ޕީޕިއެމް/ޕީއެންސީ ކޯލިޝަނުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 ގެ ބިރުވެރިކަން މުޅި ދުނިޔެއަށްވެސް ފެތުރިފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ ޙާލަތަށް ރިޢާޔަތްކޮށް އަތޮޅުތަކުގައި ޙަރަކާތްތެރިވަމުންދާ ކޯލިޝަންގެ ޓީމްތައް ދަތުރުތައް ކުރުކޮށްލުމަށްފަހު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އެގޮތަށް ނިންމާފައިވަނީ ރާއްޖެފަދަ ކުޑަ ޤައުމެއްގައި މި ބަލި ފެތުރިއްޖެނަމަ ރައްޔިތުންނަށް ކުރިމަތިވާނެ ދަތިތަކާއި ގެއްލުން ބޮޑުވާނެތީކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ޕީޕިއެމް/ޕީއެންސީ ކޯލިޝަނުން އިތުރަށް ވިދާޅުވެފައިާ ގޮތުގައި، ކޮވިޑް 19 އާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ސަރުކާރަށް ގޮވާލާކަމަށެވެ. އަދި ހާމަކަން ބޮޑުގޮތެއްގައި ބައްޔާއި ގުޅޭ އެންމެހައި މަޢުލޫމާތެއް ރައްޔިތުންނާއި ހިއްސާކުރުމަށްވެސް އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ވަނީ ގޮވާލާފައެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރަން ޖެހޭ ހާލަތަކަށް އަދި ނުދާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ވެސް ބުނެފައި ވަނީ އިންތިހާބު ފަސް ކުރުމަށް އަދި ވިސްނާފައި ނުވާ ކަމަށާއި އިންތިހާބު ފަސް ކޮށްދިނުމަށް ވެސް އެއްވެސް ފަރާތަކުން އެދިފައި ނުވާ ކަމަށެވެ.

އަދި ރާއްޖެ މިވަގުތު އޮތް ވައިޓް އެލާޓްގެ ސަބަބުން ސްކޫލްތަކާއި، އޮފީސްތައް ބަންދުކުރަންޖެހޭފަދަ ޙާލަތެއް އަދި ނާންނަ ކަމަށާއި ނަމަވެސް ޙާލަތު ބަދަލުވެއްޖެ ނަމަ ސަރުކާރުން އެކަން އިއުލާން ކުރާނެ ކަމަށްވެސް މިނިސްޓަރު އިތުރަށް ވިދާޅުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *