މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް މިއަދު އަވަހާރަވެއްޖެ އެވެ. ހުސްނީ މުބާރަކް އަވަހާރަވީ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮންނެވެ. ހުސްނީ މުބާރަކް ބަލި ހާލުކޮޅުގައި އޭނާ އުޅުއްވާތާ މިހާރު ވަނީ ގިނަ އަހަރުތަކެއް ވެފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މުބާރަކުގެ އޮޕަރޭޝަނެއް ޖެނުއަރީ 24 ވަނަ ދުވަހު ކޮށްފައިވާ ކަމަށް އެމަނިކުފާނުގެ ދަރިކަލުން އާލާ މުބާރާކް ވަނީ ވިދާޅުވެފައެވެ.
ހުސްނީ މުބާރަކް މިސްރުގެ ރައީސްކަމުގެ މަގާމާއި ހަވާލުވެ ވަޑައިގެންފާވަނީ 1981 ވަނަ އަހަރުއެވެ. ހުސްނީ މުބާރަކްގެ ވެރިކަން ނިމުމަކަށް އައިސްފައިވަނީ 2011 ވަނަ އަހަރު އެގައުމުގައި އޭނާއާ ދެކޮޅަށް ކުރި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން އަމިއްލަ އަށް އިސްތިއުފާ ދެއްވުމުންނެވެ. މުޒާހަރާތައް ހުއްޓުވުމަށް ސިފައިން ބާރުގެ ބޭރުން ކުރުމުން ވަނީ 850 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ. މުބާރަކުއޭރު ވިދާޅުވެފައިވަނީ އެއްވެސް މީހަކު މެރުމަށް އަމުރު ނުކުރާ ކަމަށާއި އެމަނިކުފާނަކީ އަމިއްލަ އެދުމެއް ނެތި ގައުމަށް ޚިދުމަތް ކުރި މުހާޖިދެއްގެ ގޮތުގައި ތާރީޚް ހެކިވާނެ ކަމަށް ވިދާޅުވެފައެވެ.
މިސްރުގެ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން މުބާރަކުވަނީ 1972-1975 އަށް ވައިގެ ސިފައިންގެ ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. ހަނގުރާމައިގެ ބަތަލެއްގެ ގޮތުގައި ގިނަބަޔަކު ސިފަކުރާ މުބާރަކަށް ވެރިކަން ލިބިވަޑައިގެންނެވީ ކުރީގެ ރައީސް އަންވަރު ސާދާތު އަވަހާރަކޮށްލުމުންނެވެ. އޭރު މުބާރަކް ހުންނެވީ މިސްރުގެ ނައިބް ރައީސްގެ މަގާމުގައެވެ.