އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުންނަކީ ސޯޝަލް މީޑިޔާ ޕްލެޓްފޯމްތައް އާންމު ގޮތެއްގައިވެސް ބޭނުންކުރަމުން އަންނަ ބައެއްކަމާއިމެދު ގިނަ ބޭފުޅުން އިއްތިފާގު ވާނެއެވެ. އަދި ދިރިއުޅުމުގައި ދިމާވާ ކަންތައްތައް އެފަދަ ޕްލެޓްފޯމް ތަކުގައި ޙިއްސާ ކުރުމަކީ ގިނަ ދިވެހިންގެ އާދައެކޭ ބުންޏަސް މުޅިޔަކުން ދޮގަކަށް ނުވާނެއެވެ.
ބައެއް ފަރާތްތަކުން އެފަރާތަށް ދިމާވާ އުފާ ޙިއްސާކުރާއިރު، އަނެއްބައި ފަރާތްތަކުން ދިމާވާ ހިތާމަތައް ޙިއްސާކުރަމުންދެއެވެ. އަދި އެއްބައް ފަރާތްތަކުން، އަނެކާގެ އެހީއަށް އެދުމަށް ސޯޝަލް މީޑިޔާ ބޭނުންކުރާއިރު އަނެއް ބަޔަކަށް މި ޕްލެޓްފޯމް ވެފައި ވަނީ ބަޔަކަށް މަޢުލޫމާތުތަކެއް ފޯރުކޮށްދިނުމުގެ މަދަދުގާރަކަށެވެ.
ކޮންމެ ބޭފުޅަކުވެސް ޙަބަރެއް ނުވަތަ އެބޭފުޅެއްގެ ހިތުގެ ޝުޢޫރުތައް ސޯޝަލް މީޑިޔާއަށް ބަންޑުން ކޮށްލަނީ ހަމައެކަނި ބަޔަކަށް އެ ޢަމަލު ދައްކަންތޯއެވެ. ނުވަތަ ހަމަ ޙަޤީގަތުގައިވެސް އެއީ އެކަން ޤަބޫލުކުރާތީތޯއެވެ.
އަޅުގަނޑުމެންގެ ތެރޭގައި ބައްޔެއް ވުމުން ސޯޝަލް މީޑިޔާގައި އެކަން ޙިއްސާ ކުރާ މީހުންވެސް މަދެއް ނޫނެވެ. އަދި ބަޔަކު މީހުންގެ ފަރާތުން ލިބޭ މެސެޖަކުން އެބަލި ފަސޭހަވާ މީހުންވެސް އެހާގިނަކަން ފާހަގަކުރެވެއެވެ.
މިއަދު މުޅި ގައުމަށް ދިމާވެފައިވާ މި ނުތަނަވަސްކަމުގެ ވަގުތުގައި އިސް ރޯލެއް އަދާކުރާ މި ޕްލެޓް ފޯމްގައި، ވަރަށް ގިނަ ފަހަރަށް އަޅުގަނޑުމެން އެކި ކަންތަކުގައި ދުޢާކޮށް ޕޯސްޓް ޙިއްސާ ކުރަމުންދާ މަންޒަރު ފެންނަމުންދެއެވެ. ނަމަވެސް ދުޢާ ދަންނަވަން އެންމެ އެކަށީގެންވާ ތަނަކީ މިއީތޯ އަމިއްނަ ނަފްސާ ސުވާލުކޮށްލީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުން ތޯއެވެ؟
އަޅުގަނޑުމެންގެ ތެރެއިން ކިތައް ބޭފުޅުންނަށްތޯ ދުޢާ ދަންނަވަން ވީ ފަރާތަށް އެ ދުޢާ ދެންނެވެނީ؟ ނުވަތަ އެފަރާތުން އަންގަވާފައިވާ ގޮތަށް، ކަންތައްތަކަށް އެދި ދުޢާ ދަންނަވަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ބޭފުޅުންތޯއެވެ.
މިއަދު ޤައުމަށް ނުހަނު ބޮޑު ބިރުވެރިކަމެއް ވެރިވެގަތް ވަގުތު، އަޅުގަނޑުމެންގެ ތެރެއިން ކިތައް ބޭފުޅުންނަށްތޯ ފަސްވަގުތު ގޮވާލެވޭ ގޮވާލުމަށް އިޖާބަދެވެނީ؟ މިސްކިތުން ދުވާލަކު ފަސް ވަގުތު ފަލާޙާއި ކާމިޔާބު ލިބުމަށް އަވަސްވެގަތުމަށް ގޮވާލެވޭ އަޑު އިވިގެންދަނީ ކިތައްބޭފުޅުންނަށްތޯ؟
ދުޢާ ކުރުން އެންމެ އެކަށީގެންވަނީ ސޯޝަލް މީޑިޔާގައިތޯ ނުވަތަ މާތް ﷲ ޙަޟްރަތުގައިތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލާށެވެ.