ރާއްޖޭގެ ބޭންކުތަކުން ދޫކޮށްފައިވާ ވިސާ ކާޑުތަކުން ރާއްޖޭގައި މުއާމަލާތް ކުރަންވާނީ ދިވެހި ރުފިޔާއިން އެކަނި ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކް ތަކަށް އަންގައިފިއެވެ.
އެމްއެމްއޭ އިން ބޭންކް ތަކަށް ފޮނުވާފައިވާ އިންޓާނަލް އެންގުމެއްގައި ވަނީ، ރާއްޖޭގައި ނަގާފައިވާ ވިސާ ކާޑުތަކުން ރާއްޖޭގެ އެތެރޭގެ ހުރިހާ ޓްރާންސެކްޝަންތަކެއް ހިންގަން ޖެހެނީ ދިވެހި ރުފިޔާއިން ކަމަށެވެ.
މާދަމާ އިން ފެށިގެން މި އުސޫލަށް އަމަލު ކުރުމަށް ނިންމާފައިވާ އިރު، މީގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ކުންފުނިތަކަށް ވިސާ ކާޑު ބޭނުންކޮށްގެން ޑޮލަރުގެ ޓްރާންސެކްޝަން ތަކެއް ނުހިންގޭނެއެވެ.
މިހާރުވެސް މަނިޓަރީ ގާނޫނު ބުނާ ގޮތުން ރާއްޖޭގައި ދޫކޮށްފައިވާ ވިސާ ކާޑަ ބޭނުންކޮށްގެން ޑޮލަރުން ފައިސާއެއް ނުދެއްކޭނެއެވެ. ބެލެވޭ ގޮތުން އެމްއެމްއޭ އިން މިކަން އިތުރަށް މޮނިޓަރ ކުރުމަށް ނިންމާފައިވަނީ ރާއްޖޭގައި މިހާރު ދިމާ ވެގެން އުޅޭ ޑޮލަރުގެ ތާށިކަމަށް ހައްލެއް ގެނައުމުގެ ބޭނުމުގައެވެ.
ޑޮލަރު ލިބޭނެގޮތް ހެދުމަށްޓަކައި، ސިޔާސަތުތައް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި، އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ރާއްޖެއަށް ވަންނަ ބޭރު ފައިސާ، ރާއްޖޭގެ އިޤްތިޞާދުގެ ތެރޭގައި ދައުރުކުރުވުމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ބާޒާރުގެ ގާނޫނީ އޮނިގަނޑު އިސްލާހު ކުރުމުގެ މަސައްކަތްވެސް އެމްއެމްއޭ އިން އަންނަނީ ކުރަމުންނެވެ.
ރާއްޖޭގައި މިހާރު ޑޮލަރު ލިބުން ދަތިވެ، ޑޮލަރުގެ އަގު ވަނީ 16ރ އަށް އުފުލިފައެވެ. މިއީ ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް އައި ހީނަރުކަމުގެ ސަބަބުން ކުރިމަތިވި ޑޮލަރުގެ ޝޯޓޭޖެކެވެ. އެހެންނަމަވެސް، އިގްތިސާދު ހަމަ މަގަށް އެޅުމާއެކު އަނެއްކާވެސް ޑޮލަރުގެ އަގު ތިރިވާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.