މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވަނި އިސްލާމްދީނުގެ އެއް ރުކުން ކަމުގައިވާ ޒަކާތުގެ މުހިއްމުކަމުގެ މައްޗަށެވެ.

މުދަލަކީ އެ އެއްޗަކަށްޓަކައި އިންސާނުންގެ ހިތްތަކުގައި ގަދަވެގެންވާ ލޯތްބެއް އޮންނައެއްޗެކެވެ. ހުރިހާ އެއްޗެއް މިލްކުވެވޮޑިގެންވާ މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެއެވެ " އަދި، ތިޔަބައިމީހުން ގަދަވެގެންވާ ލޮތްބަކުން، މުދަލަށް ލޯބިކުރަމުއެވެ". އެހެންކަމުން މުދަލުގެ މައްޗަށް އޮންނަ ލޯތްބަކީ ފިތުރީ ކަމެއްކަން ކަށަވަރެވެ. އެއީ ތަބީޢީ ސިފައެކެވެ.އެހެންކަމުން އެކަމުގެ ސަބަބުން އެއްވެސް މީހަކަށް މަލާމާތެއް ރައްދެއްނުކުރެވޭނެއެވެ.

ނަމަވެސް މުދަލަށް ލޯބިކުރުމުގައި މުހިއްމު ތިންކަމެއް ހަނދާނުގައި ބަހައްޓަން ޖެހެއެވެ.

ފުރަތަމަ ކަމަކަށް މުދަލަކީ މާތްﷲ ގެ މިލްކެއްކަން ޤަބޫލްކުރަން ޖެހެއެވެ. އެ މުދަލަކީ އަޅުގަނޑުމެންގެ މިލްކުވެރިކަމުގައި ލެއްވިގެންވާ މަތިވެރި އަމާނާތެކެވެ. 

ދެވަނަ ކަމަކީ މުދާ ހޯދަން ޖެހޭނީ މާތް ﷲ ހުއްދަކުރެއްވި އިންތަކާއި މިންތަކުގެ ތެރެއިންކަން އަޅުގަނޑުމެން ދެނެގަތުމެވެ.

ތިންވަނަކަމަކީ މުދާ ހޭދަކުރަން ޖެހޭނީ މާތް ﷲ ބަޔާން ކުރައްވާފައިވާ އުސޫލުތަކާއި ހަމަތަކުގެ ތެރޭގައިކަން އަޅުގަނޑުމެން ދެނެގަތުމެވެ.

އިސްލާމްކަމުގެ ފަސްރުކުނުގެ ތެރެއިން އިތުރު ސަމާލުކަމެއްދީ އިސްލާމްދީނުގެ ބިނާ އާރާސްތުކުރުމަށް ބޭނުންވަނީ ފަރުވާކުޑަނުކޮށް ޒަކާތަށް އިސްކަންދިނުމެވެ. ޒަކާތުގެ މުހިއްމުކަމާއި އޭގެ މަންޒިލާއި މަޤާމް ދެނެގަނެ،މުޖުތަމައުއަށްވެސް އޭގެ މުހިންމުކަން އޮތްކަން ހެޔޮހިތުން އަޅުގަނޑުމެން ޤަބޫލްކޮށް އެކަމަށް އަމަލީ ސިފަ ގެންނަންޖެހެއެވެ.

ހުތުބާގައި ބުނެފައިވާގޮތުގައި ޒަކާތް ގުޅިފައިވަނީ މުދަލާއެވެ. މުދަލަކީ އާދައިގެ އެއްޗެއްނޫނެވެ. މުދަލަކީ ނަފްސުތައް އެއް އެއްޗެއްގެ މައްޗަށް ނުހަނު ލޯބި ޖެހިފައިވާ އެއްޗެކެވެ.މުދަލަކީ ޒީނަތެކެވެ. ބައެއްފަހަރު ނުރައްކާތެރި ފިތުނައެކެވެ. ބޮޑުވެގެންވާ އިމްތިހާނެކެވެ. ހެޔޮގޮތުގައި އޭގެ ބެނުންހިފާ ޒަކާތްނެރެ ޞަދަގާތްދީ ހަދާނަމަ ސުވަރުގެ ވަނުމަށް އޮތްސަބަބެއްވެސް މެއެވެ.

މާތް ﷲ ގެ ވަހީބަސްފުޅުގެ މާނާއިގައި ވެއެވެ. "ތިޔަބައިމޙުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންތައް ވާކަން ކަށަވަރީ އިމްތިޙާނެއްކަމުގައެވެ. އަދި ބޮޑުވެގެންވާ ދަރުމަހުރީ ، ﷲގެ ހަޞްރަތުގައެވެ."

ވީމާ މާތް ﷲ ދެއްވެވި އަދި ދެއްވަމުން ގެންދަވާ މުދަލަށާއި ރިޒްޤައް ޝުކުރުވެރިވުމަށްޓަކައި މުދަލުގެ ޒަކާތް ފަސްނުކޯށް ނެރުއްވާށެވެ!. ޒިއްމާ އަދާކުރައްވާށެވެ! 

ޒަކާތަކީ މުދަލަށް ތާހިރުކަމާއި ، އިތުރުވުން ގެނުވައިދޭ އަޅުކަމެކެވެ.ތަނަވަސްކަން ލިބިފައިވާމިހުންގެ މުދަލުގައި އޭގެ ހައްޤުވެރިންނަށްޓަކައި ﷲލެއްވެވީ ނުހަނު ކުޑަ މިންވަރެކެވެ. އެއީ ސާޅީސްބައިކުަޅަ އެއްބައެވެ. އެމިންވަރާމެދު ދަހިވެތިކަން ފާޅުނުކުރައްވާށެވެ. އެމިންވަރު ނެރުން ފަސް ނުކުރައްވާށެވެ!

މުދަލުގެ ޒަކާތަށް އިހުމާލުވުމަކީ ދުނިޔެއާއި އާޙިރަތުގައި ތިބާގެ ހަލާކުކަމުގައި ވެދާނެއެވެ. މުދަލުގެ ބަރަކާތްނެތި އެމުދަލަކީ ވަބާއެއްކަމުގައި ވެދާނެއެވެ. ޤިޔާމަތްދުވަހު ގަދަފަދަ ވޭންދެނިވެ އަޒާބަށް ހުށައެޅިގެންދާ މީހަކަށް ވެގެން ހިނގައިދާނެއެވެ.

ޒަކާތްދެއްކުމަކީ އާދައިގެ ކަމެއްކމަުގައި ހީކޮށްގެން ނުވާނެއެވެ. އަދި އެއީ އެކަމަށް އިންކާރު ކޮށްފި މީހެއްގެ އިސްލާމްކަން ނެތިގެންދާފަދަ ކަމެކެވެ.މިއުއްމަތުގެ ފުރަތަމަ ހަލީފާ، އަބޫބަކުރުއްޞިިއްދީޤު ގެ ޒަމާނުގައި ޒަކާތް ނެރުމުން މަނާވެގަތް މީސްތަކުންނާއި އެކަލޭގެފާނު ހަނގުރާމަ ކުރެއްވެވިއެވެ. މިކަމުންވެސް ޒަކާތުގެ މިހިއްމުކަން ހާމަވެއެވެ.

ޒަކާތަކީ ފަޤީރުކަމަށްއޮތް ހައްލެކެވެ. ކީރިތި ޤުރުއާނުގައި ނަމާދާއެކު ވިދިގެން ބަޔާންކުރައްވާފައިވާ އަޅުކަމެކެވެ. އެހެންކަމުން ނަމާދަށް އީމާންވެ ، ނަމާދުކުރަމުން ، މުދަލުން ޒަކާތް ނުނެރޭނަމަ ނުވަތަ ނަމާދުކުރަމުން ޒަކާތް ނެރުމުގައި އިހުމާލުވާނަމަ އަޅުގަނޑުމެންގެ އިސްލާމްކަން ފުރިހަމައެއް ނުވެއެވެ.

ކީރިތި ޤުރުއާނުގައި ނަމާދާއި ޒަކާތް އެކުއެކީގައި މަދުވެގެން 25 ފަަހރު ބަޔާން ކުރައްވާފައިވެއެވެ. ކަންމިހެން އޮތްއިރު  އަޅުގަނޑުމެން ޒަކާތް ނެރުމުގައި ޤާފިލުކަން މަތީގައި ދަހިވެތިކަމުގެ މަޅީގައި ބެދި ޒަކާތް ދިނުން ލަސްކުރަން ނުވަތަ އެކަމަށް ފަރުވާކުޑަކުރުން ވެގެންދާނީ ކޮންފަދަ ނުބައިކަން ބޮޑު ކަމަކަސް ހެއްޔެވެ؟.

އަޅުގަނޑުމެން ޒަކާތުގެ ގޮތުގައި ނެރޭ ކުދަ މިންވަރުން މުޖުތަމައު އަށް ކުރާ މަންފާއާއި ، ޒަކާތުގެ އަހުލުވެރިންނަށާއި ، އޭގެ ހައްޤުވެރި ފަޤީރުންނަށާއި ، މިސްކީނުންނަށާއި ، ދަރަނިވެރިންފަދަ މީހުންނަށް ލިބިގެން އެދަނީ ކިހާ ބޮޑު އެހީތެރިކަމެއް ހެއްޔެވެ. 

އަޅުގަނޑުމެން ނެރޭ ޒަކާތުން އެނިކަމެތިންގެ ޙާއްޖަތްތައް ފުއްދުމަސް ފުރުސަތު ލުބުމަކީ އަޅުގަނޑުމެނަށް އޮތް ކޮންފަދަ މަތިވެރި އުފަލެއް ހެއްޔެވެ؟

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *