ކޮވިޑް ވެކްސިން ޖެހުމަށް، ސިއްހީ ހިދުމަތްތެރިޔަކު ތައްޔާރުވަނީ -- ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 ގެ ބަލިމަޑުކަމާއި މުޅި ދުނިޔެ ހަނގުރާމަ ކުރަމުންދާ ހައްސާސް ހާލަތުގައި، އަންހެނުންގެ ދައުރު ހުރިހާ ދާއިރާއަކުން ފާހަގަކޮށްލެވޭ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފި އެވެ.

މިއަދު ފާހަގަ ކުރާ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން ކުރީގެ ރައީސް މަޢުމޫން އަބްދުލްޤައްޔޫމްގެ ޕާޓީ، އެމްއާރުއެމް އިން ނެރުނު ބަޔާނުގައި ވަނީ،، ނިމިދިޔަ އަހަރަކީ ދަތި އުނދަގޫ އަހަރެއް ނަމަވެސް، ވެކްސިނާއެކު ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތަށް އާ އުއްމީދުތަކެއް ލިބިފައިވާ ކަމަށެވެ.

އަދި ކޮވިޑާއި ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކަން ފާހަގަ ކުރައްވާ، އެމްއާރުއެމް އިން ވަނީ، އެކަމުގައި ބުރަކޮށް މަސައްކަތް ކުރައްވާ އަންހެނުންނަށް ޝުކުރު ދަންނަވާފައެވެ.

ވަރުބަލިކަމެއްނެތި ޤައުމާއި ރައްޔިތުންނާއި އާއިލާތަކުގެ ހައްޤުގައި ރެއާއި ދުވާލު ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ އެންމެހާ އަންހެނުންނަށް މިފުރުޞަތުގައި ޝުކުރާއި އައްސަރިބަހާއި ސާބަސް ދަންނަވަން

އެމްއާރުއެމް އިން ބުނީ، ރާއްޖޭގައިވެސް ގާބިލް، ހިތްވަރުގަދަ އަންހެން ބޭފުޅުން ފްރަންޓްލައިންގައި އާއި، ސިއްހީ އަދި ނަފްސާނީ ހިދުމަތުގައި ލާމަސީލު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ މަންޒަރު ފެންނަމުންދާ ކަމަށާއި، އެބޭފުޅުންގެ ގުރުބާނީ ތާރީޚުގައި ރަންއަކުރުން ލިޔެވިގެންދާނެ ކަމަށެވެ.

ފްރަންޓްލައިންގައި ގިނަ އަންހެނުން ހަރަކާތްތެރިވި ނަމަވެސް، ސިޔާސަތު ކަނޑައެޅުމާއި، ގޮތް ނިންމާ ފެންވަރުގެ މަގާމުތަކުގައި އަންހެނުންގެ ނިސްބަތް އަދިވެސް ވަރަށް މަދުކަން އެމްއާރުއެމް އިން ފާހަގަ ކުރެއެވެ. އަދި ހުރިހާ ދާއިރާއަކުންވެސް ފުރިހަމަ ނަތީޖާ ނެރެވޭނީ އަންހެނުންނާއި ފިރިހެނުންގެ ހިޔާލާއި މަޝްވަރާ ހޯދައި، މިންތީގެ ހަމަހަމަކަން ގާއިމް ކުރެވިގެން ކަމަށް އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދީ ހަމަހަމަ ފުރުޞަތު ކަށަވަރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމަށް ދެކޭ ކަމަށް އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.

އެމްއާރުއެމް އިން ވަނީ، ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، ސިޔާސަތު ކަނޑައަޅާ މަގާމުތަކުގައި އަންހެނުންގެ ނިސްބަތް އިތުރު ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކޮށްފައެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބުގައި އަންހެނުންނަށް 33 އިންސައްތަ ގޮނޑި ހާއްސަ ކުރެއްވުމަށް ނިންމެވި ނިންމެވުން އެޕާޓީން ފާހަގަކުރެއެވެ.

ސިޔާސީ މައިދާނުގައި މިންތީގެ ހަމަހަމަކަން ކަށަވަރުކޮށްދިން ފުރަތަމަ ސިޔާސީ ޕާޓީއަކީ އެމްއާރުއެމް ކަން ފާހަގަ ކުރަމުން އެޕާޓީ ވަނީ، އަސާސީ ގަވާއިދުގައި ޕާޓީގެ ހުރިހާ ގުނަވަނެއްގައި މިންތީގެ ހަމަހަމަކަން ގާއިމް ކުރުން ލާޒިމް ކަމަށް ލިޔެ، އެގޮތަށް އަމަލުކުރަމުންދާ ކަމަށް އެޕާޓީން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *