ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންއާ ހިލާފަަށް ހިދުމަތް ދެމުންދާތީވެ މާލޭގެ މަޝްހޫރު އެސްޓާސް ފިހާރަ ބަންދުކޮށްފި އެވެ.
އެޗްޕީއޭއިން އެސްޓާސް ގައި ތަތްކޮށްފައިވާ ބަންދު ނޯޓިހުން ދައްކާ ގޮތުން އެ ފިހާރަ ބަންދުކޮށްފައިވަނީ މިއަދު ތިނެއް ޖެހިއިރު އެވެ.
އެ ނޯޓިސް ގައި ބުނީ، އަލުން ހިދުމަތް ދޭން ހުއްދަ ދެވޭނީ އެޗްޕީއޭއިން އާއްމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ތަނުގެ ކަންތައްތައް އިސްލާހުކޮށް އެ އެޖެންސީއަށް އެންގުމުން ކަމަށެވެ. އެގޮތަށް އެންގުމުން 24 ގަޑިއިރު ފަހުން ތަން އިންސްޕެކްޓްކޮށް މިންގަނޑުތަކާއި އެއްގޮތަށް ހުރިތޯ ކަށަވަރު ކުރުމަށްފަހު ހުއްދަ ދެވޭނެ ކަމަށް އެޗްޕީއޭގެ ނޯޓިސްގައި ވަނީ ބުނެފަ އެވެ.
އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެގެން އެސްޓާސް ބަންދުކޮށްފައިވާއިރު މާލޭގެ ފިހާރަތަކާއި ކާބޯތަކެތީ ވިއްކާތަނުގެ އިންސްޕެކްޝަނަށް ކުރިޔަށް އެބަދެ އެވެ. މީގެ ކުރިން އެތައްތަނެއް ޖޫރިމަނާކުރެވި ވަގުތީ ގޮތުން ބަންދުވެސް ކުރެވުނެވެ.