މި ސަރުކާރުގެ ސިޔާސަތަކީ، ރައްޔިތުންނަށް ބުރައަކަށް ނުވާނެ ގޮތަކަށް އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާއެކު، ކަރަންޓުގެ ޚިދުމަތް ހޯދުމަށްޓަކައި ކުރަންޖެހޭ ހޭދަ ކުޑަކޮށްދިނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތަށް ދޭން ފެށިތާ 70 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ކޮންމެ އަހަރެއްގައި ވެސް ހޫނު މޫސުމާ ދިމާކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ، ކަރަންޓު ބިލު ބޮޑުވުމުގެ އިތުރުން ކަރަންޓު އުފައްދަން ކުރަން ޖެހޭ ހޭދަ ވެސް ބޮޑުވާ ކަމަށެވެ.

ދަރުބާރުގޭގައި ބޭއްވެވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކަރަންޓުގެ ޚިދުމަތަށް ކުރާ ހޭދަ ކުޑަކުރުމަށް ފަރުދީ ޒިންމާ އަދާކުރުމަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާފައެވެ.

ކަރަންޓު އިސްރާފުވާ މިންވަރު ކުޑަކުރަން އަމިއްލަ ފަރުދުންގެ ހައިސިއްޔަތުން ހާއްސަ މަސައްކަތްތަކެއް ކުރުމަށް ރައީސް ސޯލިހު އެދިވަޑައިގެންނެވި އެވެ. ވިދާޅުވީ، ކަރަންޓްގެ އިސްރާފު ކުޑަކުރުމަށް ސްޓެލްކޯއިން އާންމުންނަށް ދޭ އިރުޝާދުތައް ބަލައިގަނެ އެގޮތަށް އަމަލު ކުރަން ޖެހޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ކަރަންޓުގެ ޚިދުމަތަށް އަގު ނެގުމުގައި މާލެއާއި އެހެން ރަށްރަށާއި ދެމެދު ހުރި ތަފާތުތައް މި ސަރުކާރުން ނައްތާލައިފައިވާކަން އުފަލާއެކު ފާހަގަކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކަރަންޓުގެ ޚިދުމަތް ދިނުމުގައި މި ސަރުކާރުން އިސްކަން ދޭ އަނެއް ކަމަކީ، ތިމާވެއްޓަށް ލިބިދާނެ ގެއްލުންތައް ކުޑަކުރެވޭނެ ގޮތްތަކަށް ވިސްނައިގެން ކަރަންޓުގެ ޚިދުމަތް ދިނުން ކަމަށެވެ. އަދި، އެކަން ހާސިލުކުރުމަށް، އިޢާދަކުރަނިވި ހަކަތައަށް ހިޖުރަކުރުމުގެ ގޮތުން، އަވިން ކަރަންޓު އުފައްދާ ނިޒާމުތައް މާލެއާއި އެހެން ރަށްރަށުގައި އިތުރު ކުރަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ސްޓެލްކޯއިން އެކުލަވާލާފައިވާ އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ ފަސް އަހަރުގެ ޕްލޭނަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ޕްލޭން ފުރިހަމަވެގެން ދާއިރު، ކަރަންޓު އުފެއްދުމަށް ޑީސަލް ބޭނުންކުރާ މިންވަރު ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ތަރައްޤީގެ އެހެން މަޝްރޫޢުތަކަށް ހޭދަކުރާނެ ފައިސާ އިތުރު ވެގެންދާނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިޤްތިޞާދު ކުރިއެރުވުމަށް ޔޫޓިލިޓީޒް ޚިދުމަތްތައް ހަރުދަނާ ކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައިވާ ވަރަށް މުހިންމު ބައެކެވެ. އަދި މިކަމަށްޓަކައި މި ސަރުކާރުން މިހާތަނަށްވަނީ ކަރަންޓުގެ ޚިދުމަތް އަގު ކުރުމުގައި، ޒަމާނުއްސުރެ މާލެއާއި އެހެން ރަށްރަށާ ދެމެދު އޮތް ފަރަޤު ނައްތާލައި، މާލޭގައި ކަރަންޓަށް ނަގާ އަގާއި، އެހެން ރަށްރަށުގައި ކަރަންޓަށް ނަގާ އަގު އެއްހަމަ ކޮށްފައެވެ. އަދި ހަމަ އެއާއެކު އަތޮޅުތަކުގެ ބިޒްނަސް ކެޓަގަރީގެ ބޭންޑުތަކުގެ އަގުގެ ތަފާތުތައްވެސް އެއްހަމަ ކޮށްފައެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.