MNDF
އެމްއެންޑީއެފްގެ އިވެންޓެއްގެ ތެރެއިން -- ޖަޒީރާ ފޮޓޯ: އަހުމަދު ޝުރާއު

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ޖެނެރަލުންގެ އިތުބާރު، ދިވެހި އަސްކަރިއްޔާގެ ލީޑަރޝިޕަށް އެބައޮތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ޝަމާލް މިގޮތަށް ވިދާޅުވީ އުތުރު ތިލަފަޅާއި ގުޅޭގޮތުން އިންޑިއާއިއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ކޮޕީއެއް ކަމަށްބުނެ ހަގީގަތާއި ޚިލާފް ދޮގު ލިޔެކިޔުންތަކެއް ދައުރުކުރި މައްސަލައާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ސީނިއަރަ ހުރިހާ ޖެނެރަލުން ވަނީ ބައިވެރިވެފަ އެވެ.

އިއްޔެ ސޯޝަލް މީޑިއާއާއި ރާއްޖޭގެ ބައެއް މީޑިއާތަކުގައި ވަނީ މި އެއްބަސްވުމުގެ ކޮޕީއެއް ކަމަށް ބުނެ، ލިޔުންތަކެއް ދައުރުކޮށްފައެވެ. އެއް މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ އެއްބަސްވުން ލީކުކޮށްލީ ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އިސް ޖެނެރަލެކެވެ. އަދި މި އެއްބަސްވުމާއި ގުޅޭގޮތުން ޖެނެރަލުންގެ ތެރޭގައި މަޝްވަރާކުރެވިފައިނުވާކަމަށާއި އެ އެއްބަސްވުން ނުވެސް ފެންނަ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މި ވާހަކަތައް ދޮގުކުރައްވަމުން ޝަމާލް ވިދާޅުވީ އެފަދަ ގޮތަކަށް އެމްއެންޑީއެފްގެ ޖެނެރަލެއްގެ އިއްޒަތާއި ކަރާމަތަށް ބުރުއަރާފަދަ ގޮތަކަށް މައުލޫމާތު ފެތުރުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ. ޝަމާލް ވިދާޅުވީ ޖެނެރަލުންގެ ފުރިހަމަ އިތުބާރު ދިވެހި އަސްކަރިއްޔާގެ ލީޑަރޝިޕަށާއި ދިވެހި ސަރުކާރަށް ވެސް އެބައޮތް ކަމަށެވެ.

އަޅުގަނޑުމެންގެ ޖެނެރަލުންގެ ފުރިހަމަ އިތުބާރު މި މުއައްސަސާގެ ލީޑަރޝިޕަށާއި ސަރުކާރަށްވެސް އެބައޮތް. ކޮމާންޑަރ އިންޗީފުން ފެށިގެން ދިފާއީ ވަޒީރުން ފެށިގެން އަޅުގަނޑުގެ ލެވެލް އިން ވައިސް ޗީފްގެ ލެވެލް އަށް ވެސް މި ހުރިހާ ބޭފުޅުންނާއި ދޭތެރޭގައި ވެސް ފުލް ކޮންފިޑެންސް އޮންނާނެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަމާލް ވަނީ ޖެނެރަލެއްގެ އިތުރުން އެހެން އޮފިސަރެއްގެ ފަރާތުން އެފަދަ ކަމެއް ނުފެންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ މުއައްސަސާގެ އެއްވެސް ބޭފުޅަކާއި ގުޅިގެން ތުހުމަތެއް ކުރެވޭނަމަ، ކަމާ ބެހޭ އިދާރާތަކަށް ހުށައަޅައިގެން ކުރިއަށް ގެންދިއުމަށް ވެސް ޝަމާލް ވަނީ އިލްތިމާސްކުރައްވާފައެވެ.

އޭގެއިތުރުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދެއްކެވި އިތުރު ޖެނެރަލުންވެސް ވަނީ ޖެނެރަލުންގެ މެދުގައި މަޝްވަރާތައް ނުކުރެވޭކަމަށް ބުނެ ފަތުރާ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި އެމްއެންޑީއެފްގެ ޖެނަރަލުންގެ މެދުގައި މަޝްވަރާތައް ކުރެވޭކަމަށާއި، އެމްއެންޑީއެފްގެ އިތުބާރު ގެއްލުވާލުމަށް ކުރާ މަސައްކަތް ބަލައިނުގަންނާނެކަމަށް ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *