އަހަރަމެންގެ ތެރޭގައި މިއަދު މިވަނީ ނުރައްކާތެރި އެތައް ބަލިތަކެއް ފެތުރެން ފަށާފައެވެ. ގޮތް ނޭގޭ ފަރުވާއެއް ހޯދިފައިނުވާ ވައިރަސް ތަކާއި ބަލިމަޑުކަން މިދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

ބައެއްފަހަރު ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިތައް އިންސާނުންގެ ތެރޭގައި ފެތުރެނީ، އިންސާނުން އަމިއްލައަށް ކޮށްފައިވާ ކަންކަމުގެ ސަބަބުންކަމުގައިވެސް ބުނެވެއެވެ. ފިތުރީ ގޮތުން ހާލިގު ވަންތަ މާތް ﷲ ކަނޑައަޅުއްވާފައިވާ ނިޒާމުން އެއްކިބާވެ ހައްދު ފަހަނައަޅައި ދިއުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.އެފަދަ ހާލަތަކަށް އިންސާނުން ހިންގައްޖެނަމަ، ކުރީގެ އުއްމަތްތަކުގެ މީހުންގެ ތެރެއަށް ފާޅު ނުކުރައްވާ ބަލިމަޑު ކަމާއި ވަބާތައް އެބައެއްގެ ތެރޭގައި ފާޅު ކުރައްވާނެ ކަމުގެ އިންޒާރު ކީރިތި ރަސޫލާ ދެއްވާފައިވެއެވެ.

ބަލިމަޑުކަމާ ވަބާއާއި މުސީބާތަކީ އެކި ސަބަބުތަކަށްޓަކައި މެދުވެރިވާ ކަންކަމެވެ. ބައެއް ފަހަރު އުގޫބާތެއްގެ ގޮތުގައި، މެދުވެރިވާއިރު އަނެއްބައި ފަހަރު އިމްތިހާނެއްގެ ގޮތުގައިވެސް މެދުވެރިވެއެވެ. މިފަދަ ކަންތައްތަކަކީ ކެއްތެރި މުއުމިން އަޅުތަކުންގެ ނަފްސުތައް ތާހިރުވެ، އެއުރެންގެ ދަރަޖަ އުފުލިގެން ދިއުން ކަމަށްވެސް ބުނެވެއެވެ.

ކޮންމެ ބައްޔަކަށްވެސް ފަރުވާއެއްވެއެވެ. އެއީ ކިތަންމެ ނުރައްކާތެރި ބައްޔެއް ކަމުގައި ވިއަސް މެއެވެ. އެހެންކަމުން ބަލި ބަލިން ރައްކާތެރިވެ ފަރުވާ ހޯދުމަށްޓަކައި މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެކެވެ.އެކަން ވަނީ ފުރިހަމަ މާނާގައި ﷲ އަށް ވަކީލު ކުުރުމުގެ ތެެރެއިންނެވެ.

މީގެއިތުރުންވެސް އިންސާނުން މަލިމަޑުކަމުންނާއި ރޯގާ ތަކުން ސަލާމަތް ކޮށްދެއްވުމަށާއި ، ދުޅަހެޔޮސިއްހަތެއްގައި ލެއްވުމަށް އެދި މާތް ﷲ ހަޞްރަތުގައި ދުޢާކުރުން ގިނަ ކުރަންޖެހެއެވެ.

ދުޢާކޮށް މާތް ﷲ އަށް ކަންތައްތައް ދެންނެވުމަކީ މުސްލިމުންގެ މައްޗަށް ވާޖިބު ވެގެންވާ ކަމެކެވެ. އެކަލާނގެ އަމުރު ކުރައްވާފައިވާ ކަމެކެވެ. އަދި ދީނާއި ދުރުވެ، ބަލިތަކާއި މުޞީބާތްތައް ގިނަވެފައިވާ ޒަމާނެއްގައި ދުޢާގެ ބޭނުންތެރިކަން ވަނީ ބޮޑުވެފައެވެ. ދުޢާ ކުރުމަކީވެސް އަޅުކަމެކެވެ. 

ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. " الدعاء مخ العبادة " މާނައީ: " ދުޢާ އަކީ އަޅުކަމުގެ ސިކުޑިއެވެ."

