ފުލުހުން ކުރަމުންގެންދާ ތަހުގީގަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު 2:00 އަށް ފުލުހަށް ހާޒިރު ކޮށްފި އެވެ. ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރު ކުރިއިރު އެ މަނިކުފާނުގެ ވަކީލެއްގެ ގޮތުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވަނީ ފުލުހަށް ވަޑައިގަންނަވާފައެވެ.
މިއަދު އެމަނިކުފާނު ފުލުހަށް ހާޒިރު ކުރެވުނީ އިތުރު 2 ތަހުޤީގަށް ކަމަށް އެނގިފައިވާއިރު، އެމަނިކުފާނާ ގުޅޭ ގޮތުން ތަހުގީގު ކުރަމުން ދަނީ ސީދާ ކޮންމައްސަލައެއް ކަމެއް ހާމަ ކޮށްފައެެއްނުވެއެވެ.
ރައީސް ޔާމީންގެ މައްޗަށް މިހާތަނަށް ދައުވާ އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން އެސްއޯއެފްއަށް ލިބުނު ފައިސާތަކެއް އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވި މައްސަލާގަ އެވެ. އެ މައްސަލާގައި އެމަނިކުފާނާ ދެކޮޅަށް އެ ކޮރަޕްޝަންގައި އެންމެ ބޮޑަށް ތުހުމަތުވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހެކިބަސް ދެއްވި އެވެ.
ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ރައީސް ޔާމީން ޖޫރިމަނާ ކުރަން ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ. މިހާރު މިމައްސަލަ ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.