ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އާއި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކުއްލި ޙާލަތު އިޢުލާންކުރުމާއި ގުޅިގެން މުޅި ދުނިޔެ ވަނީ ހުއްޓުމަކަށް އައިސްފައެވެ. ޒަރޫރީ ބޭނުމަށް ނޫނީ ދަތުރުފަތުރު ނުކުރުމަށް، ޤައުމުތަކުން އަންނަނީ އެ ޤައުމުތަކުގެ ރައްޔިތުންނަށް އިލްތިމާސް ކުރަމުންނެވެ. ބައެއް ޤައުމުތަކުން މީހުން އެތެރެވުން ވަގުތީގޮތުން ވަނީ ބަންދުވެސް ކޮށްފައެވެ. މިހާލަތުގައި އެންމެ ބޮޑު ހާސްކަމެއް ލިބޭނެ އެއްބަޔަކީ ކުރިއާލާ ޗުއްޓީ އަދި އެހެނިހެން ދަތުރުތައް ރާވައިގެން ޓިކެޓް ނަގައިގެން ތިބިމީހުންނަށެވެ. ދެން ޓިކެޓަށްވާނީ ކިހިނެއްތޯއާއި ތާރީޚް ބަދަލުކޮށް ނުވަތަ ކެންސަލްކުރުމުގައި އެއަރލައިން އިން ގެންގުޅޭނެ އުސޫލަކީ ކޮބައިކަން ނޭނގި ގިނަ ބަޔަކު ތިބީ ސުވާލު މާރކް ޖެހިފައެވެ. މިއަދު މި ބަލާލަނީ، ކޮވިޑް-19 އާއި ގުޅިގެން ބައެއް އެއަރލައިންގެ ކެންސަލޭޝަން އަދި ތާރީޚް ބަދަލުކުރުން ފަދަ ޚިދުމަތްތަކަށް އަގު ނަގާ އުސޫލަށް ގެނެވިފައިވާ ބަދަލު ތަކަށެވެ.

 • އެއަރ ކެނެޑާ

އެއަރ ކެނެޑާއިން ވަނީ 31 މާރޗްގެ ކުރިން ހަދާ ބުކިންތަކުގައި ދަތުރު ކުރާ ތާރީޚް އަގަކާއި ނުލާ ބަދަލުކޮށްދޭން ނިންމާފައެވެ. މި އާ ތާރީޚް ވާންޖެހޭނީ 31 ޑިސެމްބަރ 2020 ގެ ކުރީގެ ތާރީޚަކަށެވެ. އަދި 4 މަރޗް 2020 ގެ ކުރިން ހަދާފައިވާ ބުކިންތަކަށް، އޭޕްރިލް 30 ގެ ކުރިން ދަތުރު ކުރާ މީހުން އެއް ފަހަރު ތާރީޚް ބަދަލު ކުރާނަމަ އެކަންވެސް ހިލޭ ކޮށްދޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

 • އެއަރ ލިންގަސް

6 މަރޗް 2020 ގެ ކުރިން ބުކިން ހަދާ، 30 މޭ 2020 ގެ ނިޔަލަށް ދަތުރުކުރާ ފަރާތްތަކަށް އެއްވެސް އިތުރު އަގަކާއި ނުލާ ތާރީޚަށް ބަދަލު ގެނެވޭނެކަމަށް މި އެއަރލައިނުންވަނީ ބުނެފައެވެ.

 • އެއަރ ފްރާންސް

އެއަރ ފްރާންސް އިން 31 މަރޗް 2020 ގެ ކުރިން ހަދާފައިވާ ބައިނަލް އަޤްވާނީ އަދި އެތެރޭގެ އުދުހުންތަކުގެ ބުކިންތައް، 31 މޭ 2020 ގެ ނިޔަލަށް ދަތުރުކުރާ ނަމަ، ހިލޭ ތާރީޚް ބަދަލު ކުރެވޭނެއެވެ. ކުރިން ބުކްކޮށްފައިވާ ކްލާސް ފުލްވެއްޖެ ނަމަ މަތީ ކްލާހަކަށް ބުކިން ހަދާނަމަ އެއަށް އަގު ނަގާނެއެވެ.

 • އަލިޓާލިޔާ

އިޓަލީގެ ޤައުމީ އެއަރލައިނުން 30 ޖޫން ގެ ނިޔަލަށް ދަތުރުކުރުމަށް ނަގާފައިވާ ޓިކެޓްތަކުގެ މަންޒިލް އަދި ތާރީޚްވެސް އިތުރު އަގަކާއި ނުލާ ބަދަލު ކުރެވޭނެއެވެ. އާ ޓިކެޓް ނަގަން ޖެހޭ އެންމެ ފަހު ތާރީޚަކީ 3 އޭޕްރިލް 2020 އެވެ.

 • އޯލް ނިޕޮން އެއަރވޭސް

މި އެއަރލައިނުން ޖަޕާން، ޗައިނާ، ސައުތު ކޮރެއާ އަދި އިޓަލީގެ ސިޓީތަކަށް، 30 އޭޕްރިލް 2020 ގެ ނިޔަލަށް ކުރާ ދަތުރުތަކުގެ ތާރީޚް، 30 ޖޫން 2020 ގެ ނިޔަލަށް ދަތުރުކުރާ ގޮތަށް ހިލޭބަދަލު ކޮށްދޭނެއެވެ.

 • އެމެރިކަން އެއަރލައިންސް

އެމެރިކަން އެއަރލައިންސް އިން ބުނީ، 30 އޭޕްރިލްގެ ކުރިން ދަތުރުކުރުމަށް، 1 މަރޗް ގެ ކުރިން ޓިކެޓް ގަނެފައިވާ ފަރާތްތަކުގެ ޓިކެޓް، 31 ޑިސެމްބަރ 2020 ގެ ކުރީގެ ތާރީޚަކަށް ނަމަ ހިލޭ ބަދަލު ކޮށްދޭނެއެވެ. ހަމަ މިއާއި އެކު، އިޓަލީ އަދި ސައުތު ކޮރެއާއަށް ދަތުރުކުރުމަށް، 24 ފެބްރުއަރީގެ ކުރިން ޓިކެޓް ނެގި ފަރާތްތަކަށާއި، ހޮންގކޮންގއަށް ދަތުރުކުރުމަށް 28 ޖެނުއަރީ ގެ ކުރިން ޓިކެޓް ނެގި ފަރާތްތަކުގެ އިތުރުން، ޗައިނާއަށް ދަތުރު ކުރުމަށް 24 ފެބްރުއަރީގެ ކުރިން ޓިކެޓް ނެގި ފަރާތްތަކުގެ ތާރީޚް ބަދަލުކުރުމާއި ރިފަންޑްވެސް ހަމަޖައްސާދެވޭނެ ކަމަށް އެއަރލައިނުން ބުނެއެވެ.

 • ބްރިޓިޝް އެއަރވޭސް

މި އެއަރލައިން އިން 3 މަރޗް އިން 31 މާރޗްގެ ނިޔަލަށް ހަދާފައިވާ ބުކިންގތަކުގެ ތާރީޚް ހިލޭ ބަދަލު ކޮށްދޭނެއެވެ. އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކަސްޓަމަރުން ހިމެނޭގޮތަށް،ފުރަތަމަ ބުކިންގ ހެދި ތާރީޚުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި ދަތުރުކުރުމަށް ބޭނުންވާ ފަރާތްތަކަށް މިފުރުސަތު އޮތީ ހުޅުވިފައެވެ.

 • ކެތޭ ޕެސިފިކް

ހޮންގކޮންގެ ގެ މި އެއަރލައިނުން، 20 އޭޕްރިލްގެ ނިޔަލަށް ދަތުރުކުރުމަށް ހަދާފައިވާ ބުކިންގތަކުގެ ތާރީޚް ހިލޭ ބަދަލު ކުރެވޭނެއެވެ. އަދި 9 މަރޗްގެ ކުރިން ޓިކެޓް ގަނެފައިވާ ފަރާތްތަކަށް ކުޑަ ފީ އަކާއި އެކުގައި ތާރީޚް ބަދަލު ކުރެވޭނެއެވެ. ހޮންގކޮންގ އިން ނުވަތަ ހޮންގކޮންގަށް 31 މޭ ގެ ނިޔަލަށް ދަތުރުކުރަން ހަމަޖެހިފައި ތިބި މީހުންގެ ޓިކެޓް، 10 ޑިސެމްބަރ 2020 ގެ ކުރިން ބަދަލު ކުރާނަމަ އެއްވެސް ފީ އަކާއި ނުލާ ބަދަލު ކުރެވޭނެއެވެ.

 • ޑެލްޓާ އެއަރލައިންސް

ޑެލްޓާއިން 30 އޭޕްރިލްގެ ނިޔަލަށް ދަތުރު ކުރުމަށް، 9 މަރޗްގެ ކުރިން ޓިކެޓް ގަނެފައިވާ ހުރިހާ ފަރާތްތަކުގެ ޓިކެޓް ހިލޭ ބަދަލު ކުރެވޭނެއެވެ. އަދި ޔޫރަޕް، ބެއިޖިންގ، ޝަންގްހާއީ އަދި ސޯލް އަށް 31 މޭގެ ނިޔަލަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ މީހުންގެ ޓިކެޓްވެސް ހިލޭ ބަދަލުކޮށްދޭނެއެވެ.

 • އީޒީ ޖެޓް

ބްރިޓިޝްގެ ބަޖެޓް އެއަރލައިނުން މިހާރު ހަދާފައިވާ ބުކިންތަކާއި އާ ބުކިންތައް ވެސް އެއް ފަހަރު ތާރީޚް ބަދަލު ކުރާ ނަމަ ހިލޭ ކޮށްދޭނެކަމަށް ވަނީ ބުނެފައެވެ. މިކަމަށް ވަކި ތާރީޚެއް ބަޔާންކޮށްފައެއް ނުވެއެވެ.

 • އެމިރޭޓްސް

އެމިރޭޓްސް އިން 31 މާރޗްގެ ކުރިން ހަދާފައިވަ ބުކިންތައް އިތުރު އެއްވެސް ފީއަކާ ނުލާ ބަދަލު ކުރެވޭނެ ކަމަށް އެ އެއަރލައިނުން ބުނެއެވެ.

 • އެތިހާދް

އެތިހާދް މެދުވެރިކޮށް ބުކްކޮށްފައިވާ ޗުއްޓީ އަދި ފްލައިޓް ޓިކެޓްތަކުގެ ތެރެއިން 8 މަރޗް އިން 7 އެޕްރިލް ހަދާފައިވާ ބުކިންގތައް އިތުރު ފީ އަކާއި ނުލާ ބަދަލު ކުރެވޭނެއެވެ. އަދި 30 ޖޫންގެ ކުރިން ދަތުރުކުރަން ހަމަޖެހި، ފްލައިޓް ކެންސަލްވެފައިވާ ފަރާތްތަކަށްވެސް އިތުރު ޗާޖަކާއި ނުލާ އާ ބުކިން ހެދޭނެއެވެ.

 • އައިބޭރިޔާ

މި އެއަރ ލައިން އިން 11 މަރޗްގެ ކުރިން ބުކްކޮށްފައިވާ ޓިކެޓްތަކުގެ ތެރެއިން 1 މަރޗް 2020 އާއި 30 އޭޕްރިލްއާއި ދެމެދު، މެޑްރިޑް، ޖަޕާން، ޝަންގްހާއީ އަދި އިޓަލީ އަށް ދަތުރުކުރަން ހަމަޖެހިފައިވާ ފަރާތްތަކުގެ ޓިކެޓް އިތުރު ފީއަކާ ނުލާ ބަދަލު ކުރެވޭނެއެވެ. 31 ޑިސެމްބަރު 2020 ގެ ކުރިއަށް ބައެއް ތާރީޚްތައް އުނިކޮށްފައި ދެން ހުރި ތާރީޚްތަކަށް ބަދަލު ކުރެވޭނެއެވެ.

 • ޖެޓް ބުލޫ

30 އޭޕްރިލް 2020 ގެ ނިޔަލަށް ދަތުރުކުރުމަށް ހަދާފައިވާ ބުކިންގްތައް ކެންސަލްކުރުމާއި ބަދަލުކުރުމަށް އެއްވެސް ފީ އެއް މި އެއަރލައިނުން ނުނަގާނެއެވެ. އަދި 1 ޖޫންގެ ކުރިން ދަތުރުކުރުމަށް، ފެބްރުއަރީ 27 އިން 5 މާރޗް އާއި ދެމެދު ޓިކެޓް ގަނެފައިވާ ފަރާތްތަކަށް ޓިކެޓް ކެންސަލްކުރުމާއި ބަދަލުކުރުންވެސް ހިލޭ ކޮށްދޭނެއެވެ. 8 ސެޕްޓެމްބަރު 2020 ގެ ކުރިން ދަތުރުކުރުމަށް، 6 އަދި 31 މަރޗް އާއި ދެމެދު އަލަށް ހަދާ ބުކިންތަކަށް ވެސް ކެންސަލޭޝަން ފީ އެއް ނުވަތަ ތާރީޚް ބަދަލު ކުރުމަށް އަގެއް ނުނަގާނެއެވެ.

 • ކުއަންޓަސް ޖެޓްސްޓަރ

ޖެޓްސްޓަރ އިން ހާމަކުރިގޮތުގައި، 31 މާރޗްގެ ނިޔަލަށް ހަދާފައިވަ ބުކިންގތަކުގެ ތެރެއިން، 30 ޖޫންގެ ނިޔަލަށް ދަތުރުކުރަން ހަމަޖެހިފައިވާ ޓިކެޓްތައް އިތުރު އަގަކާއި ނުލާ ބަދަލުކޮށްދޭނެއެވެ. މިގޮތަށް ބަދަލު ކުރެވޭނީ އެއްފަހަރުއެވެ.

 • ޤަތަރު އެއަރލައިންސް

30 ޖޫންގެ ނިޔަލަށް ދަތުރުކުރުމަށް ހަދާފައިވާ، އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ބުކިންގްތައް އިތުރު އަގަކާއި ނުލާ، ބަދަލު ކުރެވޭނެއެވެ. އެންމެ ފުރަތަމަ ބުކިންގް ހެދި ތާރީޚުން ފެށިގެން 12 މަސް ދުވަހު ތެރޭގެ ކޮންމެ ތާރީޚަކަށް ވެސް ބަދަލު ކުރެވިދާނެއެވެ.

 • ކޮރެއަން އެއަރ

މާރޗް 1 ގެ ކުރިން ބުކްކޮށްފައިވާ ޓިކެޓްތަކުގެ ތެރެއިން، ނޯތު އެމެރިކާ އަދި ކޮރެއާ އަށް ނުވަތަ ކޮރެއާގައި ޓްރާންސިޓްކޮށްފައި ދާ ގޮތަށް ހުރި ބުކިންގތައް އެއްވެސް ފީ އަކާ ނުލާ ބަދަލުކޮށްދޭނެއެވެ. އާ ޓިކެޓް ނަގަން ޖެހެނީ 30 ޖޫން 2020 ގެ ކުރިންނެވެ. ސައުތު އީސްޓް އޭޝިޔާގެ ފަސިންޖަރުންގެ ތެރެއިން ކޮވިޑް-19 ގެ ސަބަބުން ޤައުމުތަކަށް ވަންނަން ހުރަސްތައް ހުރި ފަރާތްތަކާއި، ކޮވިޑް-19 ގެ ސަބަބުން ދަތުރު ނުކުރެވުނު ފަރާތްތަކަށް ވެސް މި ކަހަލަ ލުއި ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ.

 • ކޭ. އެލް. އެމް

ކޭ. އެލް. އެމް އިންވަނީ އެ އެއަރ ލައިން އިން، 4 މަރޗް އިން 31 މޭ އާއި ދެމެދު ދަތުރުކުރުމަށް 31 މަރޗްގެ ކުރިން ޓިކެޓް ނަގާފައިވާ މީހުންގެ ޓިކެޓް އެއްވެސް ފީ އަކާއި ނުލާ ބަދަލު ކޮށްދޭން ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.