނެއް ބޭނުންކުރެއެވެ.

ބައްޔަށް ޝައްކުކުރެވޭ މީހާގައިގެ ސާމްޕަލްގައި ވައިރަސްގެ އަސަރު ހުރިނަމަ ވައިރަސްގެ ޖެނެޓިކް މެޓީރިއަލް ވަރުގަދަވެ ޓެސްޓު ޕޮޒިޓިވްކަމަށް ދައްކައެވެ. މިގޮތަށް ކުރެވޭ ޓެސްޓު އެޓްލާންޓާގައި ހުންނަ ސީޑީސީގެ އަމިއްލަ ލެބަކަށް ދެވަނަ ފަހަރަށް ޓެސްޓުކުރުމަށްވެސް ގެންދެވެއެވެ.

އާންމުގޮތެއްގައި ޓެސްޓުގެ ނަތީޖާ ލިބެން ނަގަނި 24 ގަޑިއިރެވެ. އަދި ޓެސްޓު ނަތީޖާ ލިބެންދެން ބަލީގެ އަލާމާތްތައް ފެންނަމީހާ އެކަހެރި ކޮށްފައިވ ބަހައްޓަން ޖެހެއެވެ.

މިހާރުވެސް ތަފާތު ކުންފުނިތަކުން މިވައިރަސް އަަށް ޓެސްޓު ކުރެވޭނެ އިތުރު ގޮތްތައް ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އަވަސް މުސްތަގުބަލެއްގައި ލަސްވެގެން 2 ގަޑިއިރު ތެރޭގައި ނަތީޖާލިބޭ އިންތިޒާމެއް ހަމަޖެއްސޭނެކަމުގެ އުންމީދު އޮތްކަމުގައި ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ހުކުރު ދުވަހު އެމެރިކާގެ ޑިޕަރޓްމަންޓް އޮފް ހެލްތު އެންޑް ހިއުމަން ސަރވިސަސް އިން ހާމަ ކޮށްފައިވަނީ 1 ގަޑިއިރު ތެރޭ ނަތީޖާ ލިބޭ ޓެސްޓު ކިޓެއް ތައްޔާރުކުރުމަށް 2 ލެބަކަށް ފަންޑު ކުރަމުން އަންނަ ކަމަށެވެ.

ޓެސްޓުގައި ބައެއް ފަހަރު ނަތީޖާ ސައްހަނުވާ ބައެއް ސަބަބުވެސް މެދުވެރިވެއެވެ. ޓެސްޓުގެ ނަތީޖާ ބިނާވެފައިވަނީ ވައިރަސްގެ "ޖެނެޓިކް މެޓީރިއަލް" އަށް ކަމަށްވާތީ ސާމްޕަލްގެ ކޮލިޓީއަށް ބަދަލު އައުމަކީ އެކަށީގެންވާކަމެކެވެ. މީގެ އިތުރުން ބަލީގެ އަލާމާތް ހުރި މީހާގެ ކަރުތެރޭގައި ވައިރަސް އުފެދި ކަރުގައިވާ ދަވަޔާ ކުޅަށް ވައިރަސް އެކުލެވޭ މިންވަރު ބަލީގެ އެކި ހިސާބުތަކުގައި ތަފާތުވުން އެކަށީގެންވެއެވެ. ބަލީގެ އަލާމާތް ފެންނަތާ ކުރީކޮޅު އެކަށީގެންވާ ވަރަށް ދަވާގައި ވައިރަސް އެކުނުލެވި ހުރެދާނެއެވެ. އަދި ބަލިގެ އަލާމާތް ފެނި އެތައް ދުވަހެއް ފަހުންވެސް ވައިރަސް ގެ އަދަދު ދަވާގައ ިއެކުލެވޭ މިންވަރު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. 0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.