ނަވާރަސަތޭކަ އަށްޑިހައިގެ އަހަރުތަކުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމު އަދާކުރެއްވި ހަވިއޭ ޕެރޭޒް ޑި ކުއެލާ އަވަހާރަވެއްޖެއެވެ.

އެމަނިކުފާނު އަވަހާރަ ވީއިރު އުމުރަކީ 100 އަހަރެވެ. 

1920 ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ޑި ކުއެލާ ޑިޕްލޮމެޓިކް ދާއިރާގައި މަސައްކަތް ކުރަން ފެއްޓެވީ ޕޭރޫގެ ޚާރިޖީ ވުޒާރާގައި 1940 ވަނަ އަހަރު އެވެ.

ޑި ކުއެލާ އދ.ގެ ސެކެރެޓަރީ ޖެނެރަލް ކަމުގެ މަގާމު އަދާކުރެއްވީ 1982 ން 1991 އަށެވެ. އެއީ ސެކްރެޓަރީ ޖެނެރަލް ކަމުގެ ދެދައުރެވެ. އަދި 1991 ގައި ވަޒީފާ އިން މުސްކުޅިވެވަޑައިގަތުމަށް ފަހު އެނބުރި ޕެރޫ އަށް ވަޑައިގެން ޑި ކުއެލާ އަދާކުރައްވަމުން ގެންދެވީ އެގައުމުގައި ޑިމޮކްރަސީ ގާއިމުކޮށް ހަރުދަނާ ކުރުމުގެ މަސައްކަތެވެ.

ޑި ކުއެލާ އދ.ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމު އަދާކުރެއްވި ދުވަސްވަރަކީ އެމެރިކާއާއި ކުރީގެ ސޮވިއެޓް ޔޫނިއަންގެ ދެމެދުގައި އެންމެ ވަރުގަދައަށް ފިނި ހަނގުރާމައިގެ ކޯޅުންތައް ހިނގަމުންދިޔަ ދުވަސްވަރަށްވެފައި، އީރާނާއި ޢިރާޤުގެ ހަނގުރާމަ ހުއްޓުވުމަށާއި އެމެރިކާއާއި ކުރީގެ ސޮވިއެޓް ޔުނިޔަންއާ ދެމެދު ކުރިޔަށްދިޔަ ހަތިޔާރުގެ ވާދަވެރިކަން ކުޑަކުރުމަށް ޑި ކުއެލާ ވަރަށް ގިނަ މަސައްކަތްވަނީ ކުރައްވާފައެވެ. 

ޕެރޭޒް ޑި ކުއެލާ އަވަހާރަވީ މުސްކުޅިފުޅުވުމުގެ ސަބަބުން ކުރިމަތިވި ގުދުރަތީ މަރަކުންކަމަށް ޑޮކްޓަރުންނާ ހަވާލާދީ ޕޭރޫގެ ޚާރިޖީ ވުޒާރާއިން ބުނެ އެވެ. ޑި ކުއެލާގެ ޖަނާޒާ އޮންނާނީ މާދަމާގެ ވަގުތެއްގައި ކަމަށް ޕެރޫގެ ހާރިޖީ ވުޒާރާއިން ވަނީބުނެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *