ބުރަ ދުވަހަކަށްފަހު ގެއަށް އައިސް ކޮންމެ މީހަކުވެސް ބޭނުންވާނީ އަރާމެއް ލިބިގަންނާށެވެ. މިގޮތަށް ދުނިޔޭގެ ހިނގަމުންދާ ކަންކަން ބަލާލަން ހުޅުވާލެވެނީ ފޯނުގައި ހުންނަ އެޕްތެކެވެ. ފުރާވަރުގެ ކުދިންނަމަ ފޭސްބުކް ހުޅުވާލުމުން ޕޯސްޓްތަކަށް ރިއެކްޓް ކުރުމާއި ހިއްސާކުރުމުގައި ވަގުތު ހޭދަކުރެއެވެ. ޒުވާން އުމުރުފުރާގެ މީހުން އެދުވަހު ކުރި ކަމެއްގެ ފޮޓޯ އިންސްޓަގްރާމް އާ ހިއްސާނުކޮށްފިއްޔާ ދުވަސް ފުރިހަމައެއްނުވެއެވެ. މެދުއުމުރުފުރާގެ މީހުން އެމީހުންގެ ހިޔާލު ފާޅުކުރުމަށް ޓުވިޓާގައި ޓްވީޓެއްކޮށް ނުވަތަ ވައިބާ ބަލާލައެވެ.

ކޮންމެއަކަސް މަދު މިނެޓްތަކެއް ހޭދަކުރެވޭހެން ހީވިކަމުގައިވިޔަސް ފޯނާ ކުޅޭއިރު ވަގުތު ދާގޮތް ނޭނގި އެތައް ގަޑީރެއް މިކަމުގައި ބޭކާރުވެގެންދެއެވެ. ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ލިބިގެންދާ މައުލޫމާތާއި ހަބަރުގެ ސަބަބުން މީހާގެ ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަމަށް އެތައް ދިރާސާއަކުން ވަނީ ހާމަކޮށްފައެވެ. ވީއިރު ފޯނާ ކުޅުމުގައި ހޭދަވާ ވަގުތު މަދުކުރަން ހަދާނީ ކިހިނެއް ހެއްޔެވެ.

ފޯނަކީ އަބަދުވެސް ކައިރީގައި އޮންނަ އެއްޗަކަށްވުމުން އެއާ ނުކުޅެހުރުން އުނދަގޫ ކަމަކަށްވެދާނައެވެ. ނަމަވެސް ފޯނާ ކުޅޭނެ ވަކި ވަގުތުތަކެއް ކަނޑައަޅައި އެކަމަށް މީހާ ހާނުވަންވާނެއެވެ. މިގޮތުން ހެނދުނު ހޭލުމަށްފަހު އެންމެ ފުރަތަމަ ފޯނު ބެލުމުގެ ބަދަލުގައި ދުވަހަށް ތައްޔާރުވުމަށްފަހު ފޯނު ބޭނުންކުރުމަށް އިހްތިޔާރުކުރުމަށް އާދަކުރެވިދާނެއެވެ.

ސޯޝަލް މީޑިއާއިން ފެންނަ ޕޯސްޓްތަކާއި ވީޑިއޯތަކުން ތިމާއަށް އިސްސާސް ކުރުވާގޮތަށް ސަމާލުކަން ދޭށެވެ. އެހެނީ ތިމާއަށް ނުތަނަވަސްކަމާ މާޔޫސްކުރުވާ ޒާތުގެ ހަބަރެއް ފެންނަނަމަ އެފަދަ ހަބަރުތައް ކިޔުމަށް ދުރުވުން ރަނގަޅެވެ.

ސޯޝަލް މީޑިއާއަކީ މީހުން އެ ބޭނުންކުރުމަށް ގިނަ ވަގުތު ހޭދަކޮށް މީހުންގެ ސަމާލުކަން ދަމަހެއްޓުމުގައި މާހިރެކެވެ. ފޭސްބުކް, އިންސްޓަގްރާމް, ޓުވިޓާ, ސްނެޕްޗެޓްފަދަ އެޕްތަކަށް ދެވިހިފަނީ ގިނައިރު ވަންދެން މީހުންގެ ސަމާލުކަން ދެމެހެއްޓުމަށް އެއެޕްތައް ފަރުމާކޮށްފައިވާތީއެވެ. މިގޮތުން ބޭނުންކުރެވޭ އެއް އުކުޅަކީ ދޮގު މައުލޫމާތު ފެތުރުމެވެ. ހަބަރެއްގެ ސުރުހީއިން ނުވަތަ މަންޒަރަކުން ގިނަ ބަޔަކު އެތައް ކަމެއް ދޭހަކޮށް އެފަދަ ހަބަރުތަކުގެ ސަބަބުން މީހާއަށް ނުތަނަވަސްކަން ވެރިވެއެވެ.

ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ފޯނާ ކުޅުވެނީ ކީއްވެކަންވެސް އަމިއްލަ މީހާއަށް ދެނެނުގަނެވެއެވެ. ގިނަ މީހުން އެކަނިވެރިވުމުން ނުވަތަ ކުރާނެ ކަމެއް ނޭނގުމުން ހައްލަކަށް ވަނީ ފޯނެވެ. ދުވާލެއްގެ މައްޗަށް ފޯނާ ކުޅެވޭ މިންވަރު ވެސް އަޅުގަނޑުމެންނަށް ނޭނގެއެވެ.

މިދެންނެވި ކަންތައްތައް ކޮށްގެންވެސް ފޯނާ ދުރުނުވެވޭނަމަ ފޯނުން އެންމެ ގިނައިން ބޭނުންކުރެވޭ އެޕްތައް އަންއިންސްޓޯލް ކުރެވިދާނެއެވެ. ފޭސްބުކް, އިންސްޓަގްރާމް ފަދަ އެޕްތައް ނުވަތަ އެންމެ ގިނައިން ބޭނުންކުރެވޭ އެޕްތައް އަންއިންސްޓޯލް ކުރުމުން ފޯނަށް ދެވޭ ސަމާލުކަން ކުޑަވާނެއެވެ. ކޮންމެ ފަހަރަކު ފޯނާ ދިމާލަށް މީހާއަށް ދެވޭއިރު އަމިއްލަ މީހާއާ މިކުރެވެނީ ކީއްކަން ސުވާލުކުރުން މުހިންމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *