އިސްލާމް ދީނަށް އިޚްތިރާމް ކުރަމޭ ބުނުމުން އެ ދީނުގެ އަސާސް ތަކާއި ދެކޮޅަށް މަސަތްކަތްކޮށް ވާހަކަ ދައްކާ މީހުންނާއި މެދު ރައްޔިތުން ސަމާލްވެ ތިބެންޖެހޭ ކަމަށް ޝޭޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
މީގެ އިތުރުން ޝޭޚް ޒައިދު ވިދާޅުވެފައިވަނީ ވަރަށް ހީލަތްތެރިކަމާ މަކަރުވެރިކަމާއި އެކު މިމީހުންގެ ބޭނުމަކީ ރާއްޖޭގައޮތް އިސްލާމީ ސަގާފަތް ފުނޑާލުންކަމުގައެވެ.
ޝޭޚް ޒައިދު މިހެން ގޮވާލައްވާފައިމިވަނީ ދީނާ ޚިލާފު ވާހަކަތަކެއް ދައްކައި، ރަށްރަށުގައި ވޯކްޝޮޕްތަކެއް ބޭއްވިކަމުގެ ޝަކުވާ ހުށައެޅުމުން އެމައްސަލަ ބެލުމަށް އިސްލާމިކް މިނިސްޓްރީން ފަށައިފާވާ ދަނޑިވަޅެއްގައެވެ.
އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ދިވެހިރާއްޖޭގައި ފަތުރަމުންދާ، އިނގިރޭސިވިލާތަށް ނިސްބަތްވާ ކުއިލިއަމް ޖަމިއްޔާއިން އައްޑޫ ސިޓީ އަދި ހދ.ހަނިމާދޫގައި ވޯކްޝޮޕްތަކެއް ބާއްވާފައިވާއިރު، އެ ވޯކްޝޮޕްގައި ސެކިއުލަރިޒަމް (އާންމު ދިރިއުޅުމުން އިސްލާމް ދީން ވަކިކުރުން) އާއި ގުޅޭ ގޮތުން ވާހަކަ ދައްކާ އެއީ އެންމެ ރަނގަޅުގޮތް ކަމަށް ވިސްނާދޭން ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާކަމަށް މީހުން އަންނަނީ ބުނަމުންނެވެ.
އިސްލާމް ދީނަށް ފުރައްސާރަކުރާ ޖަމިއްޔާއަކުން ހދ. ހަނިމާދު އާއި ސ. ހިތަދޫގައި ވޯކްޝޮޕްތަކެއް ބާއްވައި، އޭގެ ބައިވެރިންނަށް ލާދީނީ ވާހަކަތަކެއް ވިސްނައިދޭން މަސައްކަތް ކޮށްފައިވާ ކަމަށާއި އެ ޖަމިއްޔާ ގެނައީ ނަޝީދުގެ އެހީތެރިކަމާ އެކުގައި ކަމަށް ޚަލީލް ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފަ އެވެ.
ޚަލީލްގެ ތުހުމަތުތަކާ ގުޅިގެން، ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އިސްލާމްދީނާ ދެކޮޅު އެއްވެސް ޖަމިއްޔާ އަކުން މަސައްކަތް ކުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އެ މަނިކުފާނުގެ އެހީތެރިކަމާ އެކު، އެ ފަދަ ޖަމިއްޔާތައް ގެންނަ ކަމަށް ވިދާޅުވެ އިދިކޮޅު ޕީޕީއެމާއި ޕީއެންސީ އަށް ނިސްބަތްވެވަޑައިގަންނަވާ ޚަލީލް ހެއްދެވީ ދޮގެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.