އަދި ޤުރްއާނަކީ ބަލިތަކުން ރައްކާތެރި ވުމުގެ އައްޑަނައެއް ކަމުގައި ވާއިރު ޤުރުއާނުން ޝިފާ ލިބިގަތުމަށް ޤުރުއާން ކިއެވުން ގިނަކުރަން ޖެހެއެވެ.

ކީރިތި ޤުރްއާނުގެ ގިނަ އާޔަތްތަކަކާއި ސޫރަތް ތަކަކީ މާއްދީ ބަލިތަކަށާއި ރޫޙާނީ ބަލިތަކަށް ޝިފާއެކެވެ.

ކީރިތި ޤުރްއާނަކީ އެންމެ ރަގަނޅު ފަރުވާކަން ބަޔާން ކުރައްވާ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. ” خَيْرُ الدَّوَاءِ الْقُـرْآنَ ” ( رواه ابن ماجـه) މާނައީ: ” ކީރިތިޤުރްއާނަކީ އެންމެ ރަގަނޅު ފަރުވާ އެވެ.

سـورة الفاتحـة އަކީ ކީރިތިޤުރްއާނުގެ ސޫރަތްތަކުގެ ތެރެއިން އެންމެ އިތުރުކަން ބޮޑު ސޫރަތެވެ. މިސޫރަތުގެ ނަންތަކުގެ ތެރޭގައި الشافية ، الراقية އަދި الكافية ފަދަ ނަންތައް ވެސް ދެވިފައިވެއެވެ.سـورة الفاتحـة ގައި މާއްދީ ގިނަ ބަލިތަކަށާއި ރޫޙާނީ ކަންތައްތަކަށް ގިނަ ޝިފާތަކެއް ވެއެވެ. 

الإمام الغزالي رحمه الله ވިދާޅުވިއެވެ. " މިޙަދީޡުން ވަރަށް ގިނަ ކަންތައްތަކެއް ހާމަވެގެންދެއެވެ. ފަހެ، سـورة الفاتحـة ގައިވާ ﷲގެ ސިފަފުޅުތަކާއި ދުޢާތަކުގެ ސަބަބުން سـورة الفاتحـة އަކީ އެންމެ މަތިވެރި ސޫރަތެވެ. އެސޫރަތުން ކިޔަވާ މީހާއަށާއި ކިޔެވޭ މީހާއަށް ވެސް މަންފާތަކެއް ކުރެއެވެ." (الاستشفاء بالدعاء للشيخ إبراهيم الجمل، ص: 65)

މީގެއިތުރުން  آية الكرسي ބަލިތަކުންނާއި ޝައިޠާނީ އުދަނގޫތަކުންނާއި ވަސްވާސްތަކުންރައްކާތެރިކަން ލިބިދެއެވެ. އެހެންކަމުން آية الكرسي އަށް އަމާންކަމާއި ރައްކާތެރިކަމުގެ އާޔަތުގެ ނަމުން ނަންދެވިގެންވެއެވެ. މިއާޔަތަކީވެސް ބަލިތަކުން ރައްކާތެރިވުމަސް ގިނަގިނައިން ކިޔެވިދާނެ އާޔަތެކެވެ.

سـورة البقرة ގެ ފަހު ދެއާޔަތަކީ ވެސް ބަލިތަކުން ޝިފާ ލިބިދެނިވި އާޔަތްތަކެކެވެ. 

ހަނދާނުގައި ބަހައްޓަންޖެހޭ ވަރަށް މުހިންމު ނުކުތާ އެއް އެބައޮތެވެ. އެއީ، ﷲ އަށާއި އެކަލާނގެ ބާވާލެއްވި އާޔަތްތައް ފުރިހަމަ އަށް ތެދުކޮށް ގަބޫލުކޮށް އިތުބާރު ކުރުމަކީ ޝިފާ ލިބުމުގެ އެންމެ މުހިންމު އެއް ކަންތަކެވެ. ހަމައެކާއި އެކު ކެތްތެރި ވުމަކީ މުހިންމު ކަމެކެވެ. އަދި ތިމާ އެދޭކޮންމެ ގޮތަކަށް ތިމާގެ ދުޢާ އިޖާބަ ނުވުމަކީ އެކަށީގެންވާ ކަމެއްކަން ދަންނަން ވާނެއެވެ. އެމީހެއްގެ ދުޢާ އިޖާބަ ކުރައްވާނެ ގޮތެއް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.