ދަރިންނަށް ހަރަދު ދޭން ކުރި ހުކުމަކަށް ފައިސާ ނުދައްކާތީވެ ލޯކަލް ކައުންސިލް އިންތިހާބު ގައި ޕީޕީއެމްގެ ޓިކެޓް ގައި ވާދަކުރާ ކެނޑިޑޭޓަކުގެ ކެނޑިޑެސީ ބާތިލްކުރި މައްސަލައިގެ އަޑުއެހުމެއް މާދަމާ ސުޕްރީމް ކޯޓުގައި ބޭއްވުމަށް ތާވަލްކޮށްފި އެވެ.
ކެނޑިޑެސީ ބާތިލްކޮށްފައި ވަނީ ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް އިދިކޮޅުން ވާދަކުރާ ހަސަން މޫސާގެއެވެ. އޭނާގެ ކެނޑިޑެސީ ބާތިލްކުރިކަން އިއުލާން ކުރަމުން އިލެކްޝަން ކޮމިޝަން (އީސީ) އިން ބުރާސްފަތި ދުވަހު އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ، އިންތިހާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު، ހަސަން މޫސާގެ ކިބައިގައި ފުރިހަމަނުވާ ކަމަށް އެ ކޮމިޝަނަށް ސާބިތުވާތު ވެފައިވާ ކަމަށެވެ.
އެހެން ކަމުން ހަސަން މޫސާ އަކީ އިންތިހާބު ގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ފުރިހަމަވާ ފަރާތެއް ނޫންކަމުގައި ކަނޑައަޅައި، އޭނާގެ ކެނޑިޑެސީ ބާތިލު ކޮށްފައިވާ ކަމަށެވެ.
މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައިވާނީ މާދަމާ ހެނދުނު 10:00 އަށެވެ.
މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންްޗުގައި ތިއްބަވަނީ ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން އެވެ.
''ޖަޒީރާ'' އަށް މައުލޫމާތު ދެއްވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް މީގެކުރިން ވިދާޅުވީ، ހަސަން މޫސާގެ ކެނޑިޑެސީ ހުށައެޅިއިރު ދަރަނީގެ ފޯމް ގައި އެއްވެސް މައްސަލަ ނެތް ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ލިޔެފައިވާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ދަރިންނަށް ހަރަދު ދޭން ފ. ބިލެއްދޫ ކޯޓުން ކުރި ހުކުމަށް ހަސަން މޫސާ ފައިސާ ދައްކާފައިނުވާ ކަމަށް ޑީޖޭއިން އީސީ އަށް ސިޓީއަކުން އަންގާފައިވާ ކަމަށެވެ.
''ފަހުން ޖުޑިޝަލް އެޑްމިނިސްޓަރުން ފޮނުވާ އޮތީ އޭނާގެ މައްސަލަ އޮތް ކަމަށް'' ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހަސަން މޫސާގެ ކެނޑިޑެސީ އީސީން ބަލައިގަތްއިރު އޭނާ އަކީ ޝަރުތު ފުރިހަމަވާ ފަރާތެއް ކަމަށް ކަނޑައަޅާފައިވާތީ، އެ ކޮމިޝަނުން އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ކެނޑިޑެސީ ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށައެޅި ކަމަށެވެ. ނަމަވެސް އެ ކޯޓުގެ އިހްތިސާސް ނުލިބޭ މައްސަލަ މައްސަލަ އަކަށްވާތީވެ އީސީން އޭނާގެ ކެނޑިޑެސީ ބާތިލްކުރީއެވެ. ނަމަވެސް މީގެ ކުރިން ކެނޑިޑެސީ ބާތިލް ކުރަމުން އައީ ސުޕްރީމް ކޯޓުންންެވެ.