މިއަދު 1،506 މީހެއްގެ ގަޔަށް ވެކްސިން ޖަހައި، ވެކްސިން ޖެހި ޖުމްލަ މީހުންގެ އަދަދު 188،436 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ވެކްސިން ޖެހި މީހުންގެ ތެރެއިން އެންމެންވެސް ވެކްސިން ޖަހާފައިވަނީ އަތޮޅު ތެރެއިން ކަމަށެވެ. ހުކުރު ދުވަހު މާލެ ސަރަހައްދުގައި ވެކްސިން ޖެހުން ކުރިއަށްގެންގޮސްފައެއް ނުވެ އެވެ. ވެކްސިންގެ ޖެހުން މާލެ ސަރަހައްދުގައި ދެން ކުރިއަށްގެންދާނީ މާދަމާ އެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް މާލެ ސަރަހައްދުގައި ދިނުން 15 މާރޗްގައި ހުއްޓާލާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެހެންނަމަވެސް، ބައެއް ހައި ރިސްކް ފަރާތްތައް މިކަމުން އިސްތިސްނާވާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ވެކްސިންގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ 179 ސެންޓަރެއްގައެވެ. އެއީ ގްރޭޓަރ މާލޭގެ 8 ވެކްސިނޭޝަން ސެންޓަރަކާއި، މޯބައިލް 2 ވެކްސިނޭޝަން ސެންޓަރަކާއި އަތޮޅުތެރޭގެ 169 ވެކްސިނޭޝަން ސެންޓަރަކުންނެވެ. އެގޮތުން ހުކުރު ދުވަހު 1،506 މީހެއްގެ ގަޔަށް ވެކްސިން ޖަހައިފައިވެއެވެ.

މިޔާއެކު ރާއްޖޭގައި ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 188،436 އަށް އަރައިފަ އެވެ. އާބާދީގެ ނިސްބަތުން ބަލާނަމަ މިއީ އާބަދީ 35 އިންސައްތަ އެވެ.

ރާއްޖޭގައި މިހާރު ޖަހަމުންގެންދަނީ އިންޑިއާގެ ސަރުކާރުން ހަދިޔާކޮށްފައިވާ "ކޮވިޝީލްޑް" ވެކްސިންގެ 200،000 ޑޯޒެވެ.

މި ވެކްސިންގެ އިތުރުން ޗައިނާގެ ސައިނޯފާމް އިން އުފައްދާފައިވާ ވެކްސިންގެ 10,000 ޑޯޒްވެސް ރާއްޖެއަށް ލިބިފައިވެއެވެ. ވަރަށް އަވަހަށް ސައިނޯފާމްގެ 200،000 ޑޯޒްވެސް ރާއްޖެ ގެނެވޭނެކަމަށް ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ ވިދާޅުވެފައެވެ. މި ވެކްސިނަށް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އަދި ހުއްދަ ދީފައެއް ނުވެއެވެ.

އޭގެއިތުރުން އޮކްސްފޯޑް ވެކްސިންގެ 700،000 ޑޯޒް ސަރުކާރުން ގަނެފައިވެއެވެ. ސަރުކާރުން ވަނީ "ކޮވިޝީލްޑް" ގެ އިތުރު ޑޯޒްތައްވެސް ސީރަމް އިންސްޓްޓިއުޓް އިން ގަންނަން ނިންމާފައިވާ ކަމަށް ބުނެފައެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *