19 އަހަރުގެ ދަނަނީރު މޮބީން އިންސްޓަގްރާމްއަށް ހިއްސާކޮށްފައިވާ 5 ސިކުންތުގެ ވީޑިއޯއެއް ވަނީ ޕާކިސްތާނާ އިންޑިއާގެ އެތައް ބައެއްގެ ސަމާލުކަން ހޯދައި ސޯޝަލް މީޑިއާގައި ހަލުވިގޮތެއްގައި ދައުރުވާން ފަށާފައެވެ. މި ވީޑިއޯގައި ދައްކުވައިދެނީ ޕާކިސްތާނަށް އުފަން ދަނަނީރު އުތުރު ޕާކިސްތާނުގެ ނަތައިގަލީ ފަރުބަދަތަކުގައި އޭނާގެ ރަށްޓެހިންނާއެކު ޕާޓީކުރާ މަންޒަރެވެ. ނަމަވެސް މީހުންގެ ސަމާލުކަން ހޯދާފައިވަނީ އޭނާ މި ވީޑިއޯގައި ބުނެފައިވާ ޑައިލޮގުންނެވެ.

ވީޑިއޯގައި އެނާ ބުނެފައިވަނީ "މި އޮތީ އަހަރުމެންގެ ކާރު, މިތިބީ އަހަރުމެން އެންމެން, އަދި މިތާގައި އަހަރުމެންގެ ޕާރީ މިހިނގަނީ" މިފަދައިންނެވެ.

ދަނަނީރު ވަނީ ގަސްތުގައި ޕާޓީގެ ބަދަލުގައި ޕާރީ ބުނެފައެވެ. އެއީ ހުޅަނގުގެ މީހުން ވާހަކަދައްކާ ގޮތަށް މަސައްކަތް ކުރާ ދެކުނު އޭޝިއާގެ ގިނަ ބަޔަކަށް ޖޯކުޖެހުމުގެ ގޮތުންނެވެ.

ފެބުރުއަރީ 6 ގައި އިންސްޓަގްރާމްއަށް ހިއްސާކުރި މި ވީޑިއޯވަނީ 7 މިލިއަނަށްވުރެ ގިނަ މީހުން ބަލައި, ސޯޝަލް މީޑީއާގެ އެންމެ ޓްރެންޑިން އެއް ހޭޝްޓެގްގެ ގޮތުގައި ބޭނުންކުރެވިފައެވެ. ހަމައެއާއެކު ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ އިސް ބޭފުޅުންނާއި މަޝްހޫރު ފިލްމީ ތަރިންނާއި އެތައް މުއްސަސާއެއްވެސް ވަނީ މި ވީޑިއޯއާ ގުޅިގެން އިތުރު ވީޑިއޯތައް ތައްޔާރުކޮށްފައެވެ.

ދަނަނީރު ވަނީ މި ވީޑީއޯ އެތައް ބައެއްގެ ސަމާލުކަން ހޯދުމުން އެކަމާ ހައިރާންވެ, ސޯޝަލް މީޑިއާގައި މައުލޫމާތު ފެތުރުމުގެ ބާރު ފާހަގަކޮށްފައެވެ.

އޭނާ ބުނެފައިވަނީ "މިވީޑިއޯ އިންސްޓަގްރާމް އާ ހިއްސާކުރުމުގެ ނިޔަތުގައެއް ނޫން އެ ޝޫޓްކުރީކީވެސް, ވަރަށް އާދައިގެ ވީޑިއޯއެއް އެއީ" ކަމަށެވެ.

މި ވީޑިއޯ އާ ގުޅިގެން "ޕާރީ" ވަނީ އިންޑިއާގެ ފުލުހުންނާއި ޑެލީ ކޮމިޝަން އޮފް ވިމެން އިން އެމީހުންގެ ސޯޝަލް މީޑިއާ ކެމްޕޭން ތަކުގައި ބޭނުންކޮށްފައެވެ.

އިންޑިއާގެ ދެސިފައިން ސްނޯ ފައިބާ ފަރުބަދައެއްގައި ޝޫޓްކުރި އެއް ވީޑިއޯގައި ބުނެފައިވަނީ "މިތިބީ އަހަރުމެން, މިއޮތީ އަހަރުމެންގެ ބަޑި އަދި އަހަރެމެން މިތިބީ މިތާގައި ޕެޓްރޯލް ކުރަން" ކަމަށެވެ.

ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިން އަދި ޖޯޑު ރަންވީރު ސިންހު އަދި ޑިޕިކާ ޕަޑުކޯންވެސް ވަނީ ދަނަނީރުގެ ވީޑިއޯއާ ގުޅިގެން ވީޑިއޯއެއް ތައްޔާރުކޮށްފައެވެ. އިންޑިއާގެ ޑެއިރީ ކުންފުންޏެއް ކަމަށްވާ އަމުލް އަކީ އާންމުގޮތެއްގައި ސޯޝަލް މީޑިއާގައި އެވަގުތަކު މަޝްހޫރު ކަމަކާ ގުޅީގެން އިސްތިހާރު ތައްޔާރުކުރާ ބަޔަކަށްވެފައި މިފުރުސަތުގައިވެސް "ޕަވް-ޓީ"ގެ އިސްތިހާރެއް ތައްޔާރުކޮށްފައެވެ. މީގެ އިތުރުން އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބާރަތިޔަ ޖަންތާ ޕާޓީއިންވެސް ވަނީ އެމީހުންގެ އިންތިހާބަށް ކެމްޕޭން ކުރުމުގައި ދަނަނީރުގެ ވީޑިއޯގެ ޑައިލޮގް ބޭނުންކޮށްފައެވެ.

"އިންޑިއާ އާއި ޕާކިސްތާނު މިކަމުގައި ބައިވެރިވުމުން އެކަމާ ވަރަށް ފަހުރުވެރިވެ އުފާވެސް ކުރަން" ދަނަނީރު އޭނާގެ ވީޑިއޯ ހޯދީ މަޤްބޫލުކަމާ ބެހޭގޮތުން ބުނެފައިވެއެވެ.

އިންޑިއާއާ ޕާކިސްތާން އަކީ 1947 ގައި މިނިވަންކަން ހޯދުމަށްފަހު 3 ހަނގުރާމަ ކޮށް ދެޤައުމުގެ ދޭތެރޭގައި ވަރަށް ހީނަރު ގުޅުމެއް ބާއްވާ ދެ ޤައުމެވެ. މިކަމުގެ މައި ސަބަބަކީ ކަޝްމީރުގެ އުތުރު ފަރާތުގައި ދެ ޤައުމުންވެސް ބާރު ހިންގާ އެކި ސަރަހައްދުތައް އޮތުމާއެކުވެސް ކޮންމެ ޤައުމަކުންވެސް ފުރިހަމަ ބާރު ބޭނުންވެފައި އޮތުމެވެ.

ދަނަނީރުގެ ވީޑިއޯ އެތައް ބައެއްގެ ސަމާލުކަން ހޯދުމަށްފަހު އޭނާއަށްވަނީ ފިލްމުކުޅުމާއި މޮޑެލް ކުރުމުގެ ދާއިރާއިން ކުރިއަށްދިއުމުގެ ފުރުސަތުތައް ލިބިފައެވެ. ނަމަވެސް ދަނަނީރު ފާހަގަކޮށްފައިވަނީ އޭނާ ބޭނުންވަނީ ޕާކިސްތާނުގެ ހާރިޖީ ދާއިރާއިން ހިދުމަތްކުރުމަށް ބޭނުންވާކަން ހާމަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *