ކޮރޯނާ ވައިރަސްއާއި ގުޅިގެން ރާއްޖެއަށް ކާޑުގެ ދަތިކަން ފޯރުން އެކަށީގެންވާތީ، އެކަމަށް ދުރާލާ ތައްޔާރުވާން ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ދުނިޔޭގައި ހަލުވިކަމާއެކު ވައިރަސް ފެތުރެމުން އަންނަ ކަމާއި، އަވަށްޓެރި ގައުމުތަކުގައިވެސް ބަލި ފެތުރެމުން އަންނަކަމާއި އަދި ރާއްޖޭގައި ވެސް ބަލި ފެތުރުމުގެ ބިރު ބޮޑުކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވާކަން ވަނީ ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން  ވައިރަސްގެ  ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ އަސަރު ކުރަމުން އަންނަކަމާއި ރާއްޖެއަކީ ތެލާއި ކާޑުގެ ބާވަތްތައް ބޭރުން އެތެރެކުރާ ގައުމެއް ކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން އެތަކެތި އަތޮޅު ތެރެއަށް ބެހިގެން ދަނީ އާންމުން ދަތުރުކުރާ އުޅަނދުތަކުގައި މާލެއިން ކަމާއި އަދި ރަށްތަކުގައި އެތަކެތި ރައްކާތެރިކޮށްފައި ބެހެއްޓޭނެ އިންތިޒާމު ހަމަޖެހިފައި ނެތްކަމަށްވަނީ ފާހަގަ ކުރައްވާފައެވެ.

ގިނަ ރަށްރަށުގެ ފިހާރަތަކަށް ކާޑުފަދަ ބާވަތްތައް ގެންދަނީ ގިނަވެގެން ދެ ހަފްތާއެއްހާ ދުވަހަށް ރަށަށް ފުދޭ ވަރަށް ކަމަށާއި ރާއްޖެއިން ކޮރޯނާވައިރަސް ފެނިއްޖެނަމަ ރާއްޖެއަށް ދަތުރުކުރާ އާގުބޯޓުފަހަރުގެ ދަތުރުތައް ހުއްޓި ތެލާ ކާޑުގެ ބާވަތްތައް އެތެރެކުރުން ދަތިވެ، ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.

އެކަށީގެންވާ މުއްދަތަކަށް މުޅި ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ދުރާލާ އެތެރެކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުން ލިބޭނެ އިންތިޒާމް ހަމަޖައްސައި އެއްވެސް ރަށަކަށް ދަތުރުކުރުން ހުއްޓާލަން ޖެހިއްޖެނަމަ އެރަށަކަށް ކާޑުގެ ބާވަތްތައް އެތެރެކުރެވޭނެ އިންތިޒާމް ގާއިމުކޮށް ރާއްޖޭގެ ރައްޔިތުންނަށް ތެލާ ކާޑުގެ ދަތިކަން ނުފޯރާނެކަން ކަށަވަރުކުރުމަށް މެމްބަރު ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.