ފުލުހުންނަށް ހުށަހަޅާ ޖިނާޢީ މައްސަލަތަކުގެ ތަހުގީގުގައި ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު، އެ މައްސަލައާ ގުޅުންހުރި ފަރާތްތަކަށް ލިބޭނެ އިންތިޒާމް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހަމަޖައްސައިފިއެވެ.

މީގެ ކުރިންވެސް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލައެއް ހުށަހެޅުނުކަމާއި، އެ މައްސަލަ ކޭސްކުރާ ހިސާބުން، ކޭސް ނަމްބަރާއެކު މައްސަލަ ތަހުގީގު ކުރުމަށް ކަނޑައެޅޭ އިންވެސްޓިގޭޝަން އޮފިސަރުގެ މައުލޫމާތާއި ހުށަހެޅިފައިވާ މައްސަލައެއްގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓް ކުރަން ފޮނުވުމުން ނުވަތަ ދައުވާކުރެވޭ ވަރަށް ހެކި ނުލިބުމުގެ ސަބަބުން ފައިލްކުރުމުންވެސް އެ މައްސަލަ ހުށަހަޅާފަރާތަށް އެ މައުލުމާތު އޮޓޮމޭޓެޑް ސިސްޓަމެއްގެ ތެރެއިން އެސްއެމްއެސް މެދުވެރިކޮށް ހިއްސާކުރަމުން ގެންދެއެވެ.

ނަމަވެސް، މިހާރު މި ގެނެވުނު ބަދަލާއެކު، ކުރިން ހިއްސާކުރަމުން ގެންދިޔަ މައުލޫމާތުގެ އިތުރުން، މައްސަލައިގެ ތަހުގީގުގައި އިންވެސްޓިގޭޝަން އޮފިސަރުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު މައްސަލައާ ގުޅުންހުރި ފަރާތްތަކަށް ހިއްސާކުރަމުން ގެންދާނެއެވެ.

މި ޚިދުމަތަށް މި ގެނެވުނު ބަދަލާއެކު ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު، މައްސަލައާ ގުޅުންހުރި ފަރާތްތަކަށް ކުރިއަށްވުރެ ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

މި ޚިދުމަތަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޓްރެޓީޖިކް ޕްލޭން 2019-2024 ގައި ކަނޑައަޅާފައިވާ އޯގަނައިޒޭޝަނަލް ރިފޯމް އެންޑް ޓްރާންސްފޮމޭޝަން ލަނޑުދަނޑީގެ ދަށުން ހާސިލްކުރަން ކަނޑައަޅާފައިވާ މަޤުޞަދުތައް ހާސިލްކުރުމަށްޓަކައި ގެނެވުނު މުހިއްމު ބަދަލެއްކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *