ހަނގުރާމަވެރި ހާލަތްތަކާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެމެރިކާގެ ރައީސާއި އިސްވެރިން ދަތުރު ކުރައްވާ މަތިންދާބޯޓު ކަމަށްވާ ޑޫމްސްޑޭ ޕްލޭން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ޕާކްކޮށްފި އެވެ.
ޑޫމްސްޑޭ ޕްލޭން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ޖެއްސީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޑިއާއަށް ދަތުރުފުޅެއް ކުރައްވާފައި ވަނިކޮށެވެ.
މިބޯޓަށް ޑޫމްސްޑޭ ޕްލޭންގެ އިތުރުން އީ-4ބީ "ނައިޓްވޮޗް" ގެނަމުން ވެސް ކިޔައެވެ. މިގޮތަށް ތައްޔާރުކޮށްފައިވާ ޖުމްލަ 4 މަތިންދާބޯޓު އޮވެއެވެ.
ބޯއިން މަރުކާގެ ޑޫމްސްޑޭ ޕްލޭންގެ ނަމުން ނަން ދީފައިވާ މިމަތިންދާބޯޓަކީ އެމެރިކާގެ ރައީސް ދަތުރު ކުރައްވާ އެއާ ފޯސް ވަންގެ ބެކަޕެއްގެ ގޮތުގައި ބޭނުންކުރާ މަތިންދާބޯޓެކެވެ.
223 މިލިއަން ޑޮލަރުގެ އަގުހުރި މި މަތިންދާބޯޓު ތައްޔާރުކޮށްފައިވަނީ ނިއުކްލިއާ ބޮމުގެ އަސަރު ވެސް ނުކުރާ ފަދަ ގޮތަކަށެވެ. މިބޯޓުގެ އެއް ގަޑިއިރުގެ ދަތުރަކަށް 160،000 ޑޮލަރު ހޭދަވާ ކަމުގައި މައުލޫމާތު ލިބެއެވެ.