އިންޑިއާގެ ވަޒީރުންގެ މަތީ ފެންވަރުގެ ބައްދަލުވުމަކަށް ފަހު ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން، އިންޑިއާ އިން ވެސް ވިސާ ދިނުން މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން މެދުކަނޑާލަން ނިންމައިފި އެވެ.

އިންޑިއާއިން ނިންމާފައި ވަނީ ޑިޕްލޮމެޓުންނާއި އދ.ގެ އޮފިޝަލުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ މެންބަރުންނާއި ވަޒީފާގެ ބޭނުމަށް އަންނަ މީހުންނާއި ޕްރޮޖެކްޓް ވިސާ އޮންނަ މީހުން ފިޔަވައި އެހެން އެންމެންނަށް މި މަހުގެ 13 އިން ފެށިގެން އޭޕްރީލް މަހުގެ 15 އާ ހަމަ އަށް ވިސާ މެދުކަނޑާލާށެވެ.

އިންޑިއާގެ ޕްރެސް އިންފޮމޭޝަން ބިއުރޯ އިން ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 13 ވަނަ ދުވަހުގެ މެންދަމު 12:00 އިން ފެށިގެން، އަލަށް ކަނޑައެޅި އުސޫލަށް އަމަލުކުރަން ފަށާނެ ކަމަށެވެ.

ބޭރު ގައުމެއްގެ ރައްޔިތަކު އިންޑިއާއަށް ކޮންމެހެން ދަތުރު ކުރަން ޖެހިއްޖެ ނަމަ އެންމެ ކައިރީގައި ހުންނަ އިންޑިއާގެ މިޝަނަށް ގުޅައިގެން ކުރިއަށް ގެންދިޔުމަށް ވަނީ އެދިފަ އެވެ.

އިންޑިއާ ދަރިކޮޅުގެ އެހެން ގައުމުތަކުގެ ރައްޔިތުންނަށް ވަކި މުއްދަތެއް ނެތް ގޮތުގައި އިންޑިއާގައި މަސައްކަތްކުރުމަށް ދޭ އޯއައިސީ ވިސާ ދިނުން ވެސް މި ވަގުތަށް ހުއްޓާލަން އިންޑިއާ އިން ވަނީ ނިންމައިފަ އެވެ.

އިންޑިއާ އިން މި ފިޔަވަޅުތައް އެޅި އިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މިރޭ ވަނީ ކޮވިޑް-19 އަކީ މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅައި ބައްޔާ ދެކޮޅަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައިފަ އެވެ.

ކޮރޯނާވައިރަހަށް އިންޑިއާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 64 އަށް އަރައިފިއެވެ. ކޮވިޑް މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 100،000 އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު 4300 އެއްހާ މީހުން ވަނީ މަރުވެފަ އެވެ.އިންޑިއާގެ އެކި ސަރަހައްދުތަކަށް މި ބަލި ފެތުރިފައިވާއިރު، މި ބައްޔަށް އެންމެފަހުން ޕޮޒިޓިވް ވެފައިވަނީ އިންޑިއާގެ މުމްބާއިގެ ހޮސްޕިޓަލެއްގައި ތިބި ދެ މީހެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.