ކުޑަކުދިންނަކީ ކަންތައްތައް ހޯދާބަލާ، އެކުދިން ވަށައިގެންވާ މާހައުލުގައި ހިނގަމުން އަންނަ ތަފާތު ކަންކަމާމެދު ވިސްނާ ކުދިންނެވެ. އަދި ބައެއް ކުދިންނަކީ އިވޭ އަަޑުތަކާ ފެންނަ ބައެއް މަންޒަރުތައް ސްކޫލަށް ނުވަތަ އެހެން ކްލާސްތަކަށްގޮސް އެކުވެރިންނާއި ބައްދަލުވުމުން އެފަދަ ވާހަކަތަށް އެކުވެރިންނާ ހިއްސާކޮށްހަދާ ކުދިންނެވެ.

ބޮޑެތިމީހުންމެދުގައި ދެކެވޭ ވާހަކަ ތަކާ، ޓީވީ އަދި ރޭޑިއޯފަދަ މުވާސަލާތީ ވަސީލަތްތަކާ، ބައެއްކުދިން ބޭނުންކުރާ ސޯޝަލް މީޑިއާގެ ޒަރިއްޔާއިން އެކުދިންނަށް ކަމެއްހިނގަގެން އުޅޭނަމަ ކޮންމެސްވަރަކަށް އެކަމެއްގެ މައުލޫމާތު އެނގެއެވެ.

މިފަދަ ކަންކަމާ އެކުދިންވެސް ވިސްނާ، އަޅާލާ އެކުދިންގެ ސިކުޑީގަޔާ ހިތުގަ އުފެދޭ ބައެއް ސުވާލުތަކަށް ޖަވާބު ބޭނުންވެއެވެ. މިފަދަ ވަގުތުގައި އެކުދިންނަށް މައިންބަފައިންނާއި ބެލެނިވެރިންގެ އެހީތެރިކަން ފޯރުކޮށްދޭންޖެހެއެވެ.

ކޮރޯނާވައިރަސް މިހާރު މިދަނީ ހަލުވިކަމާއިއެކު ދުވަހަކަށް ވުރެއް ދުވަހެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރޭ މިންވަރު އިތުރުވަމުންނެވެ.މީޑިއާތަކުން ހުއްޓުމެއްނެތި ކޮރޯނާވައިރަސްގެ ހަބަރުތައް ދަނީ ގެނެސްދެމުންނެވެ، ސިއްހީ ވުޒާރާތަކުންނާއި ސަރުކާރުގެ މުއައްސަސާތަކުން ދަނީ ވައިރަސްގެ މައުލޫމާތު ފޯރުކޮށްދެމުންނެވެ.ކޮރޯނާވައިރަސް ގެވާހަކަ މިދަނީ ހުރިހާ ތަނެއްގައި ދެކެވެމުންނެވެ.

ގިނަކުދިންނަށް މޫނުގައި މާސްކު އަޅައިގެން ގައުމުތަކުގައި އަދި އެއަރޕޯރޓް ތަކުގައި މީހުން އުޅެމުންއަންނަ މަންޒަރު ފެނުންވަނީ އާންމުވެފައެވެ. ކަރަންޓީން ކުރާ ތަންތަނުގެ ވާހަކައާއި، ހެޒްމަތު ސޫޓުލައިގެން ތިބޭ ސިއްހީ ހިދުމަތްތެރިންގެ ވާހަކަދަނީ އަޑުއިވެމުންނެވެ.ސްކޫލްތަކުގެ އިތުރު ހަރަކާތްތައް މެދުކަނޑާލާ ބަލިތައް ފެތުރޭވާހަކަ ދަނީ އިވެމުންނެވެ.

މިފަދަ ހާލަތްތަކުގައި ބައެއް ބެލެނިވެރިންނަށް ދެކެވޭ ގޮތުގައި ކުދިންނަށް މިފަދަ ހާދިސާތަކުގެ ވާހާކަ އަންގާކަށް ނުވާނެއެވެ. ސަބަބަކީ އެކުދިން މާބޮޑަށް ވިސްނާ ބިރުގަންފާނެތީއެވެ. 

އެކަމަކު ކުޑަކުދިން، ހާއްސަކޮށް ތުއްތު އުމުރުފުރައިގެ ކުދިންނަކީ އެމީހުންއުޅޭ މާހައުލުގައި މިހެން ހިނގާކަންކަމާއި މެދު ތަފާތު ގޮތަކަށް ވިސްނުން ހުންނަ ބައެކެވެ. ހާދިސާހިނގަމުންއަންނަ ވަގުތާ ތަނާ ދުރުމިނާ މިކަންކަން އެއީ ކުއްޖާގެ ވިސްނުމުގައި ނުތަނަވަސްކަން އުފައްދާ އަދި އެކުދިންނަށް ނަގައިގަންނަށް އުނދަގޫ ކަންކަމެވެ. މިސާލަކަށް ކަމެއް ހިނގައިގެން އުޅެނިކޮށް ފެންނަ ވީޑިއޯއެއް އެތައް ފަހަރަކުފެނި އެއީ ނިމުމެއްނުވާ ކަމެއްކަމުގައި އެކުދިން ހިތުން ނިންމައިގެން ތިބޭ ފަހަރުވެސްދެއެވެ.މިފަދަ ހާލަތުގައި ބެލެނިވެރިން އެކުދިންނަށް އެއީ އެކުދިންނާ އެތައް މޭލުތަކެއް ދުރުން ހިނގަމުންއަންނަ ހާދިސާތައްކަން ބުނެދީ، އެކަމެއް ހައްލުކުރުމުގެ ފިޔަވަޅުތައް އަޅަމުންއަންނަކަން ކިޔާދީ އެކުދިންނަށް ހާލަތު މާނުރައްކާތެރި ނުބައި ގޮތަކަށް ވިސްނި ހިތުގައި ބިރުވެރިކަން އުފެދުމުގެ ކުރިން ކަޔައިދިނުން ބުއްދިވެރިއެވެ.

ބެލެނިވެރިން އެކުދިންގެ ހިތުގައި އުފެދޭ ސުވާލްތަކަށް ރަނގަޅު ޖަވާބު ނުދީ ބޮލުންކަޓުވާލާނަމަ އެކުދިން ސުވާލުތަކައިގެން ބެލެނިވެރިން ކައިރިއަށް އައުން ހުއްޓާލައެވެ. އަދި ބެލެނިވެރިން މާ ހާސްވެ ބިރުގަނެގެން އުޅޭކަމުގައިވަނި ނަމަވެސް ކުދިން ބެލެނިވެރިންނާ މިފަދަ ހާލަތްތަކުގައި ވާހާކަ ހިއްސާ ކުރަން ޖެހިލުންވެއެވެ.

ސައިކޭޓްރިސްޓް އަދި ކުޑަކުދިންގެ މީޑިއާ ލިޓްރަސީގެ މާހިރު ޑޮކްޓަރ ކޭރަން ގައުންސަން ވަނީ މިފަދަ ހާލަތުގައި ކުދިންނާ ބެލެނިވެރިން މުއާމާލާތުކުރަންވީ ގޮތަށް ކުޑަކޮށް އަލިއަޅުވާލާފައެވެ.

ކުދިންނާ ވާހަކަ ދައްކާލަން އެކުދިންނަށް ފުރިހަމަ ސަމާލުކަންދެވޭ ވަގުތެއް ހޯދާށެވެ. ވަރުބަލިކަމާ ބަނޑުހައިކަމާ ބިޒީކަންނެތް ހުސްވަގުތުކޮޅެއް ހޯދާލައިގެން އެކުދިންނާ ވާހަކަ ދައްކާށެވެ. ޑރ ކޭރަން ލަފާދެއްވަނީ ރޭގަނޑުގެ ވަގުތު ތަކުގައި ކުދިންނާ މިފަދަ ވާހަކަ ހިއްސާނުކުރުމަށެވެ. ސަބަބަކީ ރޭގަނޑުގެވަގުތު ކުދިންގެ ސިކުނޑިއަށް ކަންކަން ނަގައިގަނެވޭގޮތް މާހާސްކަން ބޮޑުވެފަ ބިރުވެރިއެވެ. ރޭގަނޑުގެ ވަގުތު ކުދިން ސުވާލު ކޮށްފިނަމަ އަނެއްދުވަހު އެކަމާ މަޝްވަރާ ކުރެވޭނެ ކަމުގެ ޔަގީން ކަން އެކުދިންނަށްދޭށެވެ. 

ކުދިންނާ ވާހަކަ ދައްކާއިރު އެކުދިންނަށް އެކަމަކާބެހޭ ގޮތުން އެނގިފައިވާ މިންވަރު ބެލުމަށް އެކުދިންގެ ފަރާތުން ފުރަތަމަ ވާހަކަ އަޑުއަހާލާށެވެ.

އެކުދިންގެ ހިތުގައި އުފެދިފައިވާ ބިރުތަކާ ފިކުރުތަކަށް އަދި އޮޅުންއަރާފައިވާ ކަންކަން އޮޅުންފިލުވާއިދޭއިރު އެމައުލޫމާތު ލިބުނީ ކިހާއިތުބާރު ހުރިފަރާތަކުންކަން އެކުދިންނަސް ކިޔާއިދޭށެވެ.

އެކުދިންގެ ހިތުގައި އުފެދިފައިވާ ހުރިހާ ޝައްކުތަކާ ސުވާލްތަކުގެ ޖަވާބު ދެވޭތޯ މަސައްކަތް ކުރާށެވެ. އަދި ފަހުންވެސް އޯލުފިލުވަން ބޭނުން ކަމެއްވާނަމަ އެކަން އޮޅުފިލުވަން ފުރުސަތު އޮތްކަން އެކުދިންނަސް އަންގައިދޭށެވެ.

މިފަދަ މައުލޫމާތު މާލަސްވެ ވަގުތުފާއިތު ނުވަނިސް ކުދިންނާ ހިއްސާކުރާށެވެ.ވައިރަސް ޖެހިއްޖެނަމަ ފަރުވާދީގެން ރަނގަޅުކުރެވޭނެ ކަމާ، އެތައްބަޔަކު ރަނގަޅުވެފައިވާކަން އެކުދިންނަށް ކިޔައިދޭށެވެ. އަދި ބަލީގެ އަލާމާތްތަކާ ބަލިފެތުރޭގޮތް އެކުދިންނަށް ބުނެދެވެން އޮތްވަރަކުން ބުނެދީފަ ބަހައްޓާށެވެ.

ޑޮކްޓަރުންނާއި ނަރުހުން އަދި ސަރުކާރުގެ މުއްސަސާތަކުންނާ އެހެނިހެން ތަންތަނުން އަބަދުވެސް އެކުދިންނާއި އެހެން އެންމެންގެ ރައްކާތެރިކަމަށް މަސައްކަތް ކުރަމުންއަންނަ ކަމުގައި އެކުދިންކައިރީ ބުނެދޭށެވެ. 

ގޭގައި އަދި ސްކޫލްމާހައުލުގައި ބަލިން ރައްކާތެރިވުމަށް އަތްދޮންނަންވީ ގޮތާ ސަމާލުކަންދޭންވީ ކަންކަން ކުދިންނަށް ކިޔާއިދޭށެވެ. މިފަދަ ހާލަތްތަކަށް އެކުދިން ހޭލުންތެރިކުރުވާށެެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *