ފިންލެންޑަކީ ދުނިޔޭގެ ނިސްބަތުން އެންމެ ކުށްމަދު، މީހުންއެކުވެރި އަދި ޅަފަތުގައި ކުދިންމަރުވާ ރޭޓް އެންމެ ދަށް ޤައުމެވެ. ފިންލެންޑްގައި ވަނީ އަލަށް އުފަންވާކުދިންނަށް، 60 އައިޓަމް ހިމެނޭ ހަދިޔާވަށި ދޭން ފަށައިފައެވެ. މި ހަދިޔާވަށީގައި ހެދުމާއި ރަޖައާއި އެނދުގައި އަޅާ ބެޑްޝީޓް އަދި ބާލީހުގެ އިތުރުން ކުޅޭތަކެއްޗާއި މައިމީހާއަށް ބޭނުންވާ ބައެއް ސާމާނުވެސް ހިމެނެއެވެ. އެންމެ މޮޅު ކޮލިޓީގެ ބާވަތްތައް އެކުލެވިގެންވާ މި ހަދިޔާވަށީގެ ފޮށިގަނޑު ވެސް ފަރުމާކުރެވިފައިވަނީ، މުޅިދުނިޔޭގެ އިތުބާރު ލިބިފައިވާ "އިކިޔާ" ކުންފުނިން، ތުއްތުކުއްޖާގެ އެނދެއްގެ ގޮތުގައި ބޭނުންކުރެވޭ ފެންވަރަށެވެ. މި ވަށީގައި ހުންނަބާވަތްތައް، މެޓަރނިޓީ ޕެކެޖް ވެބްސައިޓުން ބަލާވެސް ލެވޭނެއެވެ. އެހެންކަމުން މި ޕެކޭޖްގައި ހިމެނޭތަކެތި، ހުރިނަމަ ޕެކެޖްގެ ބަދަލުގައި 170 ޔޫރޯގެ ވައުޗަރަކަށް އެދުމުގެ ފުރުސަތުވެސް އޮވެއެވެ. މި ޤައުމުގައި ދިރިއުޅޭ ބޭރުޤައުމު ތަކުގެ މީހުނަށްވެސް މި ހަދިޔާވަށި ލިބެއެވެ.
މިއީ ފިންލެންޑްގައި އަލަށްފެށިކަމެއް ނޫނެވެ. އަލަށް އުފަންވާ ކުދިންނަށް ހަދިޔާވަށިދޭންފެށީ 1938 ގައެވެ. އޭރު އެވަށީގައި ހުންނަނީ ރަޖައަކާއި، ތުއްތުދަރިފުޅުގެ އެނދުގައި އަޅާ ބެޑްޝީޓާއި ނެޕީގެ އިތުރުން ތުއްތުދަރިފުޅަށް ހެދުންފެހުމަށް ބޭނުންވާ ފޮތިކޮޅެކެވެ. މި ހަދިޔާވަށި ދޭން ފެށުނީ މަދުން އާމްދަނީ ލިބޭ މައިންނަށް ޢަމާޒުކޮށްގެންނެވެ. 1949 އިން ފެށިގެން ފިންލެންޑްގެ ކޮންމެ މަޔަކަށް އަދި ފިންލެންޑް މީހަކާ އިނދެގެން އުޅޭ ކޮންމެ މަޔަކަށްވެސް ލިބެއެވެ. ކުއްޖަކު އެޑޮޕްޓްކުރިއަސް ބެލެވެނީ އެއް މިންގަނޑަކުންނެވެ. ހަދިޔާވަށީގައި ހުންނަ ތަކެތި ކޮންމެ އަހަރަކު ބަދަލުކުރަމުން އިތުރުކުރަމުން އައިސް މިހާރު މިވަށީގައި 60 އައިޓަމް ހިމެނެއެވެ. މާބަނޑުވާތާ ފުރަތަމަ 4 މަސް ތެރޭގައި މާބަނޑުމީހުންގެ އެއްވެސް ކްލިނިކަކަށް ނުވަތަ ހޮސްޕިޓަލަކަށް ދައްކާފައިވާ ފަރާތްތައް، ކަމާއި ބެހޭ އިދާރާގެ ރެކޯޑްތަކަށް އަރާނެއެވެ. މާބަނޑުވާތާ 154 ދުވަހުގެ ފަހުން ބައިގެންދިޔަނަމަވެސް މިހަދިޔާވައްޓަށް ޝަރުތުހަމަވާތީ، ފީނިޝް ސޯޝަލް ސެކިއުރިޓީ ކައުންސިލުން އެފަރާތަކަށް މި ހަދިޔާވަށި ރައްދުކޮށްދޭނެއެވެ. އޮންލައިންކޮށް އެޕްލައިކޮށްގެން ނުވަތަ ފޯމެއް ފުރައިގެންވެސް މި ހަދިޔާ ވައްޓަށް އެދެވިދާނެއެވެ. މިހާފުރިހަމަ ނިޒާމެއްގެ ދަށުން މިކަން ހިނގަމުންދާތީ، މިއީ ކިހާބޮޑު އާބާދީއަކަށް ދެވޭ ޚިދުމަތެއްތޯ ކިޔުންތެރިންގެ ހިތުގައި ސުވާލު އުފެދިދާނެ ކަމަށްޓަކައި ހާމަކޮށްލަދޭނަމެވެ. މިއީ 5.5 މިލިއަން މީހުންގެ އާބާދީއަކަށް އަލަށް އުފަންވާ ކޮންމެ ކުއްޖެއް ނުވަތަ އެޑޮޕްޓްކުރެވޭ ކޮންމެ ކުއްޖަކާއި މެދު ޤައުމެއްގެ ސަރުކާރުން ޢަމަލުކުރަމުންދާ ގޮތެވެ. ކިހާ ފުރިހަމަ ތޯއެވެ.
މީގެއިތުރުން ފިންލެންޑްގައި، އަލަށް މަންމައަކަށް ވުމުން، ބައްޕައަކަށް ވުމުން އަދި ދަރިފުޅަށް ލިބޭ އިނާޔަތްތަކުގެ އިތުރުން، ދަރިން ބެލެހެއްޓުމަށް، ދަރިން ބަލިވުމުން، ނުކުޅެދޭކުދިންނަށް އަދި ކުދިން އެޑޮޕްޓުކުރާ ފަރާތްތަކަށްވެސް އެލަވަންސްލިބެއެވެ. ދުނިޔޭގެ އެންމެ އުފާވެރިޤައުމުގެ ގޮތުގައި ފިންލެންޑް ހޮވިފައިވަނީ އެއްވެސް ސަބަބެއް ނެތިއެއް ނޫނެވެ. ފިންލެންޑް ސަރުކާރުން ތުއްތުކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް މިދޭ ސަމާލުކަމުގެ ސަބަބުން ޙާޞިލުކޮށްފައިވާ އެންމެ ބޮޑު ކާމިޔާބަކީ، 5 އަހަރުން ދަށުގެ ކުދިން މަރުވާ ރޭޓް، 1000 ކުއްޖަކުން 1.7 ކުދިންނަށް ތިރި ކުރުމެވެ. އެމެރިކާގައި މިރޭޓް އުޅެނީ 6.53 ގައެވެ.
ޤައުމުގެ ރައުސުލްމާލު ރައްޔިތުންގެ ހެވާއި ލާބައަށް ހޭދަކުރުމުގެ އެންމެ ފުރިހަމަ ނަމޫނާ ދައްކަމުންދާ ފިންލެންޑަށް މީގެ ހެޔޮ ބަދަލުވެސް ދަނީ ލިބެމުންނެވެ. ފިންލެންޑަކީ ޔޫރަޕްގެ އެންމެ ފަޤީރު ޤައުމުގެ ގޮތުގައި ބެލެވުނު ޤައުމެވެ. ނަމަވެސް ހަރުދަނާ ސިޔާސަތުތަކާއި، ރައްޔިތުންގެ އެއްބާރުލުމާއި އެކު މިއަދު ފިންލެންޑަކީ ޔޫރަޕްގެ އެންމެ ތަނަވަސް އެއްޤައުމެވެ. ފިންލެންޑަށް ވުރެވެސްތަނަވަސް ޤައުމުތައް ޔޫރަޕްގައިވެސް ވެއެވެ. ފިންލެންޑް ތަފާތުވަނީ ޤައުމުގެ ތަނަވަސްކަން ހޭދަކުރަމުންދާ ގޮތުގެ ސަބަބުންނެވެ. ތަނަވަސްކަމުގެ ބޮޑު ބައެއް ހޭދަކުރަނީ ކުޑަކުދިންނާއި ގުޅޭ އެކިއެކި ކަންކަމަށެވެ.
ހަދިޔާވަށީގެ ނަމުގައި ބައެއް ޤައުމުތަކުން ހުސްވަޢުދު ވަމުންދާއިރު، ފިންލެންޑްގައި އެންމެ ފުރަތަމަ ހަދިޔާވަށި ލިބުން ކުދިންގެ އުމުރުން 82 އަހަރުވީއެވެ. ފިންލެންޑްގެ ހަދިޔާވަށި، ބައިނަލްއަޤްވާނީ ސަމާލުކަމަށް އައީ 2013 ގައެވެ. އެހިސާބުން ބައެއް އެހެން ޤައުމުތަކުން، މިކަން ނަމޫނާއަކަށް ބަލައިގަނެ މިކަން ކުރަންފެށިއެވެ. އެގޮތުން 2015 ވަނަ އަހަރު ޖުލައި މަސްތެރޭގައި އާޖެންޓީނާގައި، 2018 ގައި ސްކޮޓްލެންޑްގައި އަދި 2017 ގައި އޮސްޓްރޭލިޔާގެ ނިއު ސައުތު ވޭލްސްގައި އަލަށް އުފަންވާ ކުދިންނަށް ހަދިޔާވަށި ދޭންފެށުނެވެ. އެމެރިކާގައި މިކަން އެންމެ ފުރަތަމަ ފެށީ 2017 ވަނަ އަހަރު ނިއު ޖަރޒީގައެވެ.