އިދިކޮޅު ފަރާތްތަކުން އިއްޔެ ހަވީރު މާލޭގެ އެކި ސަރަހައްދުގައި ކުރި މުޒާހަރާއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 25 މީހުން ދޫކޮށްލައިފައިވާ ކަމަށް ދާދި ދެންމެ އެކު ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، އެ މީހުން ދޫކޮށްލާފައި ވަނީ އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފުވާތީވެ ޖޫރިމަނާ ކުރުމަށް ފަހު ކަމަށެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ވަގުތީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ހިމެނެ އެވެ. އަދި ގިނަ އަދަދެއްގެ އަންހެނުންވެސް ހިމެނެ އެވެ.
ފުލުހުން ބުނީ، އެ މީހުން ހައްޔަރު ކޮށްފައިވަނީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އަދި ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ކުރިއަށް ގެންދިޔަ އެއްވުން ރޫޅާލުމުގެ ބޭނުމުގައި ކަމަށެވެ.
ޕީޕީއެމް/ޕީއެންސީން ބާއްވަމުންދާ މުޒާހަރާގެ ތެރެއިން މީގެ ކުރިންވެސް ގިނަ އަދަދެއްގެ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެ އެންމެންވެސް ވަނީ ފަހުން ދޫކޮށްލާފަ އެވެ.
މުޒާހަރާތަކަށް ނިމުމެއް އަންނާނީ މަޝްވަރާގެ މޭޒަށްދާން ސަރުކާރުން އެއްބަސްވުމުން ކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.