ޖަރުމަނާއި ޗެކް ރިޕަބްލިކަށް ދާން ބޭނުންވާ ދިވެހިންނަށް ރާއްޖޭގައި ތިބެގެން ވިސާ ނެގޭނެ އިންތިޒާމު މިއަދު ހަމަޖައްސައިފި އެވެ.

މިކަން އިއުލާން ކުރެއްވުމަށް މިއަދު ފޮރިން މިނިސްޓްރީގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތުގައި މިނިސްޓަރު އަބްދުﷲ ޝާހިދާއި ޖަރުމަނުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން ރޯޑް އާއި ޗެކް ރިޕަބްލިކުން ކަނޑައަޅާފައިވާ ސަފީރު މިލާން ހަވަރްކާ ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓަރު ޝާހިދު ވަނީ ރާއްޖޭގައި އަލަށް މިފަށާ ޚިދުމަތާއިއެކު، ޝެންގެން ވިސާ ހޯދުމަށް އަވަށްޓެރި ސްރީލަންކާއަށް ނުވަތަ އިންޑިއާއަށް ކުރަން ޖެހޭ ދަތުރުތަކަށް ނިމުމެއް އައިސް، ވިސާ ހޯދާ ފަރާތްތަކަށް ވަރަށް ބޮޑުތަކުން ޚަރަދު ކުޑަވެ، ޚިދުމަތް ހޯދަން ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.

އަދި އަމާޒަކީ ވިސާ އާއި ނުލާ ދިވެހިންނަށް އީޔޫގެ ގައުމުތަކަށް ދަތުރު ކުރެވޭނެ މަގު ކުރިއަށް އޮތްތަނުގައި ފަހިވުން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އަދި އެކަން ވާނެކަމުގެ އުއްމީދު އެބައޮތްކަމަށް ޖަރުމަންވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުވެސް މިރަސްމިއްޔާތުގައި ވިދާޅުވިއެވެ.

ޖަރުމަނުގެ ސަފީރު ޖޯން ރޯޑް، މިއަދުގެ ރަސްމިއްޔާތުގައި ވިދާޅުވީ ރާއްޖެ އާއި ޖަރުމަނަކީ ވަރަށް އެކުވެރި ގުޅުމެއް އޮންނަ ދެ ގައުމު ކަމަށެވެ.

ސަފީރު ވިދާޅުވި ގޮތުގައި، ދަތުރުފަތުރު ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް މަދުކުރުމަކީ ވަރަށް ބޮޑު ލުއިފަސޭހަ އެކެވެ. އޭގެ ހެއްކެއްގެ ގޮތުގައި އޭނާ ދެއްކެވީ، ޖަރުމަނުގައި ކޮންމެ އަހަރަކު ބާއްވާ އައިޓީބީ ފެއާ އެވެ.

އެ ފެއާ އަށް ދާން ބޭނުންވާ ދިވެހިންނަށް ޝެންގެން ވިސާ ދޫކުރުމަށްޓަކައި ކޮންމެ އަހަރަކު ވެސް ޚާއްސަ ކްލިނިކެއް ހުޅުވަ އެވެ. ޖަރުމަނުގެ ސަފީރު ވިދާޅުވީ، ވިސާ ހޯދުމުގެ ފަސޭހަކަން އެ ކްލިނިކުން ފެންނާނެ ކަމަށެވެ.

ޖަރުމަނަށް ދާ ދިވެހިން ވިސާ ނެގުމަށްޓަކައި މީގެ ކުރިން ދާން ޖެހެނީ ސްރީ ލަންކާ އަށެވެ. ޗެކް ރިޕަބްލިކަށް ދާން ބޭނުންވާ ދިވެހިންނަށް ވިސާ ދޫކުރަމުން އައީ އިންޑިއާގެ ނިއު ދިއްލީންނެވެ.

ޗެކް ރިޕަބްލިކުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު މިލާން ހަވަރްކާ ވިދާޅުވީ، ވީއެފްއެސް ގްލޯބަލްގެ އޮފީހެއް ރާއްޖޭގައި ގާއިމްކުރީ، މިނިސްޓަރު ޝާހިދު އެކަމަށް ކުރެއްވި މަސައްކަތުގެ ސަބަބުން ކަމަށެވެ.

މިއަދު ހުޅުވި ސެންޓަރުން ޖަރުމަނާއި ޗެކްރިޕަބްލިކް ވިސާ ދޫކުރި ނަމަވެސް، ކުރިއަށް އޮތްތަނުގައި އީޔޫގެ އެހެން ގައުމުތަކުން ވެސް ރާއްޖޭގައި ވިސާ ސެންޓަރުތައް ގާއިމް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.