މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެމްއެންޑީއެފް

މެރިންކޯރގެ ސްޕެޝަލް އޮޕްރޭޝަން ގްރޫޕް (އެސްއޯޖީ) ތަޢާފަރުކޮށްފި އެވެ.

އެސްއޯޖީ ތައާރަފްކޮށްފައިވަނީ ބަންޑާރަކޮށީގައި އެކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. މި ރަސްމިއްޔާތުގައި އެސްއޯޖީގެ ބައެއް މަޤާމުތަކަށް އައްޔަންކުރެވުނު ފަރާތްތަކުގެ މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ މެރިންކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދުއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި، މެރިންކޯރގައި މިއަދު އަލަށް ތަޢާރަފު ކުރެވުނު އެސްއޯޖީއަކީ އެމްއެންޑީއެފުން ހިންގާ ޚާއްޞަ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ އިތުރު އެލީޓް ފޯސްއެކެވެ. މި ފޯސްއަކީ އެމްއެންޑިއެފްގެ އައު އިސްތިރާޖީ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިވާގޮތަށް އެއްގަމާއި ކަނޑުގައި ޚާއްޞަ އޮޕަރޭޝަންތައް ހިންގުމުގެ ޤާބިލްކަން ލިބިފައިވާ ޚާއްޞަ ބާރެކެވެ.

މި ފޯރސް އަށް ސްޕެޝަލް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވުމުގެ ޢިލްމާއި ހުނަރު އުނގަންނައި ދެވިފައިވާނެ ކަމަށާއި، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ވާނެކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. މަތިވެރި އަސްކަރީ އަޚްލާޤްގެ މަތީގައި ސާބިތުވެ ތިބޭ މި ޚާއްޞަ ފޯސްގެ ސަބަބުން މެރިންކޯރގެ އިތުރުން ދިވެހި އަސްކަރިއްޔާގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުވެގެންދާނެއެވެ.

މެރިންކޯރގެ ސްޕެޝަލް އޮޕްރޭޝަން ގްރޫޕް ތަޢާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުގެ އިތުރުން މެރިންކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދާއި އެމްއެންޑިއެފްގެ ޑައިރެކްޓަރޭޓްތަކާއި ޔުނިޓްތަކުގެ ބައެއް ކޮމާންޑަރުންގެ އިތުރުން މެރިންކޯރގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *