ފާއިތުވި ދެ މަހެއްހާ ދުވަސް ތެރޭގައި، ނޯތު އީސްޓް އޭޝިޔާގެ ސުރުޚީތައް ފުރާލާފައިވަނީ، ކޮވިޑް-19 ގެ ޚަބަރުތަކުންނެވެ. އެންމެ ފުރަތަމަ ޗައިނާގެ ހޫބޭ ޕްރޮވިންސުން ފެނުނު ވައިރަސް ކޮންޓްރޯލް ނުވެ، މުޅި ޤަޢުމު ބަންދުކޮށްލަން ޖެހުނެވެ. ޖަޕާނުގެ ބޮޑު ކްރޫޒް ލައިނަރއެއްގައި ތިބި ގިނަބަޔަކު ކޮރޯނާއަށް ޕޮޒިޓިވް ވެގެން، ޕަސިންޖަރުން ނިޞްބަތްވާ ޤައުމުތަކުން ގޮސް އެ ކްރޫޒް ލައިނަރ ހުސްކުރިއެވެ. ސައުތު ކޮރެއާގައި ރާޅެއްހެން މި ވައިރަސް ފެތުރިގެން ދިޔައެވެ. ނަމަވެސް މިހުރިހާ ޤައުމުތަކުގެ މެދުގައިއޮތް ނޯތުކޮރެއާއިން ކޮރޯނާވައިރަސްއާއި ބެހޭގޮތުން ބަހެއްވެސް ނުބުނެއެވެ. ސުވާލަކީ ނޯތުކޮރެއާއިން ކޮރޯނާވައިރަސް ހަމަ ނުފެންނަނީ ހެއްޔެވެ؟ ނޫނީ އެ ޤައުމުން އެކަން ރިޕޯޓް ނުކުރަނީ ހެއްޔެވެ؟ މީހަކަށް ދެރައެއް ލިބުމުން އެހެން ހުރިހާ މީހުނަށް އެ ދެރަ ލިބެން އެދެނީކީ ނޫނެވެ. ނަމަވެސް މިއީ ބޮޑު ސުވާލެކެވެ.

ކަރަންޓީނުގެ ނިޒާމް.

ނޯތު ކޮރެއާއަކީ މުޅި ދުނިޔެއިންވެސް އެންމެ ބޮޑަށް "ބަންދުކުރެވިފައިވާ" ޤައުމުކަމުން، މިޤައުމުގައި މިވައިރަސް ފެތުރެމުން ދިޔަ ނަމަވެސް ނޭނގި ހިގައިދާނެއެވެ. ސަރުކާރުގެ ޕްރޮޕެގެންޑާ ފަތުރާ މީޑިޔާއިން ހާމަކުރާގޮތުގައި، މިހާތަނަށް އެ ޤައުމުން ކޯރޯނާއަށް ޕޮސިޓިވް ކޭހެއް ފެނިފައެއްނުވެއެވެ. ނަމަވެސް މިޤަމުގައި މީހުން ކަރަންޓީނު ކުރުމުގެ ކަންތައް ހިނގަނީ "އަސްކަރީ މިންގަނޑު"ގައެވެ. މީގެ އެންމެބޮޑު ހެއްކަކީ، ޗައިނާއަށް ގޮސްފައި އައި، މި ޤައުމުގެ އޮފީޝަލަކު ކަރަންޓީނު މަރުޙަލާނުނިމެނީސް، އާންމު ފާޚާނާ ބޭނުން ކުރުމުން އެ އޮފިޝަލު މަރާލުމެވެ. ހަލުވި ސްޕީޑުގައި ބަލި ފެތުރެމުންދާ ޤައުމުތައްވެސް ހިމަނައިގެން، މިހާ ސީރިއަސްކޮށް މިކަން ކުރަމުންދާ އެހެން ޤައުމެއް ނެތެވެ. ބައެއް މީހުނަށް ކަރަންޓީނު މަރުޙަލާ 30 ދުވަހާއި ހަމައަށް ދިގު ދަންމާލައެވެ.

ސްކްރީން ކުރުމުގެ ޤާބިލުކަން

ފަހުގެ ތާރީޚްތަކުގައި ދުނިޔޭގައި ފެތުރިގެން ދިޔަ ބޮޑެތިބަލިތަކުގައި ނޯތުކުރެއާއަށް އަސަރުކުރި ގޮތުން، އެޤައުމުން ކޮރޯނާވައިރަސް ނުފެނުން އެއީ ޤަބޫލުކުރަން ވަރަށް ދަތި ކަމެކެވެ. އެޤައުމުގެ އާންމު ސިއްޙަތުގެ ނިޒާމް އެކުލެވިފައިވަނީ އެއަށްވުރެ ބަލިކަށިކޮށް ކަމަށް ގިނަ ޤައުމުތަކުން ޤަބޫލުކުރެއެވެ. މިކަމަށް ބާރުދޭ ހެއްކަކީ، 2019 ވަނަ އަހަރު މޭމަހު އެފްރިކާގައި ފެތުރުނު އޫރުރޯގާގެ ސަބަބުން ޗައިނާގެ އޫރު ގެންގުޅޭ ފާމްތައް ފަނާކޮށްލިއިރު، އެ އަހަރުގެ ސެޕްޓެމްބަރުމަހުގެ ފަހުކޮޅަށް އެޅިއިރު މުޅި ނޯތުކޮރެއާއަށް މިރޯގާ ފެތުރުނުކަމަށް އެ ޤައުމުގެ ޖާސޫސީ އިދާރައިން ރިޕޯޓްކުރުމެވެ. އެހެންކަމުން އަޑަށް ކިތަންމެ ބާރެއްލާފައި ބުންޏަސް ބޮޑަށް ބުރެވެވެނީ، އެ ޤައުމުގައި ކޮވިޑް-19 އަށް ސްކްރީންކުރެވޭނެ ފުރިހަމަ ނިޒާމެއް ނެތްކަމަށެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި ކޮރޯނާވައިރަހަށް ޓެސްޓްކުރުމުގެ ފުރިހަމަ ނިޒާމެއް ނޯތުކޮރެއާގައި ނެތުމަކީވެސް، މި ވައިރަހަށް ޕޮސިޓީވް މީހުން ނުފެންނަ ސަބަބަކަށްވުން އެކަށީގެންވެއެވެ. މި ވައިރަސްގެ ސަބަބުން ޗައިނާ ބޯޑަރު އެއްކޮށް ބަންދުކޮށްފައި ވުމުން އަދި އަމްދުން، ނޯތުކޮރެއާގެ އަތުގައި މި ޤާބިލްކަށް ހުރުމާއި މެދު ގިނަ ބަޔަކު ޝައްކު ކުރެއެވެ. ނޯތުކޮރެއާއިން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއަށް ރިޕޯޓްކުރި ގޮތުގައި، 141 މީހަކަށް ޝައްކުވެގެން ޓެސްޓްކޮށްފައިވާ ކަމަށާ ނަމަވެސް އެންމެންގެ ޓެސްޓުގެ ނަތީޖާވެސް އައީ ނެގެޓިވްކޮށެވެ.

ހަލާކުވަމުންދާ އިޤްތިޞާދު

ކޮވިޑް-19 ގެ ސަބަބުން ޗައިނާ ބޯޑަރު ބަންދުކޮށްފައިވުމުން ނޯތުކޮރެއާއަށް ވެސް ދަނީ ވަރަށް ބޮޑެތިގެއްލުން ވަމުންނެވެ. ނޯތުކޮރެއާގެ 90 އިންސައްތަ ވިޔަފާރިވަނީ ޗައިނާގެ މައްޗަށް ބަރޯސާވެފައެވެ. އަދި ނޯތުކޮރެއާގެ ލީޑަރު އިސްނަންގަވައިގެން، ޗައިނާގެ ފަތުރުވެރިން ގެނައުމަށް ފަށާފައިވާ މަޝްރޫޢަށްވެސް މިކަމުގެ ސަބަބުންވަނީ ހިޔަނި އެޅިފައެވެ. ޖުމްލަކޮށް މުޅި ދުނިޔެއަށް އަމާޒުކޮށްގެން، 2019 ވަނަ އަހަރު އޮކްޓޯބަރު މަސް ތެރޭގައި އިޢުލާންކުރި މި ޕްރޮޖެކްޓްގެ ދަށުން ނޯތުކޮރެއާއަކީ ފަތުރުވެރިން ޒިޔާރަތްކުރަން ރައްކާތެރި ޤައުމެއްކަމުގައި ދައްކަން ގިނަ ހޭދަތަކެއްދަނީ ކުރަމުންނެވެ. އެގޮތުން ޓޫރިސްޓުންނަށް ޚާއްސަކޮށްގެން ސަމްޖިއޮންގ ގައި ސްކީ ރިސޯޓަކާއި ޔަންގޑޮކް ގައި ސްޕާ ރިސޯޓެއް މިއަހަރުގެ ކުރީކޮޅު ވަނީ ހުޅުވާފައެވެ. ނަމަވެސް ވަށައިގެންވާ ހުރިހާ ޤައުމެއްގައި މިބަލި ފެތުރެމުންދާ ދަނޑިވަޅެއްގައި ނޯތުކޮރެއާއަށް ވަކި ދާނީ ކާކުހެއްޔެވެ؟ ވިޔަފާރި ހުއްޓި، ޓޫރިޒަމްއަށް ކުރި އިންވެސްޓްމެންޓް އިޔާދަކުރެވޭނެގޮތެއް ނެތް ހާލުގައި، ކޮވިޑް-19 ދިގުދެމިގެން ދިއުންވާނީ ނޯތުކޮރެއާގެ ބަލިކަށިވެފައިވާ އިޤްތިޞާދުގެ "ރިހޭފައިމައްޗަށް ވެއްޓޭ ފޮއި" ކަމުގައެވެ.

ސަލާމަތީފިޔަވަޅުތައް ވެސް ސިއްރުން

ނޯތުކޮރެއާއަކީ އާންމު ޙާލަތުގައިވެސް ވަރަށް ފޮރުވިގެން އުޅޭ ޤައުމެއްކަމުން، އެ ޤައުމުގައި ހިނގާ ރަގަޅު ނުރަގަޅު އެއްވެސް ކަމެއް ބޭރު ދުނިޔެއަށް އެނގުމަކީ ވަރަށްވެސް ދަތި ކަމެކެވެ. ނަމަވެސް ސަލާމަތީ ފިޔަވަޅުތައް މިޤައުމުން އަޅާފައިވާ ވަނީ، މިވައިރަސް ނުފެތުރޭ ޤައުމެއްގެ މީހުން ޢަމަލުކުރާ ވަރަށްވުރެ މާ ހަރުކަށިކޮށެވެ. ޗައިނާ ބޯޑަރުވެސް ބަންދުކޮށްފައިވަނީ ހަމައެކަނި މީހުންނަކަށް ނޫނެވެ. ސިޓީ އުރައެއްގެ މިންވަރުވެސް އެތެރެވުން ނުވަތަ ބޭރުވުން މަނަލެވެ. ބޮޑެތިމުދަލުގެ ވާހަކަދެއްކުމެއްނެތްތާއެވެ. ބޭރުގެ ޑިޕްލޮމެޓުންނާއި ބައިނަލްއަޤްވާމީ ހުރިހާ ފަރާތްތަކެއްގެ މަސައްކަތްވަނީ ހުއްޓުވާފައެވެ. ނޯތުކޮރެއާގެ ލީޑަރު އާންމުގެތެރެއަށް ނިކުތުން ވަނީ މަދު ކޮށްފައެވެ. ޖެނުއަރީ 25 އިން ފެށިގެން 16 ފެބްރުއަރީ އާއި ދެމެދު އެއްގޮތަކަށްވެސް އާންމުތަނަކުން ފެނިފައެއްނުވެއެވެ. އަސްކަރީ ޕެރޭޑްތަކާއި ހަރަކާތްތައްވަނީ ކެންސަލްކޮށް ނުވަތަ ވަކި ތާރީޚެއް ނެތްގޮތަށް ފަސްކޮށްފައެވެ. ކޮންމެހެން ބޭނުންވެއްޖެ ހިނދެއްގައި މެނުވީ ބޭރަށް ނިކުތުން ވަނީ މަނާކޮށްފައެވެ.

ތަޖުރިބާކާރުންގެ ބަސް

ސައުތުކޮރެއާގެ ސޯލްގައި ހުންނަ ސިވިއަރެންސް ހޮސްޕިޓަލްގެ އިންޓަރނޭޝަނަލް ހެލްތު ކެއަރ ސެންޓަރުގެ އެންމެ އިސްފަރާތްކުގައިވާ ޑރ. ލިންޓަން ޖޯން ހާމަކުރި ގޮތުގައި، ނޯތުކޮރެއާގައި ހުނަރުވެރި ޑޮކްޓަރުން ތިބި ނަމަވެސް އެ ޤައުމުގައި ވަޞީލަތްތައްމަދެވެ. ޑރ. ލިންޓަން އަކީ ނޯތުކޮރެއާގައި ޓީ.ބީ އެންމެ ގަދައަށް ފެތުރިގެން ދިޔައިރު އެ ޤައުމުގައި އޮޕަރޭޝަން ތިއެޓަރުތަކެއް ހެދުމުގައި އިސްކޮށް ހަރަކާތްތެރިވި ޑޮކްޓަރެކެވެ. ބައެއް ހޮސްޕިޓަލްތަކުގައި އަތްދޮވެވޭނެ އިންތިޒާމް ހަމަޖެހިފައި ނުހުރެއެވެ. އެއްފަހަރު ބޭނުންކުރަން ހުންނަ އަންގި އެތައް ފަހަރުކު ބޭނުންކުރަން ޖެހެއެވެ. އައި.ވީ ފުޅީގެ ބަދަލުގައި ބިޔަރު ހުސްކުރިފުޅި ބޭނުންކުރަން ޖެހެއެވެ. ޑރ. ލިންޓަން އިތުރަށް ހާމަކުރިގޮތުގައި، ނޯތުކޮރެއާއިން ދަނީ ނުރަސްމީކޮށް ބައެއްފަރާތްތަކުގެ އެހީއަށް އެދެމުންނެވެ. އެގޮތުން އަންގި، ގައުން އަދި ހަޒްމަތު ސޫޓް ގިނަ އަދަދަކަށް ހޯދުމަށް އެދިފައިވެއެވެ. އެއްވެސް ކަމެއް ނުހިގާނަމަ، މިހުރިހާ ތަކެތި ގިނަ އަދަދަކަށް ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟ ޑރ. ލިންޓަން ބުނީ ސައުތުކޮރެއާއިން ތިބީ މިކަމަށް ބޭނުންވާ ސިއްޙީއާލާތް ފޯރުކޮށްދޭށެވެ. ނަމަވެސް ނޯތުކޮރެއާ އާއި ދެކޮޅަށް ބައިނަލްއަޤްވާމީގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މިކަންވާނީ ވަރަށްވެސް އުނދަގޫ ކަމަކަށެވެ. އެހެންކަމުން ޑރ. ލިންޓަން ސިފަކުރާ ގޮތުގައި، ނޯތުކޮރެއާގައި މި ވައިރަސް ފެތުރިއްޖެނަމަ އެ ވާނީ، "ހަމައެކަނި އެމީހުންގެ ސިއްޙީ މައްސަލައަކަށް ނޫނެވެ. އެވާނީ އަހަރެމެންގެ ސިއްޙީ މައްސަލައަކަށެވެ".

2012 ގައި ނޯތުކޮރެއާ ދޫކޮށް ސައުތުކޮރެއާއަށް ހިޖުރަކޮށްފައިވާ ޑރ. ޗޮއި ޖުންގ-ހޫން ހާމަކުރިގޮތުގައި ޗައިނާގައި ބަލިމަޑުކަމެއް ފެތުރިއްޖެނަމަ ނޯތުކޮރެއާއަށް އޭގެ އަސަރު ކުރެއެވެ. ހަމަ އެގޮތަށް ނޯތުކޮރެއާގައި ބޮޑުރޯގާއެއް ފެތުރޭނަމަ ޗައިނާއިންވެސް އެރޯގާ ފެނެއެވެ.

2003 ގައި ފެތުރުނު ސާރްސްގެ އަދި އެހެން ރޯގާތަކުގައިވެސް ނޯތުކޮރެއާއިން، ބަލިފެތުރެމުންދާ ރޭޓް ފުރިމަހައަށް ރިޕޯޓްކޮށްފައެއްނުވެއެވެ. ކޮރެއާ ޔުނިވަރސިޓީގެ ރިސްރޗް ޕްރޮފެސަރަކަށް މިހާރު މަސައްކަތްކުރާ ޑރ. ޗޮއި ހާމަ ކުރާ ގޮތުގައި، ނޯތުކޮރެއާއިން މިބަލި ނުފެންނަކަމަށް ބުނާބުނުން ޤަބޫލެއްނުކުރެވޭނެއެވެ. 2006 އަދި 2007 ގައި ނޯތުކޮރެއާގައި "ސްކާރލެޓް ފީވަރ" ފެތުރިގެން ދިޔައިރު ޑރ. ޗޮއި މަސައްކަތްކުރީ، ޓްރެއިންތަކުން ދަތުރުކުރާ ފަސިންޖަރުން ސްކްރީންކުރުމުގައެވެ. އެދުވަސްވަރުވެސް ބަލިތަކަށް ސްކްރީން ކުރުމުގެ އިންތިޒާމް ހުރިފެންވަރު ދަށްކަމުގެ ސަބަބުން ނޯތުކޮރެއާގެ މި ދަޢުވާއާއި އެއްބަސް ނުވެވޭނެކަމަށް އޭނާ ބުންޏެވެ. އިތުރަށް ޑރ. ޗޮއި ހާމަކުރި ގޮތުގައި، ނޯތުކޮރެއާގެ ސަރުކާރުން ހާމަކުރަން ބޭނުންނުވާ މަޢުލޫމާތެއް ހާމަކުރުމަކީ، ފެތުރިގެން އުޅޭ ބަލިމަޑުކަން ޖެހުމަށްވުރެވެސް ނުރައްކާތެރި ކަމަކަށްވާތީ، ސިއްޙީފަރުވާދޭ މީހުންވެސް މިކަމުގައި ހަނުތިބީއެވެ.

ނޯތުކޮރެއާއަކީ އެންމެބޮޑަށް ޓީ.ބީ ފެތުރިފައިވާ ޤައުމެވެ. އަދި މި ޤައުމުގެ 15 އިންސައްތަ މީހުންނަށް ހެޕަޓައިޓިސް-ބީ ޖެހިފައިވެއެވެ. މިއީ ނޯތުކޮރެއާގެ ސިއްޙީ ޤާބިލުކަން ހުރިފެންވަރު ކަމަށްވާއިރު، 32 ޤައުމަކަށް ފެތުރި، 2100 އަށްވުރެ ގިނަ މީހުން މަރުވި މި ބަލިމަޑުކަމުގެ އެއްވެސް އަސަރެއް ހަމަ ނޯތުކޮރެއާއަށް ނުކުރަނީ ހެއްޔެވެ؟

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *