ގަވާއިދާ ހިލާފަށް ރާއްޖޭގައި އެޅެމުންއަންނަ ބިދޭސީން ދެނެގަތުމަށާއި އެމީހުންގެ ހަރަކާތްތައް މޮނިޓާ ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން "އަތޮޅު މޮޑިއުލް" ގެ ނަމުގައި ޕޯޓަލެއް ތައާރަފުކޮށްފި އެވެ.

މިއަދު އިމިގްރޭޝަން އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފުތިތާހު ކޮށްދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމާއި ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އެވެ.

އެންމެ ފުރަތަމަ ހއ. ހޯރަފުށިން ފެށުމަށް ހަމަޖެހިފައިވާ މި ޕޯޓަލްގެ ހިދުމަތް،  ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ދިނުމަށް އިމިގްރޭޝަނުން މަސައްކަތްކުރަމުން އަންނަކަމަށް އިމިގްރޭޝަނުންވަނީ ބުނެފައެވެ.

 ބިދޭސީންގެ މައުލޫމާތު މިޕޯރޓަލްއަށް އަޅަން ޖެހެނީ ރަށު ކައުންސިލްތަކުން ކަމަށާއި، ބިދޭސީ މީހާ އަކީ ގަވާއިދާ ހިލާފަށް އުޅޭ މީހެއް ނަމަ ލިޔެކިޔުންތައް ހަމަ ކުރުމަށް އޭނާ އަށް ވަކި މުއްދަތެއް ދެވޭނޭކަމުގައި ވެއެވެ. އެއް ރަށުން އަނެއް ރަށަށް ބިދޭސީއަކު ބަދަލު ވިޔަސް މި ޕޯޓަލް މެދުވެރިކޮށް، އެކަން ދެނެގަނެވޭނެ އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު ހަނަފީ ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމަކުން ރަށްރަށް ގުޅާލައިފައި އޮތުމުގެ ސަބަބުން، ބިދޭސީން ޓްރެކް ކުރުމަކީ މިވަގުތު ވަރަށްދަތި ކަމެއް ކަމަށެވެ. ނަމަވެސް މި ޕޯޓަލްއާ އެކު، އެ ކަންތައް ފަސޭހަވެ، ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް އިތުރު ލުއި ފަސޭހަތަކެއް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިމިގްރޭޝަނުން "އަތޮޅު މޮޑިއުލް" ޕޯޓަލް ތަރައްގީ ކުރަމުން އަންނަ އިރު، މި އަހަރުގެ ޖޫން މަހުން ފެށިގެން "ފޭޝަލް ރެކޮގްނިޝަން" ވެސް ޕޯޓަލުގައި ތައާރަފު ކުރާނެ އެވެ. މި ހިދުމަތާ އެކު، އެއްވެސް ރަށަކަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކަށް ނޭރޭނެ ކަމަށް އިމިގްރޭޝަން ހަނަފީ ވިދާޅުވި އެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.