މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ތިލަފުށްޓާއި މާލެއާއި ދެމެދު އަޅާ ބްރިޖް އެޅުމަށް އިންޑިޔާގެ ކުންފުންޏަކާއި ހަވާލުކުރުމަށް ނިންމައިފިއެވެ. މި ޕްރޮޖެކްޓް ހިންގަން ހަމަޖެހިފައި ވަނީ އިންޑިއާ ސަރުކާރުގެ ލޯނު އެހީގައެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ތިލަމާލެ ބްރިޖު އެޅުމުގެ މަޝްރޫއު ހިންގާ ކުންފުނިތަކުގެ މެދުގައި ޕްރީ ކޮލިފިކޭޝަން އިންޑިއާގައި މިހާރު ކުރިޔަށް ދާނެ ކަމަށާއި ޖުލައި މަހު ޓެންޑާ ކުރުމަަށް ފަހު އެ ބްރިޖު އަޅާނީ އިންޑިއާ ސަރުކާރު އެހީގައި ކަމަށެވެ.

އަކްރަމް ވިދާޅުވީ ކުންފުނިތައް ޝޯޓްލިސްޓުކޮށް ޓެންޑާ ކުރުމުގެ މަސައްކަތްވެސް ކުރާނީ އިންޑިއާ ސަރުކާރުން ކަމަށެވެ.

އަކްރަމް އިތުރަށް ވިދާޅުވި ގޮތުގައި، ބްރިޖް އެޅުމުގެ މަސައްކަތަށް ބޭނުންވާ ފައިސާ ހޯދުމާ ބެހޭ ގޮތުން އިންޑިއާގެ ސަރުކާރާ އެކު ކުރަން ޖެހޭ މަޝްވަރާތައް މިހާރު ވެސް ވަނީ ފަށާފައިވާ ކަމަށާއި މި މަޝްރޫއުގެ އަގު އަދި ނުނިމޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން މިއަދު ވަނީ ތިލަމާލެ ބްރިޖާ ގުޅޭ ސާވޭތަކެއް ހަދަން ކުންފުންޏަކާ ހަވާލުކޮށްފައިވާކަން ހާމަކޮށްފައެވެ. އަދި އެ މަސައްކަތް ޖުލައި މަހަށް ނިމި މި އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ބްރިޖްގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

މިއަހަރަށް ސަރުކާރުން ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މާލެ އާއި ތިލަފުށި ގުޅާލާ ބްރިޖަށް 411 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *