ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް

ރާއްޖެއަށްވެސް ވެކްސިން ފޯރުކޮށްދެނީ އެހެން ގައުމުތަކާއި އެއްގޮތަކަށް ކަމަށް ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ވިދާޅުވެއްޖެއެވެ.

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މި މޭރުމުން ޓްވީޓް ކުރައްވާފައިވަނީ ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ލައްކަ ޑޯޒްގެ ވެކްސިން ހުރީ ރާއްޖޭގައި ނޫން ކަމަށާއި އެ ވެކްސިން ހޯދަން ޗައިނާއަށް ބަލާ ދާން ޖެހޭކަމަށްބުނެ ރާއްޖޭގެ ބައެއް މީޑިއާތަކުގައި ރިޕޯޓް ކުރުމާއި ގުޅިގެންނެވެ.

އެގޮތުން، މިއަދު ކުރެއްވި ޓްވީޓެއްގައި ޗައިނާގެ ސަފީރު ވިދާޅުވީ، ޗައިނާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދީފައިވާ ވެކްސިނަކީ ރާއްޖޭގެ ވެކްސިނޭޝަން ޕްރޮގްރާމްއަށް އެހީތެރިވުމުގެ ގޮތުން ފޯރުކޮށްދީފައިވާ ވެކްސިން ކަމަށެވެ. އެހެންނަމަވެސް، ޗައިނާއިން ވެދެއްވާފައިވާ އެހީ އޮޅޭނެ ފަދަ ގޮތަކަށް މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވާ ކަމަށް ބުނެ ޗައިނާގެ ސަފީރު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ޗައިނާއިން އެހެން ގައުމްތަކަށްވެސް ވެކްސިން ފޯރުކޮށްދިނުމުގައި އަމަލުކޮށްފައިވާނީ މިގޮތަށް ކަމަށާއި، އެކަމުގެ ހަގީގަތް އޮޅޭގޮތަށް ރިޕޯޓް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ޗައިނާގެ ސަފީރު ވިދާޅުވިއެވެ.

ޗައިނާއިން އެންމެ ފުރަތަމަ ވެކްސިން ރާއްޖެއަށް ފޯރުކޮށްދޭކަން ހާމަކުރީ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ. އެ ފަހަރު އެއް ލައްކަ ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެކަން އިއުލާންކުރުމަށްފަހު އިތުރު އެއް ލައްކަ ޑޯޒްގެ ވެކްސިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަން ހާމަކުރީ މާރިޗު މަހުގެ 4 ވަނަ ދުވަހުއެވެ.

ރާއްޖޭގައި މިވަގުތު ހުރީ ހެޔޮ އެދޭ ފަރާތަކުން ހަދިޔާކޮށްފައިވާ ޗައިނާގެ ސައިނޯފާމް ވެކްސިންގެ 18،000 ޑޯޒް އެވެ. އެ ވެކްސިންއަށް ރާއްޖެއިން ހުއްދަ ދިނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

"ޖަޒީރާ" އަށް މީގެކުރިން މައުލޫމަތު ލިބިފައިވާ ގޮތުގައި، ރާއްޖެއަށް ހަދިޔާ ކުރުމަށް ޗައިނާއިން ނިންމާފައިވަނީ ސައިނޯފާމް ވެކްސިނެވެ. ޗައިނާގެ ސަރުކާރުގެ ހިއްސާ އޮންނަ ސައިނޯފާމް ކުންފުނިން އުފައްދާފައިވާ ވެކްސިނަކީ ފޭސް 3 ޓްރަޔަލްތައް ފުރިހަމަކޮށްފައިވާ ވެކްސިނެކެވެ. މި ވެކްސިންގެ ޓްރަޔަލްތަކުގެ ފުރިހަމަ ނަތީޖާތައް އެ ކުންފުނިން އާންމުކޮށްފައި ނުވިނަމަވެސް، ވެކްސިންގެ އެފިޝިއެންސީ ރޭޓަކީ 79 އިންސައްތަ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން މިވަގުތަށް ހުއްޓާލާފައިވާއިރު ޗައިނާއިން ހަދިޔާކޮށްފައިވާ ދެ ލައްކަ ޑޯޒް ރާއްޖޭގައި ނެތުމަކީ ރާއްޖޭގެ ވެކްސިން ޕްރޮގްރާމް މަޑުޖެހިގެންދާނެ ކަމެކެވެ. ރޭގެ ނިޔަލަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު 215،852 އަށް އަރާފައިވާއިރު ސަރުކާރުގެ އަމާޒަކީ އާބާދީގެ 70 އިންސައްތައަށް ވެކްސިން ދޭ ފުރަތަމަ ގައުމަކަށް ރާއްޖެ ހެދުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *