ކޮންމެ އަހަރެއްގެވެސް ރޯދަމަހާއި ވިދިގެން އަންނަ ފިޠުރުޢީދު ދުވަހަކީ ސަލްމާންގެ އާ ފިލްމެއް، ޢީދު ހަދިޔާގެ ގޮތުގައި ބެލުންތެރިންނާއި ހަމައަށް ގެނެސްދޭ ދުވަހަކެވެ. އެހެންކަމުން ސަލްމާންގެ ސަޕޯޓަރުން މިއަހަރު އެންމެ އިންތިޒާރު ކުރާނީ މި އަހަރުގެ ޢީދު ދުވަހު އަޅުވާ "ރާދޭ- ދަ މޯސްޓް ވޯންޓެޑް ބާއީ" އަށެވެ. މި ފެށޭ މަރރިޗް މަސް ތެރޭގައި ފިލްމުގެ ޓްރެއިލަރ އާންމުންނާއި ހަމައަށް އަންނާނެއެވެ. ސަލްމާން އަދި ދިޝާ ޕަޓާނީ ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގައި ރަންދީޕް ހޫޑާ އަދި ޖެކީ ޝްރޮފްގެ މުހިންމު ރޯލަކުން ފެންނާނެއެވެ. ޕްރަބޫ ދޭވާ ޑައިރެކްޓްކުރާ މި ފިލްމުގައި ސަލްމާން ފެނިގެންދާނީ އަންޑަރކަވަރ އޭޖެންޓެއްގެ ގޮތުގައެވެ. ތިއެޓަރު ތަކުގައި ފިލްމު އަޅުވަން ހަމަޖެހިފައިވަނީ މެއި 22 ގައެވެ. '' ރާދޭ"ގެ ފަހުން ދެން އެންމެ އަވަހަށް ނިކުންނަން އޮތް ސަލްމާންގެ ފިލްމަކީ "ކަބީ ޢީދު ކަބީ ދިވާލީ"އެވެ.
ދެން އޮތީ 2020 ވަނަ އަހަރުގެ އެންމެ ބޮޑު ފިލްމު، ރޯހިތުޝެޓީގެ "ސޫރިޔަވަންޝީ" އެވެ. ލީޑް ރޯލުން އަކްޝޭފެނިގެންދާ މި ފިލްމަކީވެސް ގިނަބަޔަކު އިންތިޒާރުކުރަމުންދާ ފިލްމެކެވެ. މިހާރު މަޝްވަރާކުރެވެނީ 24 މާރިޗް ގައި މި ފިލްމު އެޅުވުމަށެވެ. އަކްޝޭއާއިއެކު ކެޓްރީނާ ކައިފް ފެނިގެންދާ މި ފިލްމުގެ ވަރަށް ޚާއްސަ ރޯލަކުން އަޖޭ ދޭވްގަން އަދި ރަންވީރު ސިންގ ފެނިގެންދާނެއެވެ. މި ފިލްމުގެ ފަހުން ދެން އަންނަން ހުރި އަކްޝޭގެ ފިލްމުތަކަކީ "ލަކްޝްމީ ބޮމް"، "ބައްޗަން ޕާންޑޭ"، "ބެލް ބޮޓަމް" އަދި "އަތުރަންގީ ރޭ" އެވެ.
"ރާދޭ"ގެ ޕްރޮޑިއުސަރުން ދަނީ، "ސޫރިޔަވަންޝީ" އަޅުވާ އިރު "ރާދޭ"ގެ ކުޑަ ޓްރެއިލަރ އެއް ދެއްކުމަށް ވާހަކަ ދައްކަމުންނެވެ. ނަމަވެސް މިކަން ހަމަޖެހުނުކަން އަދި ޔަގީނެއް ނުވެއެވެ.