އަމިއްލަ ގޮތުން ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަން ނިންމަވާފައިވާ އަލްހާން ފަހުމީ ޖުމްހޫރީ ޕާޓީއިން ވަކިވެވަޑައިގެންފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އަލްހާން ފޮނުއްވި ސިޓީއެއްގައި ބަޔާންކޮސްފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން އަލްހާން ވާދަކުރެއްވި ނަމަވެސް ޖޭޕީގެ މެންބަރަކަށްވާތީ ބައެއް މީހުން އޭނާގެ ސިޔާސީ ވިސްނުމާ މެދު ސުވާލު އުފައްދަމުން ގެންދާ ކަމަށެވެ.
އަލްހާން ވަނީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާފައެވެ. އަލްހާން ބަލިކުރުމަށްފަހު އެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ އިބްރާހިމް މުއިއްޒު އެވެ. އަލްހާން އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ފޭދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރިން ކުރެއްވިއެވެ. ޑީއާރްޕީ އާއެކު ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވި އަލްހާންވަނީ އެމްޑީޕީ އަދި ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައިވެސް ހަރަކާތްތެރިވެފައެވެ. މިއީ އެމްޑީޕީގެ ނައިބު ރައީސްކަންވެސް ކުރެއްވި އަލްހާން ފަހުމީ ޖުމްހޫރީ ޕާޓީއައި ގުޅިވަޑައިގައިން ދެވަނަ ފަހަރެވެ. އަލްހާން ޖޭޕީއާ ދެވަނަ ފަހަރަށް ގުޅިވަޑައިގަތީ 2018 ވަނަ އަހަރުގެ ފަހުކޮޅުއެވެ.