ރާއްޖޭގެ އާބާދީގެެ ބޮޑު ބަޔަކަށް ސާފު ފެނުގެ ހިދުމަތާއެކު ނަރުދަމާގެ ހިދުމަތް ދެމުން އަންނަކަމަށާއި، 2023 ވަނަ އަހަރުގެ ކުރިން މުޅި ރާއްޖޭގެ އާބާދީއަށް އެ ހިދުމަތްދެވޭނެކަމަށާއި، އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި މެދުނުކެނޑި ހިދުމަތް ދިނުންކަމަށް ތިމާވެއްޓާއިބެހޭ ވަޒީރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ފެނުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ދެއްވި ހިތާބުގައި ވިދާޅުވީ ސާފުބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް ރަށްރަށުގައި ޤާއިމްކުރުމަށްޓަކައި ޚާއްޞަ އިސްކަމެއް ދީގެން ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންކަމަށެވެ. އެގޮތުން 2021 ވަނައަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް 71 ރަށެއްގައި ނަރުދަމާ ނިޒާމު ޤާއިމުކޮށް އާބާދީގެ 79% އަށް ރައްކާތެރި ނަރުދަމާ ނިޒާމުގެ ޚިދުމަތް ދަނީ ފޯރުކޮށް ދެމުންކަމަށެވެ.

ހަމަމިއާއި އެކު، 2023 ގެ ނިޔަލަށް އާބާދީގެ %100 އިންސައްތައަށް ރައްކާތެރި ނަރުދަމާ ނިޒާމުގެ ޚިދުމަތް ފޯރުކޮށް ދިނުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ސަރުކާރުން ކަނޑައަޅާފައިވާ އަމާޒެކެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ފެނުގެ ނިޒާމުޤާއިމް ކުރެވިފައިވާ ގޮތަށްބަލާއިރު 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް 39 ރަށެއްގައި ފެނުގެ ނިޒާމު ޤާއިމުކޮށް އާބާދީގެ %68 އަށް ފެނުގެ ޚިދުމަތް ދަނީ ފޯރުކޮށް ދެމުން ކަމަށެވެ. އަދި 2023 ގެ ނިޔަލަށް 100% އަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފެނުގެ ނިޒާމުގެ ޚިދުމަތް ޔަޤީންކޮށް ދިނުމަކީވެސް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު ސަރުކާރުން ކަނޑައަޅާފައިވާ އަމާޒެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި އެ ރަށެއްގެ ފެނާއި ނަރުދަމާގެ ޚިދުމަތް އާންމުގޮތެއްގައި އެއް ޔުޓިލިޓީ ކުންފުނި މެދުވެރިކޮށް ފޯރުކޮށްދެއްވުމަކީ ސަރުކާރުގެ އާއްމު ސިޔާސަތުކަމަށެވެ. އަދި މި ސިޔާސަތުގެ ދަށުން ރަށްރަށުގައި ޤާއިމްކުރެވޭ ފެނާއި ނަރުދަމާ ނިޒާމްގެ ޚިދުމަތް ޔުޓިލިޓީ ކުންފުނިތައް މެދުވެރިކޮށް ދަނީ ފޯރުކޮށްދެމުންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނޫ އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތިން އެކަށީގެންވާ ފެނާއި ނަރުދަމާ ނިޒާމް މީހުން ދިރިއުޅޭ ރަށްރަށުގައި ޤާއިމްކޮށް އޭގެ ޚިދުމަތް ފޯރުކޮށްދިނުމަށް ދިނުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމަށް މިހާރު ވަނީ ބީލަންކޮށް ކޮންޓަރެކްޓަރުންނާއި ހަވާލުކޮއްފައިކަމަށެވެ. އަދި ފެނާއި ނަރުދަމާގެ ހިދުމަތް ހަރުދަނާ ގޮތެއްގައި ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށްޓަކައި ފެނާއި ނަރުދަމާ އާއި ބެހޭ ޤާނޫނު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ތަސްދީގު ކުރައްވާފައިކަމަށެވެ.

މި ދާއިރާ ކުރިއަރުވައި ރައްޔަތުންނަށް އެކަށީގެންވާ ފެންވަރު ރަގަނޅު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ހާއްސަ ޤާނޫނުއްގެ ދަށުން ވަނީ ރެގިއުލޭޓް ކުރުމަށް ޔޫޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީގެ ނަމުގައި މުވައްސަސާއެއް އުފައްދަވާފައިވާކަމީ މިދާއިރާ އިތުރު ހަރުފަތަކަށް ގެންދިޔުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްވާ އަހުމިއްޔަތުކަން ހާމަވެގެންދާ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ފެނާއި ނަރުދަމާގެ ޤައުމީ ސިޔާސަތުގެ އެންމެ މުހިންމު އަމާޒަކީ އެންމެނަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ޚިދުމަތް ފޯރުކޮށްދިނުމުގައި އެންމެ މުހިންމު އެއްކަމަކީ މިކަމަށް ބޭނުންވާ ޒާމާނީ ވަސީލަތްތަކާއި ނިޒާމުތައް ޤާއިމުކުރުމެވެ.

މިނިސްޓަރ ވިދާޅުވީ ފެނާއި ނަރުދަމާގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ލިބުމަކީ މުހިންމުކަމެއް ކަމުގައި ފާހަގަކުރާކަމަށެވެ. އަދި ރަށްރަށުގައި ޤާއިމްކުރަމުންދާ ފެނާއި ނަރުދަމާގެ ނިޒާމްތަކުގެ ޚިދުމަތާއި އެނިޒާމްތައް ދެމެހެއްޓެނިވިގޮތެއްގައި ބެލެހެއްޓުމަށް މަގުފަހިކުރުމާއި އެއިން އާންމުންނަށް ލިބޭ މަންފާއާއި ފަސޭހަތައް މެދުކެނޑުމެއްނެތި ލިބިދޭނެގޮތްތައް ހޯދުމަށް އާ އަޒުމަކާއެކު މަސައްކަތްކުރުން މުހިންމުކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިކަމުގައި އެންމެން ޝާމިލުވެތިބެ، އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރީންގެ މުސްތަޤުބަލަށާއި، ދުޅަހެޔު ޞިއްޙަތަކަށާއި، އުފާވެރިދިރިއުޅުމަކަށްޓަކައި އިތުރު ހިތްވަރަކާއިއެކު އެންމެން އަތުގުޅާލައިގެން މަސައްކަތްކުރުމަށް މިއަދު އިލްތިމާސް ކުރަމެވެ.

ކޮންމެ އަހަރެއްގެ މާރޗް މަހުގެ 22 ވަނަ ދުވަހަކީ ދުނިޔޭގެ ފެނުގެ ދުވަހެވެ.

ބައިނަލްއަގުވާމީ ގޮތުން 1993 ވަނަ އަހަރުން ފެށިގެން މުޅި ދުނިޔޭގައި އަންނަނީ މިދުވަސް ފާހަގަކުރަމުންނެވެ. މިދުވަހަކީ ފެނުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް ބާރުއެޅުމަށާއި މިކަމަށް މީހުން ހޭލުންތެރިކުރުމަށް ޚާއްސަ ކުރެވިފައިވާ ދުވަހެކެވެ.

މިދުވަސް ފާހަގަކުރަނީ އދ. ގެ އާންމު މަޖިލީހުން  ކަނޑައަޅާ ޚާއްސަ ޝިޢާރެއްގެ ދަށުންނެވެ. މިގޮތުން 2021 ވަނަ އަހަރުގެ ދުނިޔޭގެ ފެނުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި އ.ދ އިން ކަނޑައަޅާފައިވަނީ "ފެނުގެ އަގުވަޒަންކުރުން" އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *