ކޮރޯނާވައިރަސް ބާރުމިނުގައި، ދުނިޔޭގެ އެހެން ޤައުމުތަކުގައި ފެތުރެމުން އަންނަ މިންވަރަށް ރިޢާޔަތްކޮށް، އަދި އެހެން ޤައުމުތަކުން އަޅަމުން އަންނަ ފިޔަވަޅުތަކަށް ބަލައި، ރާއްޖެއަށް ވެސް އެބަލި އައުމުގެ ފުރުސަތު ބޮޑުވެފައިވުމުން އެކަމަށް ތައްޔާރުވުމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އަޅަން ފަށައިފި އެވެ.

ހެލްތް ޕްރޮޓެކްސްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެވައިރަސް ރާއްޖެ އައުމުގެ ފުރުސަތު ބޮޑުވެފައި ވާތީ، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރެއް ގާއިމްކޮށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ. މިހާތަނަށް މި ބައްޔަށް ރާއްޖެއިން މީހަކު ޕޮޒިޓިވް ވެފައިނުވި ނަމަވެސް އެ ބަލިން ރައްކާތެރިވުމަށްޓަކައި ރާއްޖޭގައި އަޅަމުންދާ އެންމެހާ ފިޔަވަޅުތައް އިތުރަށް ފުޅާކޮށް، ގައުމީ ފެންވަރުގައި ދައުލަތުގެ ހުރިހާ އިދާރާތަކެއް ގުޅިގެން ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިގޮތުން އަޅަންނިންމާފައިވާ ފިޔަވަޅު ތެރޭގައި މާލޭގައި ޓްރެވަލް ކްލިނިކެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށާއި މި ކްލިނިކްގެ ބޭނުމަކީ ރާއްޖޭން ބޭރަށް ދަތުރު ކޮށްފައި އަންނަ ފަރާތްތައް ކޮރޯނާވައިރަސް އަށް އިތުރަށް ސްކްރީން ކުރުން ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އަދި މިދުވަސްވަރު ފެތުރެމުންދާ ހިމަބިހި، ފާނަބަސަންދު ފަދަ އެހެނިހެން އާއްމު ރޯގާތަކަށް ހާއްސަކުރެވިގެން، އަވަސް ހިދުމަތާއެކު ފްލޫ ކްލިނިކެއް މި ހަފްތާތެރޭ ސެނަހިޔާ ހޮސްޕިޓަލުގައި ގާއިމުކުރެވިގެންދާނެކަމަށްވެސް ބުނެފައިވެ އެވެ.

ގޭބީސީއެއްގައި ކޮރޯނާވައިރަސް އަށް މީހަކު ޕޮޒިޓިވް ވެއްޖެ ޙާލަތެއްގައި ކަމާބެހޭ ފަރާތަކުން ކަންކުރާނެ މިސްރާބު ހާމަކޮށްދިނުމާއެކު އެފަދަ ހާލަތެއްގައި އެންމެ އެކަށޭނަ ފިޔަވަޅުތައް އެޅުމަށްޓަކައި ވެވިފައިވާ ތައްޔާރީތައް ވަރުގަދަކުރުމުގެ ގޮތުން ބޭއްވޭ ހާއްސަ އެމެޖެންސީ ޑްރިލްއެއް މިއަދު އޮންނާނެ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. މި ޑްރިލްގެ ތެރެއިން ގޭބީސީއެއްގައި ވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތަކާއި ކަރަންޓީނު ކުރާނެގޮތުގެ އިރުޝާދު ދެވިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.